Advertisement

އިޓަލީ ކަޓުވާލައި ސްޕެއިން އަނެއްކާ ވެސް ނޭޝަންސް ލީގުގެ ފައިނަލަށް

16 ޖޫން 2023 - 12:00 0


އިޓަލީ ކަޓުވާލައި ސްޕެއިން އަނެއްކާ ވެސް ނޭޝަންސް ލީގުގެ ފައިނަލަށް

16 ޖޫން 2023 - 12:00 0

ރޮޓެޑަމް، ނެދަލެންޑްސް (ޖޫން 16) - ސެމީ ފައިނަލް ދެ ވަނަ މެޗުގައި ރޭ 2-1 އިން އިޓަލީ ބަލިކޮށް ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސްޕެއިން ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. ކްރޮއޭޝިއާ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ނެދަލެންޑްސް ކަޓުވާލައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ އިޓަލީގެ ލިއޮނާޑޯ ބޮނޫޗީ ހެދި ގޯހެއްގެ ފައިދާނަގައި، ޔެރެމީ ޕީނޯ އެވެ. އޭނާ ވަނީ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 11 ވަަނަ މިނިޓްގައި އިޓަލީން އެއްވަރުކުރީ ޗީރޯ އިމޯބިލޭ ވައްދާލި ޕެނަލްޓިންނެވެ. މިއީ ސްޕެއިން ޖޯޒީގައި މުޅިން އަލަށް ކުޅުނު ފްރާންސަށް އުފަން ޑިފެންޑަރު، ރޮބިން ލެ ނޯމަންޑް އަށް ހެދުނު ގޯހަކުން ދިން ޕެނަލްޓީ އެކެވެ.

ދެ ޓީމު ހަމަހަމަކޮށް މެޗުގެ ބޮޑުބައި އޮތުމަށް ފަހު، ސްޕެއިން މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް ހޮސޭލޫ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި ސްޕެއިންގެ ރޮޑްރީ ޖެހި ބޯޅައަކަށް ރަނގަޅުތަނަށް އަަރައި ހޮސޭލޫ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ސްޕެއިނަށް ކުޅެދިން ތިން މެޗުން ހޮސޭލޫ ވަނީ ތިން ގޯލު ޖަހައިފަ އެވެ.

ބޮޑު މުބާރާތެއްގެ ތަށި އެންމެ ފަހުން ސްޕެއިނުން ހޯދީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެންމެ ފަހުން ކުޅުނު ނޭޝަންސް ލީގުގެ ފައިނަލުގައި ވެސް ސްޕެއިން ވާދަކުރި އެވެ. އެ ފަހަރު ސްޕެއިން ވަނީ ފައިނަލުގައި ފްރާންސް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލަކީ ސްޕެއިނުގެ އާ ކޯޗު، ޑެ ލާ ފުއެންޓޭ ހަވާލުވި ފަހުން އެ ޓީމުން ކުޅޭނެ ފުރަތަމަ ފައިނަލެވެ.