Advertisement

ބޭބެ ރިޔާގެ 1500 މީޓަރުގެ ރެކޯޑް 30 އަހަރަށް ފަހު ފަޒީލް މުގުރާލައިފި

18 ޖޫން 2023 - 09:25 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ފަޒީލް ދުވުމުގެ ރޭހެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.


ބޭބެ ރިޔާގެ 1500 މީޓަރުގެ ރެކޯޑް 30 އަހަރަށް ފަހު ފަޒީލް މުގުރާލައިފި

18 ޖޫން 2023 - 09:25 0

ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ހުސެއިން ރިޔާޒް (ބޭބެ ރިޔާ) ހަދާފައިވާ 1500 މީޓަރު ދުވުމުގެ ރެކޯޑް 30 އަހަރަށް ފަހު ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) މިއަދު މުގުރާލައިފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި 1993 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ރިޔާ 4 މިނެޓު 0.6 ސިކުންތުން ދުވެގެން ހެދި ރެކޯޑް އިންޑިއާގެ އޮރިއްސާގައި މިހާރު ކުރިއަށްދާ އިންޑިއާގެ ނެޝަނަލް ސްޓޭޓް ޗެމްޕިއަންޝިޕުގައި ފަޒީލް މުގުރާލީ 3 މިނެޓު 57.44 ސިކުންތުން ދުވެގެންނެވެ.

މި ރެކޯޑަކީ ރާއްޖޭގެ އެތުލެޓިކްސްގައި މުގުރާނުލެވި އޮތް އެންމެ ގިނަ ދުވަސްވީ ރެކޯޑެވެ. މިހާރު އެންމެ ދުވަސްވީ ރެކޯޑަކަށް އޮންނާނީ 1999 ވަނަ އަހަރުގެ ސާފް ގޭމްސްގައި ނަސީރު އިސްމާއީލް ހެދި 800 މީޓަރު ދުވުމުގެ ރެކޯޑެވެ.

އޮރިއްސާގެ ކަލިންގާ ސްޓޭޑިއަމުގައި މިއަދު ހެނދުނު އޮތް 1500 މީޓަރުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުގައި ދުވެ ފަޒީލް ރޭސް ނިންމީ 10 ވަނައިގަ އެވެ. ކެރެލާގެ ސަލްމާން ފާރޫގަށް ވުރެ ކުރި ހޯދި ނަމަވެސް، އަނެއް ބުރަށް ދެވޭ ގޮތެއް ނުވި އެވެ. އެކަމަކު، ވާދަވެރި ރޭހެއްގައި ބައިވެރިކޮށް ދުވުންތެރިންގެ ފެންވަރު ވަޒަންކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ހޯދައިދިން މި ފުރުސަތުގައި އޭނާ ރެކޯޑް މުގުރާލުމަކީ ބޮޑު ކާމިޔާބެއް ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ފަޒީލް ދުވި މި ހީޓުން އެއް ވަނަ ހޯދީ 3 މިނެޓު 44.13 ސިކުންތުން ރޭސް ނިންމި އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޖޭ ކުމާރު ސަރޯޖް އެވެ.

މިޑްލް ޑިސްޓެންސް ކެޓަގަރީގައި ހިމެނޭ 1500 މީޓަރު ދުވުމުގެ އިވެންޓަކީ، ދުވުންތެރިއެއްގެ ގޮތުގައި ފަޒީލް ވިދާލި ރޭސް ވެސް މެ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ 1500 މީޓަރު ރޭސް އޭނާ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އަނިޔާގައި ވެސް ހުރެ އެވެ.

ބޭބެ ރިޔާ (ކ) އާއި ނަސީރު:


އެ ރޭސް އޭނާ ކާމިޔާބުކުރުމަށް ފަހު ނޫސްވެރިން ގާތު ބުނީ "އަޅުގަނޑުގެ ފޮތުގައި ނޯންނާނެ ގިވް އަޕް ކުރުމެއް" ނޯންނާނެ ކަމަށާއި "އަބަދުވެސް ދާނީ ކުރިއަށް" ކަމަށެވެ.

އޭގެ ފަހުން ދުވުމުގައި ފަސް އެނބުރި ބެލުމެއް ނެތި އޭނާ 5000 މީޓަރު، ފަސް ކިލޯމީޓަރު، 10،000 މީޓަރު އަދި 10 ކިލޯމީޓަރު ރެކޯޑް ހެދި އެވެ.

ފަޒީލް 5000 މީޓަރުގެ ރެކޯޑް މުގުރާލީ އެ ރެކޯޑް މުގުރާނުލެވި އޮންނަތާ 26 އަހަރު ފަހުންނެވެ. އޭނާ ފަސް ކިލޯ މީޓަރު ދުވުމުގެ ރެކޯޑް މުގުރާލީ 27 އަހަރަށް ފަހު އެވެ. ރާއްޖޭގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލީ 28 އަހަރަށް ފަހު އެވެ.

އޭގެ ފަހުން އަނިޔާގެ ސަބަބުން ދުވުމާ ދުރުގައި ހުރެފައި އެނބުރި ތަމްރީނަށް ދިޔައީ ނަސީރު ގާތަށެވެ. އެ ފަހަރު ނަސީރު ބުނީ ފަޒީލްގެ ޓާގެޓަކީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 1500 މީޓަރު ދުވުމުން މެޑެއްޔެއް ހޯދުން ކަމަށެވެ.

"ބޮޑު ޓާގެޓަކީ 1500 ހަތަރު މިނެޓު ބްރޭކްކުރުން،" ނަސީރު ބުނެފައިވެ އެވެ.

އެ ގޭމްސް ބޯމަތީގައި އޮއްވާ ފަޒީލް ރެކޯޑް މުގުރާލުމަކީ، މެޑަލް ހޯދަން ލިބޭނެ ހިތްވަރެކެވެ.