Advertisement

ޔޫރޯ ކޮލިފައިން: އިންގްލެންޑާއި ފްރާންސް އަށް ފަސޭހަ މޮޅެއް

17 ޖޫން 2023 - 07:48 0

އިންގްލެންޑަށް ރޭގެ މެޗުގައި ގޯލު ޖެހުމަށް ފަހު އާނޯލްޑް އުފާފާޅުކުރަނީ.


ޔޫރޯ ކޮލިފައިން: އިންގްލެންޑާއި ފްރާންސް އަށް ފަސޭހަ މޮޅެއް

17 ޖޫން 2023 - 07:48 0

ޕެރިސް (ޖޫން 17) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުޅޭ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތަކުން ރޭ އިންގްލެންޑާއި ފްރާންސުން ވަނީ ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ކޮލިފައިން ގްރޫޕް ސީގެ މެޗުން މޯލްޓާ އަތުން 4-0 އިން އިންގްލެންޑް މޮޅުވިއިރު، ފްރާންސް އިން ވަނީ ކޮލިފައިން ގްރޫޕް ބީގެ މެޗުގައި 3-0 އިން ގިބްރޯލްޓާ ބަލިކޮށްފަ އެވެ. އިންގްލެންޑާއި ފްރާންސް ވެސް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.

މޯލްޓާ ދަނޑުގައި ރޭ ކުޅުނު މެޗަށް އިންގްލެންޑުން ނެރުނު ޓީމަށް ބަލާއިރު، އެންމެ ބޮޑު ތަފާތަކީ އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް، އާންމު ގޮތެއްގައި ކަނާތު ބެކަށް ކުޅެމުން އައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑް މިޑްފީލްޑަރެއްގެ ގޮތުގައި ބޭނުންކުރުމެވެ.

އިންގްލެންޑުން ރޭގެ މެޗުގައި ލީޑުނެގީ އަށް ވަނަ މިނިޓްގައި މޯލްޓާގެ ފާޑިނަންޑޯ އަޕާޕް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބާރު ބޯޅައަކުން އާނޯލްޑް ވަނީ އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، އިންގްލެންޑުން މެޗުގައި ޖެހި ތިން ވަނަ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އަކުން ހެރީ ކޭން އެވެ. މި ޕެނަލްޓީ ލިބުނީ ކޭން އަށް އޭރިއާތެރެއިން މޯލްޓާގެ މެތިއު ގިލޯމިއާ ކުރި ފައުލަކަށެެވެ. މިއާ އެކު، ކޭން މި ވަނީ ޔޫރޯ ކޮލިފައިންގައި ޖެހިޖެހިގެން 11 މެޗުގައި ގޯލު ޖަހައިފަ އެވެ.

އިންގްލެންޑްގެ ފަހު ގޯލު ޖެހީ ކޭންގެ ބަދަލުގައި ކުޅެން އެރި ކަލުމް ވިލްސަން އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ވިލްސަން މި ލަނޑު ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ދިނީ މޯލްޓާގެ ކެޕްޓަން ސްޓީވެން ބޯގް އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަައިފަ އެވެ.

ފްރާންސުން ރޭގެ މެޗުގެ ތިން ވަނަ މިނިޓްގައި ލީޑުނެގީ ތިން ވަަނަ މިނިޓްގައި ކިންގްސްލީ ކޯމަން ނެގި ހުރަހަކުން އޮލިވިއޭ ޖިރޫ ބޮލުން ޖެހި ގޯލުންނެެވެ. މިއީ، ޖިރޫ ގައުމީ ޓީމަށް ޖަހައިިދިން 54 ވަނަ ގޯލެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ ޖިރޫ އަތުގަ އެވެ.

ފްރާންސްގެ ދެ ވަނަ ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކީލިއަން އެމްބާޕޭ އެވެ. މިއީ، ގިބްރޯލްޓާ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ފްރާންސް އިން ޖެހި ފަހު ގޯލަކީ ގިބްރޯލްޓާގެ އައިމެން މޯޅީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، އެމްބާޕޭ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އައިމެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފްރާންސް އިން އިތުރު ގޯލު ޖަހަން ކުރި މަސައްކަތުގައި އައުރެލިން ޗުއަމެނީ އާއި އެންޓޮއިން ގްރީޒްމަން، ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.