Advertisement

ޔޫރޯ ކޮލިފައިން: ޕޯޗުގަލް މޮޅުވިއިރު، ބެލްޖިއަމް އެއްވަރު

18 ޖޫން 2023 - 07:56 0

ލަނޑު ޖެހުމަށް ފަހު ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޔޫރޯ ކޮލިފައިން: ޕޯޗުގަލް މޮޅުވިއިރު، ބެލްޖިއަމް އެއްވަރު

18 ޖޫން 2023 - 07:56 0

ލިޒްބަން (ޖޫން 18) - ޖަރުމަނުގައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ރޭ ބޮސްނިއާ އަތުން 3-0 އިން ޕޯޗުގަލް މޮޅުވިއިރު، ބެލްޖިއަމް އާއި އޮސްޓްރިއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

ކޮލިފައިން ގްރޫޕް ޖޭގައި ޕޯޗުގަލް އިން ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އަނެއްކޮޅުން، ބެލްޖިއަމް މި ވަނީ ކޮލިފައިން ގްރޫޕް އެފްގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ ފަހަރަށް ޕޮއިންޓް ނަގާލައިފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޕޯޗުގަލް ޓީމަށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ގޯލު ޖަހައިިދިނީ ބެނާޑޯ ސިލްވާ އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ބެނާޑޯ ސިލްވާ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ޕޯޗުގަލް އިން އިތުރު ދެ ގޯލު ޖެހި އެވެ. މި ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ފެނާންޑޭސް އެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅެފައިވެ އެވެ. މިއީ، ރޮނާލްޑޯ ގައުމީ ޖޯޒީގައި ކުޅުނު 199 ވަނަ މެޗެވެ. ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގަ އެވެ. އެއީ، 122 ގޯލު ޖަހައިގެންނެވެ.

ރަށުންބޭރުގައި ކުޅުނު ނަމަވެސް ރޭގެ މެޗުގައި ލީޑުނެގީ 21 ވަނަ މިނިޓްގައި އޮސްޓްރިއާ އިންނެވެ. އެ ގޮތުން މިކަލް ގްރެގޮރިޓްޒް ޖެހި ބޯޅަ ގޯލަށް ވަނީ ބެލްޖިއަމްގެ އޯރެލް މަންގާލާ ގައިގައި ޖެހިފަ އެވެ.

މި މެޗުން ބެލްޖިއަމް ސަލާމަތްކޮށްދިން ގޯލު ޖެހީ ރޮމެލޫ ލުކާކޫ އެވެ. ބެލްޖިއަމް ކެޕްޓަން ބޭންޑް އަޅައިގެން ރޭގެ މެޗުގައި ކުޅުނު ލުކާކޫ ލަނޑު ޖެހީ 61 ވަނަ މިނިޓްގަ އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އާލިން ބްރައުޓް ހާލަންޑްގެ ގޯލުން ނޯވޭ ލީޑުގައި އޮއްވައި، ސްކޮޓްލެންޑުން ވަނީ ފަހު ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައި، 2-1 އިން މޮޅުވެފަ އެވެ. އަދި އައިސްލެންޑް އަތުން ސްލޮވާކިއާ ވަނީ 2-1 އިން މޮޅުވެފަ އެވެ.