Advertisement

ސްޕެއިނުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

19 ޖޫން 2023 - 09:03 0

ސްޕެއިން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސްޕެއިނުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

19 ޖޫން 2023 - 09:03 0

ރޮޓެޑަމް، ނެދަލެންޑްސް (ޖޫން 19) - ޕެނަލްޓީ ޖަހައިގެން 5-4 އިން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިނުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ސްޕެއިނުން، މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ދެ ފަަހަރު ކުޅެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިން ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ. އަނެއް ކޮޅުން، މިއީ 2012 ވަނަ އަހަރުގެ ފަހުން ސްޕެއިނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލިބުނު ފުރަތަމަ ކާމިޔާބެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމިގެންދިޔައިރު، ވެސް ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑު ޖެހޭ ގޮތެއްނުވި އެވެ. ޕެނަލްޓީގައި ސްޕެއިނާއި ކްރޮއޭޝިއާ އިން ވެސް ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ގޮތުން، ސްޕެއިންގެ ހޮސޭލޫ، ރޮޑްރީ އަދި މިކޭލް މެރީނޯ ޕެނަލްޓީ ކާމިޔާބުކުރިއިރު، ކްރޮއޭޝިއާގެ ނިކޮލަ ވްލަސިޗް، މާސެލޯ ބްރޮޒޮވިޗް އަދި ލޫކަ މޮޑްރިޗް ޕެނަލްޓީ ކާމިޔާބުކުރި އެވެ.

ކްރޮއޭޝިއާގެ ހަތަރު ވަނަ ޕެނަލްޓީ ލޮވްރެން މާޔާ ޖެހުމުން ސްޕެއިން ކީޕަރު އުނާއި ސިމޯން މަތަކުރިއެވެ. ސްޕެއިންގެ ހަތަރު ވަނަ ޕެނަލްޓީ، މާކޯ އަސެންސިއޯ ވެއްދި އެވެ. ކްރޮއޭޝިއާގެ ފަސް ވަނަ ޕެނަލްޓީ އިވާން ޕެރިސިޗް ކާމިޔާބު ކުރިއިރު، ސްޕެއިނުން ޕެނަލްޓީ ޖަހަން ދިޔަ އައިމެރިކް ލަޕޯޓް ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. ކްރޮއޭޝިއާގެ ހަ ވަނަ ޕެނަލްޓީ ޖަހަން ދިޔަ ބްރޫނޯ ޕެޓްކޮވިޗް އަތުން ނާކާމިޔާބުވުމާ އެކު، ސްޕެއިންގެ ހަ ވަނަ ޕެނަލްޓީ ޖަހަން ދިޔަ ޑެނީ ކާވަހާލް ވަނީ ހަަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ.

މިއީ ވޯލްޑް ކަޕަށް ފަހު ސްޕެއިނާއި ހަވާލުވި ކޯޗު ޑެ ލަ ފުއެންޓޭ އަށް، އެ ޓީމު ގޮވައިގެން ކުރިއަށްދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެކެވެ.