Advertisement

އެސްޓަން ވިލާގެ ޕްރެޒިޑެންޓް އޮފް ފުޓްބޯލް އޮޕަރޭޝަންސްގެ މަގާމު މޮންޗީ އަށް

18 ޖޫން 2023 - 07:37 0


އެސްޓަން ވިލާގެ ޕްރެޒިޑެންޓް އޮފް ފުޓްބޯލް އޮޕަރޭޝަންސްގެ މަގާމު މޮންޗީ އަށް

18 ޖޫން 2023 - 07:37 0

ލަންޑަން (ޖޫން 18) - އެސްޓަން ވިލާގެ ޕްރެޒިޑެންޓް އޮފް ފުޓްބޯލް އޮޕަރޭޝަންސްގެ މަގާމަށް ސްޕެއިންގެ ތަޖުރިބާކާރެއް ކަމަށްވާ މޮންޗީ އިއްޔެ ހަމަޖައްސައިފި އެވެ.

ސެވިއްޔާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމު ހުރި މޮންޗީ ،54، ވިލާއާ ގުޅުމަކީ އެ ޓީމަށް ލިބުނު ކާމިޔާބެކެވެ. މޮންޗީއާ އެކު، ވިލާގެ ކޯޗު އުނާއީ އެމެރީ ވަނީ ސެވިއްޔާގައި މަސައްކަތްކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސެވިއްޔާ އިން ޔޫރޮޕާ ލީގު ތިން ފަހަރު ކާމިޔާބުކުރިއެވެ.

މޮންޗީ ސެވިއްޔާގައި މަސައްކަތްކުރި މުއްދަތުގައި، އެ ކްލަބުން ވަނީ ޖުމްލަ ހަތް ފަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

ވިލާގެ ޕްރެޒިޑެންޓް އޮފް ފުޓްބޯލް އޮޕަރޭޝަންސްގެ މަގާމަށް މޮންޗީ މި ހަމަޖެއްސީ އެ ކްލަބު ޗީފް އެގްޒެކުޓިވް މަގާމުގައި ހުރި ކްރިސްޓިއަން ޕާސްލޯ އެ މަގާމުން ވަކިވާކަން މިދިޔަ ހޯމަ ދުވަހު އިއުލާންކޮށްފައި ވަނިކޮށެވެ.

"އެެމެރީއާ އެކު އަނެއްކާ ވެސް މަސައްކަތްކޮށްލަން އަހަރެން މިހުރީ ކެތްމަދުވެފައި،" މޮންޗީ ބުންޏެވެ.

"ވިލާ އިން މި ފަހަކަށްއައިސް ހޯދާފައިވާ ކާމިޔަބީގެ ބިންގަލުގައި، މި ޓީމު ދެން އޮތް ހަރުފަތަށް ގެންދިއުމަށް އަހަރަމެން ގުޅިގެން މަސައްކަތްކުރާނަން،"

މޮންޗީ ވަނީ 2017 ވަނަ އަހަރު ސެވިއްޔާ ދޫކޮށް ރޯމާ އަށް ބަދަލުވެފަ އެވެ. އެކަމަކު، ދެ އަހަރު ފަހުން އޭނާ އަލުން ސެވިއްޔާއާ ގުޅުނެވެ. މޮންޗީ ފާހަގަވެފައިވަނީ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ކުޅުންތެރިން ހެޔޮ އަގުގައި ހޯދުމުގެ ހުނަރާއި އުކުޅުތައް މޮޅު ފަރާތެއްގެ ގޮތުގައެވެ.

ވިލާގެ ކޯޗުކަމާ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރީ ހަވާލުވިއިރު، އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ގާތުގައެވެ. އެކަމަކު، އޭނާގެ އިރުޝާދުގެ ދަށުން ވިލާ އިން ސީޒަން ނިންމާލީ ހަތް ވަނައިގައެވެ. އަންނަ ސީޒަންގެ ޔުއެފާ ކޮންފަރެންސް ލީގުން ވިލާ ވަނީ ޖާގަ ހޯދައިފަ އެވެ. މިއީ، ޔޫރަޕްގެ މުބާރާތަށް 2010ގެ ފަހުން އެ ޓީމު ކޮލިފައިވި ފުރަތަމަ ފަހަރެވެ.