Advertisement

ގޭންގް ދިރިއުޅުމުން މަޖިލީހަށް: މޮސްޓާ ވިދާޅުވަނީ ދައުލަތުން އިސްލާހުކުރަން ނޫޅޭ ކަމަށް!

18 ޖޫން 2023 - 10:45 4


ގޭންގް ދިރިއުޅުމުން މަޖިލީހަށް: މޮސްޓާ ވިދާޅުވަނީ ދައުލަތުން އިސްލާހުކުރަން ނޫޅޭ ކަމަށް!

18 ޖޫން 2023 - 10:45 4

"އަޅުގަނޑުވެސް ބޮޑުވީ މިމުޖުތަމައު ތެރޭގައި. އަޅުގަނޑުގެ އުމުރުން 11 އަހަރުން ފެށިގެން އުޅެމުން މިދަނީ ހަމަ މި މާލޭގައި. ސްކޫލް ނިންމާފައި އަޅުގަނޑު ވެސް ނިސްބަތްވި ގޭންގެއް އޮތް،" ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އަކީ ގޭންގް މެމްބަރެއް ކަމަށް ކުރާ ތުހުމަތާ ބެހޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އޭނާ ވާހަކަ ފެއްޓެވީ އެ ހިސާބުންނެވެ.

އެހެން ނަމަވެސް އޭނާ ވަރަށް ބާރުލާފައި ވިދާޅުވި ގޮތުގައި އެ ދިރިއުޅުމުގައި ވެސް "ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް" އޭނާއަށް ހުއްޓެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ އެގޮތުން ދުވަހަކު ވެސް ނުކުރާ ކަމެކެވެ.

ގޭންގެއްގައި އުޅުނަސް މަސްތުވާތަކެތި ބޭނުންނުކުރާ ކަމަށް "އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމްގައި މޮސްޓާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެވާހަކައަށް ބާރުދޭން ދެއްކެވީ ސިޔާސީ މިސާލެކެވެ.

"،މިސާލަކަށް އެމްޑީޕީއޭ ބުނީމާ އެބަ ބުނޭ އެމީހުންނަކީ ލާދީނީ ޕާޓީއެކޭ. މިސާލަކަށް އެމީހުންގެ ތެރޭގައި ވެސް ތިބޭ ބަރާބަރަށް ނަމާދުކޮށް ރޯދަ ހިފާ، ރަލާއި މަސްތުވާތަކެއްޗާ ދެކޮޅުމީހުން ވެސް. ހަމަ އެެއުސޫލުން އަންނަ ކަންތަކުގެ ތެރޭގައި އަޅުގަނޑަށް ވެސް ހުންނާނެ [ނުކުރާނެ] ކަންތައްތަކެއް،" މޮސްޓާ ވިދާޅުވި އެވެ.

އުމުރުން 35 އަހަރު ފަހަނައަޅައި ދިޔަ އިރު މަސްތުވާ އެއްޗެއް ބޭނުންނުކުރުމާއި ދުންފަތުގެ އިސްތިއުމާލު ވެސް ނުކުރުމަކީ އެ އުސޫލުން ގޭންގުތަކުގެ އާއްމު ގޮތްގަނޑާ އޭނާއާ ހުރި ތަފާތެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ﷲ އިރާދަކުރެއްވިއްޔާ މި ދެތުންފަތުގައި ނުހުންނާނެ ސިނގިރެޓެއް ވެސް ޖައްސާލާފައި،" މޮސްޓާ ވަރަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސްތުވާއެއްޗެއް އޭނާ ބޭނުންކޮށްފައި ނުވާތީ އެފަދަ ކަމެއް ކުރަނިކޮށް ދުށް އިންސާނަކު ވެސް ނުހުންނާނެ އެވެ.

ގޭންގުތަކަށް ދައުލަތުން ބާރުދޭކަމުގެ ތުހުމަތު

ގޭންގު ދިރިއުޅުމުގައި ގޭންގްތަކުގެ އެންމެ އަޑީގައި އުޅެފައި ވާތީ، އެނގުނު ކަމެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވީ ރާއްޖޭގައި ގޭންގްތައް ހިންގަނީ ދައުލަތުން ކަމަށެވެ.

"އެލައިފުން އަޅުގަނޑަށް ފާހަގަވި އެއްޗަކީ އަބަދުވެސް ގޭންގަކީ ރާއްޖޭގައި ދައުލަތުން ހިންގާ އެއްޗެކޭ. ދައުލަތުން ބޭނުންވެއްޖެއްޔާ ގޭންގްތައް ހަމަ އެއްކޮށް މައިތިރިކުރިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އޭރުވެސް މިހާރު ވެސް ދައުލަތުން ގޭންގްތައް ހިނގަނީ،" މޮސްޓާ ވިދާޅުވި އެވެ.

ކުށުގެ ވެއްޓަށް ޒުވާނުން ދަނީ ކީއްވެތޯ ރާއްޖޭގައި ނުބަލާ ކަމަށާއި ކުށުގެ ވެށިން މީހުން ސަލާމަތްކުރަން އެކަށީގެންވާ މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ. ކުރެއްވި އަނެއް ތުހުމަތަކީ ސިޔާސީ ފަރާތްތަކުން ގޭންގްތަކުގެ ބޭނުން ހިފާ ކަމުގެ ތުހުމަތެވެ.

"ސިޔާސީ ބޭފުޅުންނޭ ގޭންގްތަކަށް ހަރަދުކުރަނީ. އަޅުގަނޑުމެން މައްޗަންގޮޅި [ގޭންގަށް] ނިސްބަތްވި އިރު އަޅުގަނޑުމެނަށް ފެނޭ [ސިޔާސީ މީހުން] އައިސް ، މުޒާހަރާ ރޫޅާލާށޭ ލާރިދޭނަމޭ، މިވެނިކަމެއް ކުރާށޭ ބުނާތަން،" މޮސްޓާ ވިދާޅުވި އެވެ.

އެފަދަ އެއް މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ސިޔާސީ ޕާޓީއެއްގެ ރައީސްގެ ގޭގައި ހުޅުޖެހުމެވެ. އެއީ ރާއްޖޭގައި އޭރު ކުރި މުޒާހަރާއަކާ އެމީހުންނާ ގުޅުވަން ކުރި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ހުއްޓުވަން މަސައްކަތް ނުކުރާކަމުގެ ހެއްކަކީ ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅަށް ކިޔަވައިގެން ތިބޭ ޒުވާނުންނަށް ހެދޭ އެންމެ ގޯހަކުން ބޮޑު އަދަބު ދިނުމާއި ދެވަނަ ފުރުސަތެއް ނުދިނުމެވެ.