Advertisement

ސިޔާސީ މީހުންގެ "ކުށްތައް" އުފެދި، ހިލިގެން ގޮސް، ހުލިވާ ގޮތް!

15 ޖޫން 2023 - 14:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަދަދު ކުރެހުން: ރައްޔާން މުހައްމަދު


ސިޔާސީ މީހުންގެ "ކުށްތައް" އުފެދި، ހިލިގެން ގޮސް، ހުލިވާ ގޮތް!

15 ޖޫން 2023 - 14:12 0

ފުރަތަމަ އެ ވާހަކައެއްގެ އަޑު ގަދަކޮށް ބޮޑު ކަންތައްގަނޑަކަށް ހަދައި އެންމެގެ ސަމާލުކަމަށް އެކަމަށް ހުއްޓުވަ އެވެ. މުޅި ސޯޝަލް މީޑިއާގައި އެ ވާހަކަ އެވެ. ގޭގެ ސިޓިން ރޫމުތަކާއި ރަށު ހޮޅުއަށީގައި، އޮފީސްތަކުގައި ވެސް އެ ނޫން ވާހަކައެއް ނެތެވެ. ސިޔާސީ "ބޮޑަކު" ކޮށްގެން އުޅޭ ކަމަށް ތުހުމަތުވާ "ބޮޑު ކުށެއް" ވާހަކަ އެވެ.

ސިޔާސީ މީހުން އެވަގުތަށް އެ ވާހަކަ ބޮޑުކޮށްގެން އުޅުނު ނަމަވެސް ފަހުން އެ ވާހަކައެއް ނުދައްކަ އެވެ. ފުލުހުންގެ ތަހުގީގު ނިމި، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ލަސްކަމުގައި އެ މައްސަލަ "ތާށިވެ" އެވެ. ދެން މައްސަލަ އަވަސްވުމާއި، ލަސްވެ ދިޔުމާއި، ސާބިތުވުމާއި، ނުވުމާއި، މައްސަލަ ކުރިއަށް ހިނގަހިނގައި އޮއްވާ އަނބުރާ ގެނައުމުގައި ބުރަވަނީ ސިޔާސީ މަސްރަހަށެވެ.

މައްސަލަތައް ގޮސްފައި އޮތް ގޮތުން، އަދި ހިނގަމުންދާ ދުވެއްޔަށް ބަލާއިރު މި ނޫން 'ޕެޓާން'އެއް ނުކުރެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހިނގާ ފަސް އަހަރުގެ ތެރޭގައި، ސިޔާސީ އެކި ބޭފުޅުންނަށް އެކިއެކި ދައުވާކޮށް ކުރި އެވެ. އޭގެ ތެރޭގައި މި ސަރުކާރު ހިނގަމުން ދަނިކޮށް ހިނގި ކަންތައްތަކާ ގުޅޭ ދައުވާތައް ހިމެނެ އެވެ. އެ ފަދަ ބައެއް މައްސަލަތައް އުފެދި، ހިލިގެން، ހުލިވި ގޮތަށް އަލިއަޅުވާލައިނަމެވެ.

އަލީ ވަހީދަށް ކުރި ޖިންސީ ގޯނާގެ ތުހުމަތު

އޭރު އަލީ ވަހީދަކީ ޓުއަރިޒަމް މިނިސްޓަރެވެ. އޭނާގެ ޝަކުވާ ހިފައިގެން އެ މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކު ދިޔައީ ސީދާ ރައީސް ސޯލިހުގެ އަރިހަށެވެ. އަލީ ވަހީދުގެ ފަރާތުން ކުރިމަތިވި ފުރައްސާރައާއި ގޯނާތަކުގެ ވާހަކަ ދައްކާށެވެ. އެ ވާހަކަތައް އަޑުއައްސަވާފައި، ރައީސް ކީރިތި ކުރެއްވި ކަމަށް ވެސް މީޑިއާތަކުން އޭރު ރިޕޯޓްކުރި އެވެ.

ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެ ދުވަހުގެ ރޭ އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވި އެވެ. އެކަމަކު އޭނާ މަގާމުން އިސްތިއުފާއެއް ނުދެއްވި އެވެ. ޖެހިގެން އައި ދުވަހު ރައީސް ނިންމެވީ އަލީ ވަހީދު މަގާމުން ވަކިކުރެއްވުމަށެވެ.

ޖިނާއީ ތަހުގީގު ހިންގުމަށް ފަހު ޕްރޮސެކިއުޓަ ޖެނެރަލް ނިންމެވީ ޖިންސީ ކުށުގެ ހަ ދައުވާއެއް އޭނާގެ މައްޗަށް އުފުލުމަށެވެ. ޖިންސީ އަނިޔާ ކުރުމުގެ ދައުވާ، ޖިންސީ ގޯނާ ކުރުމުގެ ދައުވާ، ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ، ރޭޕް ކުރަން އުޅުމުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދެމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ހިންގަން ފެށުމާއެކު ފުރަތަމަ ހިނގި ކަމަކީ ބޭސްފަރުވާގެ ހުއްދަ ހޯދައިގެން އޭނާ ރާއްޖޭން ބޭރަށް ވަޑައިގަތުމެވެ. ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކޮށްފަ އެވެ. އެއީ ޔޫތު މިނިސްޓްރީގެ ސްޓޭޓް އަސްއަދު އަލީ ޖާމިނުވާ ގޮތަށެވެ.

ޖާމިނުވުމަށް ދިން މުއްދަތު ހަމަވިއިރު ވެސް އަލީ އެނބުރި ވަހީދު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. އަލީ ވަހީދު ފިއްލެވީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރުކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓު އަމުރެއް ވެސް ނެރުނެވެ.

ރާއްޖޭން ބޭރަށް ފިއްލެވި ފަހުން ވިސާގެ މައްސަލައެއްގައި އަލީ ވަހީދު ހައްޔަރުކޮށް ދޫކޮށް ވެސް ލި އެވެ. އެ ފަހުން އަލީ ވަހީދު ޕްރެސް ކޮންފެރެންސެއް ވެސް ބޭއްވި އެވެ. ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ދެއްވި އެ ޕްރެސްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ރައީސަށް ހިޔާނާތުގެ އެކި ތުހުމަތުތައް ކުރެއްވި އެވެ. އަދި ރައީސް "ކޮމްޕްރަމައިޒް" ވާނެ އެތައް ހެއްކެއް އޭނާގެ އަތުގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

އޭރު އަލީ ވަހީދު ހާޒިރުވާން ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއް ގޮތަށް އަމަލުނުކުރުމުން އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ. އޭނާ އެނބުރި ރާއްޖެއަށް ވަޑައިގެންނެވުމުން އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ.

އަލީ ވަހީދު ހާޒިރުނުކުރެވި ދިޔުމާއެކު ކޯޓުން މައްސަލަ އަނބުރާ ފޮނުވައިލި އެވެ. ސެޕްޓެމްބަރު 22، 2022 ގަ އެވެ. ޕީޖީ އޮފީހުން ވެސް ފަހުން ވަނީ އޭނާ އަނބުރާ އައުމުން މައްސަލަ ފޮނުވަން އެދި ފުލުހަށް މައްސަލަ ފޮނުވާލައިފަ އެވެ. އެއީ އޮކްޓޯބަރު 6، 2022 ގަ އެވެ.

މައްސަލަ ނިމިގެން ދިޔަ ގޮތަކީ އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން ތަހުގީގަށް ދިން ބަޔާންތައް އަނބުރާ ގެންދަން ފުލުހުންނަށް އެދުމެވެ. އަދި މައްސަލަ ހުށަހެޅި، އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތްތަކުން ވެސް އެ މައްސަލަ އަނބުރާ ގެންދަން އެދި ހުށަހެޅުމެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެއީ ދައުލަތުގެ މައިގަނޑު ހެކިންނަށް ވުމުން، ދެން މައްސަލަ ގެންދެވެން ނެތުމެވެ.

އީސަގެ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރުމުގެ ތުހުމަތު

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ. ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫން ކަަމަށެވެ.

ތުހުމަތުކުރައްވައިފައިވަނީ އަސްރާ އަދި އޭނާގެ ދެ އަހަރު ނުވާ ކުޑަ ދަރިފުޅަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުން ދިން ކަމަށެވެ.

އީސައާ މެދު ކުރެވުނު ތުހުމަތާއެކު، އެމްޑީޕީގެ ސްލޮޓްގައި އޭނާ ހުރި މަގާމުތަކުން އެކަހެރި ކުރުމަށް ވެސް އެ ޕާޓީން ނިންމި އެވެ. އަދި އެ މައްސަލައިގެ ތަހުގީގު އަވަސްކޮށް އަސްރާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އެމްޑީޕީން ބަޔާނެއް ވެސް ނެރުނެވެ.

އީސަ އޭރު ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު މަގާމުގަ އެވެ. އެ ކޮމިޓީގައި އޭރު ތިއްބެވި، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އޭނާ ވަކިކުރަން މައްސަލަ ވެސް ހުށަހަޅުއްވައި، "ހައިޕް" އުފެއްދެވި އެވެ.

އެ މައްސަލަ ކޮމިޓީގައި ޕާކުކޮށްފައި އޮއްވައި، އީސަ އަމިއްލައަށް މަގާމުން ދުރުވީ އެވެ.

އީސައަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވީ އެ ކޮމިޓީ ބައްދަލުވުމުގަ އެވެ. އީސައަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި، ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައިނުވާނެ ކަމަށް އެ ދުވަހު ވިދާޅުވި އެވެ.

އެ ފަހުން ޕީޖީ އޮފީހުން އޭނަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް އަސްރާ ވަނީ މައްސަލަ އަނބުރާ ގެންދަން އެދިވަޑައިގެން ސިޓީއެއް ފޮނުއްވައިފަ އެވެ. މައްސަލަ ހުށަހެޅުއްވީ ޖެހުނު މައްސަލައެއްގައި "އައި ރުޅިއާއި ޖަޒުބާތުގައި" ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް ޕީޖީގެ ސްޓޭންޑަކަށްވީ މައްސަލަ ކުރިއަށް ގެންދިއުމެވެ. ވިކްޓިމްއަށް ގެއްލުން ނުލިބި، މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޖީ ހުސައިން ޝަމީމް އޭރު ވިދާޅުވި އެވެ.

ކޯޓުން ނިިންމީ އެ މައްސަލަ ސިއްރުން ކުރިއަށް ގެންދާށެވެ. އެއީ ދައުލަތުން އެ ގޮތަށް އެދިގެންނެވެ. މިއީ ގެވެށި އަނިޔާގެ މައްސަލަކަށް ވާއިރު، ދައުވާ ލިބޭ ފަރާތާއި އަދި ދައުވާ ރައްދުވާ ފަރާތުގެ ޒާތީ ކަންތައްތައް މި މައްސަލައިގައި އެކުލެވޭތީ އެ ސަބަބުގެ މައްޗަށެވެ.

އެ ފަހުން މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މަދު ފަހަރަކު އެވެ. މި އަހަރު މިވީހާ ތަނަށް އެ މައްސަލައިގެ އެންމެ އަޑުއެހުމެއް ވެސް ތާވަލުކޮށްފައެއް ނުވެ އެވެ.

އަލީ ރިޒާއަށް ކުރި އިންސާނީ ވަގުފާރީގެ ތުހުމަތު

ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން ހަވާލުކުރި ކުންފުނި އަތުން މަސައްކަތް ނަގައިގެން، ބިދޭސީން އެތެރެ ކުރަމުން އައީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ. އެ ރަށުގައި ތިބި ބިދޭސީން ރަށުގައި ތިބި ދިވެހީން ރަހީނުކޮށް ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ.

ޖުލައި 2020، ގައި ހިނގި އެ ހަމަނުޖެހުން މައިތިރިވީ ފުލުހުންނާއި ސިފައިން ވެސް އެ ރަށަށް އަރައިގެންނެވެ. ބިދޭސީންނަށް މުސާރަ ނުދޭ ކަމާއި، ހިއުމަން ޓްރެފިކިންގެ މައްސަލަތައް ފެންމަތިވީ އެ ހަމަނުޖެހުމުގެ ތަހުގީގުގެ ތެރެއިންނެވެ.

އެ މައްސަލަ ތަހުގީގުކޮށް ރިޒާއާއި އިތުރު ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވީ ޑިސެމްބަރު 2020، ގަ އެވެ. ދައުވާ ކުރުމަށް ޕީޖީ އޮފީހުން ނިންމީ އޮގަސްޓް 2021، ގަ އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ ތެރޭގައި ދެ އަޑުއެހުމެއް ބޭއްވި އެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ދެ އަޑުއެހުމެއް ބޭއްވުމުގެ ކުރިއަށް ވެސް، ދައުލަތުގެ ބައެއް ޝަފަހީ ހެކިން ކުރިއާލާ ޝަރީއަތަށް ހެކިބަސް ވެސް ނަގާފައިވެ އެވެ. ޝަރީއަތް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފާހަގަވެގެން އައީ ދައުވާގެ ލިޔެކިޔުންތަކުގައި ލިޔުމުގެ ކުށްތަކެއް އޮތް ކަމެވެ.

ލިޔުމުގެ ކުށް ރަނގަޅު ކުރަން ދިން ފުރުސަތުގައި އެ ކަން ނުކޮށް ދައުލަތުގެ ސްޓޭންޑް ބަދަލުކުރީ ކުރިން ވެސް އޮތް ގޮތަށް ދައުވާ އިއްވުމަށެވެ. އެ ކަމަށް ދިފާއުން އިއުތިރާޒު ވެސް ކުރި އެވެ. ދެން ގާޒީ ނިންމެވީ، އެ މައްސަލައިގެ ބަހުސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށެވެ.

އޭރު މައްސަލަ ހަވާލުކޮށްފައި އޮތީ ގާޒީ ދީބަނާޒު ފަހުމީގެ ސެކްޝަނަށެވެ. ފަހުން އޭނާ ވަނީ ހައި ކޯޓަށް އައްޔަންކުރައްވައިފަ އެވެ. ކްރިމިނަލް ކޯޓުން ހުސްވި ޖާގަތަކަށް ގާޒީން އައްޔަން ކުރެއްވި ނަމަވެސް އެ ފަހުން އަދި އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.

މި މައްސަލައިން ވެސް ފެންނަނީ މިހާރު ގިނަ ދުވަސްވެ އަޑު މަޑުވެފައިވާ ތަނެވެ. މިއީ މި ފަހުގެ ތާރީހުގައި ސިޔާސީ މީހުންގެ މައްޗަށް ކުރާ ތުހުމަތުތައް އުފެދި، ހިލިގެން ގޮސް، ހުލިވާ ގޮތެވެ. ގާނޫނު ހިނގާ ކަމާ މެދު ސުވާލު އުފެދެ އެވެ.