16 ޖޫން 2023 - 12:28 1
ހަސަން މުހައްމަދު
އަދާލަތު ޕާޓީގެ އިޔާޒް: އޭނާއާ މަގުމަތިން ދިމާކޮށްލީ ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ހަތް މީހަކު -- ފޮޓޯ: ފައިލް
16 ޖޫން 2023 - 12:28 1
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން މާފަންނުކޮޅުގައި މުޒާހަރާ ކުރަނިކޮށް އެ ހިސާބުން ސައިކަލުގައި ދުއްވާފައި ދިޔަ އަދާލަތު ޕާޓީގެ ޑރ. މުހައްމަދު އިޔާޒާ، އެ މުޒާހަރާގެ ތެރެއިން ހަތް މީހަކު ދިމާކޮށްލުމުން، އެ ޕާޓީއަކީ މަތިން ތިރިއަށް ވެސް އަހުލާގެއް ނެތް، ޓެރަރިޒަމަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ހުންނަ ސްޓާ ކްލައުޑްސް އިމާރާތް ކައިރި ޕީޕީއެމުން މުޒާހަރާ ކުރަނިކޮށް، އެ ހިސާބުން ސައިކަލުގައި ދުއްވާފައި އިޔާޒް ދިޔައީ ބުދަ ދުވަހެވެ. މުޒާހަރާގެ ތެރެއިން ހަތް މީހަކު އިޔާޒާ ދިމާކޮށްލާ އެއްޗެހި ގޮވަމުން ފަހަތުން ދުވާ މަންޒަރުގެ ވީޑިއޯ ވެސް ވަނީ އާންމުވެފަ އެވެ.
"ހަގީގަތަކީ ޕީޕީއެމްގެ އެންމެ މަތިން ތިރިއަށް ވެސް އަދަބެއް އަހުލާގެއް ނެތުން. ޝަރީއަތުގެ މަޖްލިސްގައި ބްރޭކް ލިބޭ ގަޑީގައި ވަކީލުންނާއި ދިމާކުރުން. ޝަރީއަތުގެ މަޖްލިސް ތެރޭ ހެކިބަސްދޭން ހުންނަ މިހާ އަށް ބިރުދެއްކުން ފަދަ ނާތަހުޒީބު ޢަމަލުތައް މަތިން ވެސް ފެންނަނީ. އެހެންވީމާ, ދަށުގައި ތިބޭ މީހުން ވެސް އެފާޑަށް އުޅެނީ،" ޑރ. އިޔާޒް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގައި ލިޔުއްވާފައިވެ އެވެ.
ޕީޕީއެމްގެ ވާހަގަ އިތުރަށް ދައްކަވަމުން އިޔާޒް ވިދާޅުވީ "ހަގީގަތަކީ ޕީޕީއެމްއަކީ ޓެރަރިޒަމްއަށް ހިތްވަރުދޭ ޖަމާއަތެއް" ކަމަށެވެ.
ޝަރީއަތުގައި މަޖިލީހުގައި ވަކީލުންނާ ދިމާކޮށްލެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބަޔަކު ކުރަނީ، އެމަނިކުފާނުގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ޝަރީއަތުގައި ލިބުނު ހުސްވަގުތުކޮޅެއްގައި، ދައުލަތުގެ ވަކީލުން ދައްކަވަނީ ހަމަނުޖެހޭ ވާހަަކަ ކަމަށް ވިދާޅުވުމުންނެވެ. ނަމަވެސް ވަކީލުންނާ ދިމާކޮށް، ބިރުދެއްދުން ފަދަ އެއްވެސް ކަމެއް ޔާމީން ކޯޓުގައި ނުކުރައްވަ އެވެ.
މަގުމަތިން އިޔާޒާ ދިމާކޮށްލި މައްސަލަ އަދާލަތު ޕާޓީން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ "މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާންމު އަހުލާގީ މިންގަނޑާ ހިލާފުކަންކަން ކުރުވާކަން" ކަމަށެވެ.
އިދިކޮޅު ޕީޕީއެމުން އެޗްއާރްސީއެމް ކައިރި މުޒާހަރާ ކުރަނީ، ރިޝްވަތު ނެގުމާއި ފައިސާ ލޯންޑާ ކުރުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާފައި ހުންނެވި ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރާ މުޒާހަރާތަކަށް ފުލުހުން ހުރަސް އަޅާތީ އާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާއިރު ވެސް ކޮމިޝަނުން އަޅާނުލާ ކަމަށް ބުނެ އެވެ.
Comment