17 ޖޫން 2023 - 08:50 0
މުހައްމަދު އުޝާމް
އެމްޑީޕީ ޕްރައިމަރީ ތެރެއިން ބޭއްވި ޖަލްސާއެއްގެ ފޮޓޯއެއް - ފޮޓޯ: ރައީސް ސޯލިހު ކެމްޕޭން ޓީމު
17 ޖޫން 2023 - 08:50 0
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ސްކޫލްތައް ދޫކުރާ އުސޫލު ސާފުނުވެ ހަމައެކަނި ވެރިކަންކުރާ އެމްޑީޕީއަށް ސްކޫލްތައް ދެނީ ކަމަށް ބުނެ ބައެއް ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު މެންދުރުފަހުން ފެށިގެން އިރުއޮއްސެންދެން އެމްޑީޕީގެ މެނިފެސްޓޯ ވޯކްޝޮޕެއް ބާއްވަން ދަރުމަވަންތަ ސްކޫލް ވަނީ ދޫކޮށްފަ އެވެ. އެއީ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޭނުމުގައި ބާއްވާ އިވެންޓެކެވެ.
އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ ވެސް ހިމެނޭހެން އެމްޑީޕީން ނޫން ޕާޓީތަކުން ސްކޫލެއް ދޫކޮށްދިނުމަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީން ދޭ ޖަވާބަކީ ޕާޓީތަކަށް ދޫކުރުން މަނާ ކަމަށެވެ.
"މިއީ ކޮން ކަހަލަ އިންސާފެއްތޯ؟ މި ކަންކަމުން ވެސް ސާފުވަނީ މި އަހަރު ބޭއްވޭ އިންތިހާބު އިންސާފުވެރި ނުވާނެކަން،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓެގް ކުރައްވައި، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
އުޝާމް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެމްއެންޕީން އެދުނީ މި ހަފުތާ ބަންދަށް ހދ. ކުޅުދުއްފުށި ސްކޫލެއްގެ ހޯލު ހޯދުމަށް ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ސްކޫލް ހޯލު ދޫކުރެވެން ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސްކޫލުން އެ ޕާޓީއަށް އެންގި ކަމަށެވެ.
އުޝާމްގެ ޓްވީޓަށް ރައްދު ދެއްވަމުން، އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީން ސްކޫލުތައް ދޫނުކޮށްދެނީ ކެމްޕޭން ޖަލްސާތައް ބޭއްވުމަށް ކަމަށެވެ.
"ވޯކްޝޮޕްތަކާއި، ގައުމީ މަޖިލިހުގެ ބައްދަލުވުންތަކާއި، ކޮންގްރެސް ފަދަ ކަންކަމަށް ދޭ ކަން އުޝާމަށް އެނގިލައްވާނެ، ތި ބޭފުޅުން ވެސް އަވަހަށް ހޯއްދަވާ،" ރޮޒައިނާ ލިޔުއްވާފައިވެ އެވެ.
ރޮޒައިނާ އެހެން ވިދާޅުވިޔަސް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "އަދަދު" ނޫހަށް ވިދާޅުވީ ޕީޕީއެމުން މީގެ ފަހުން އެތެރޭގެ އިންތިހާބުތައް ބާއްވަން ސްކޫލުތަކެއް ހޯދުމަށް އެދުމުން ވެސް އެ ކަން ހަމަޖެހިފައި ނުވާ ކަމަށެވެ.
"ސްކޫލުތައް ހަމަޖެހެން ނެތް ކަން އެންގުމުން، އަޅުގަނޑުމެން ޖެހުނީ ހުރިހާ ވޯޓު ފޮށިތަކެއް ހެންވޭރު ދަނޑުގައި ބަހައްޓައިގެން އިންތިހާބު ބާއްވަން ޖެހުނީ، ކެމްޕޭން ޖަލްސާއެއް ނޫނަކަސް، އެތެރޭގެ އިންތިހާބުތަކަށް ވެސް ލިބުނީ އޭގެ ޖަވާބުތަކެއް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވަނީ އޭރު އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ޖަވާބު ވެސް "އަދަދު" ނޫހަށް ހިއްސާކުރައްވައިފަ އެވެ. އެ ޖަވާބުގައި ވަނީ "އެދިވަޑައިގެންފައިވާ ގޮތަށް އެއްވެސް ސްކޫލެއް ދެވެން ނެތް ވާހަކަ ދެންނެވީމެވެ." މި ގޮތަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޖަވާބެއް ނުލިބެ އެވެ.
ސްކޫލުތައް ކުއްޔަށް ދޫކުރަންވީ ގޮތުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮވެ އެވެ. އޭގައި ކުއްޔަށް ދޫނުކުރެވޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "ހަރަކާތުގެ ބާވަތުން ސްކޫލް ކުދިންގެ އަޚުލާގީ އަދި ސުލޫކީ މިންގަނޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަމުގައި ސްކޫލްތަކުގެ ގޯއްޗާއި، ހޯލާއި، ކްލާސްރޫމް ކުއްޔަށް ދޫނުކުރުމުގެ އިޚްތިޔާރު ސްކޫލަށް ލިބިގެންވޭ" ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ކުއްޔަށް ދޫކުރެވިދާނެ ގޮތްތަކެއް އުސޫލުގައި ބަޔާންކޮށްފައެއް ނެތެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މި ކަމުގައި ކަންބޮޑުވުން ފާޅުކޮށް ބުނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ސަރުކާރު ހިންގުމާ ހަވާލުވެފައި ހުރި ޕާޓީއަށް ފައިދާވާނެހެން ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމެއް ކަމަށެވެ.
"ސްކޫލްތައް ހިމެނޭހެން ދައުލަތުގެ ވަސީލަތްތައް ސިޔާސީ ޕާޓީތަކަށް ދޫކުރެވޭނަމަ، އެ ކަން ކުރެވިގެންދާން ޖެހެނީ، ހާމަކުރެވިފައިވާ އެންމެނަށް އިންސާފުވެރި އުސޫލުތަކެއްގެ މަތިން،" ޓްރާންސްޕޭރެންސީން ބުންޏެވެ.
ކެމްޕޭން ޖަލްސާތަކަށް ސްކޫލްތައް ދޫނުކުރާ ކަމަށް ބުނި ނަމަވެސް މި ފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ވެސް ރައީސް ސޯލިހު ވަނީ ހުޅުމާލެ ހިރާ ސްކޫލުގައި ކެމްޕޭން އިވެންޓެއް ބާއްވައިފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment