Advertisement

ނެދަލެންޑްސް ކަޓުވާލައި ކްރޮއޭޝިއާ ނޭޝަންސް ލީގުގެ ފައިނަލަށް

15 ޖޫން 2023 - 08:42 0

ކްރޮއޭޝިއާގެ ހަތަރު ވަނަ ގޯލު ޖެހުމަށް ފަހު މޮޑްރިޗް އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްޕީ


ނެދަލެންޑްސް ކަޓުވާލައި ކްރޮއޭޝިއާ ނޭޝަންސް ލީގުގެ ފައިނަލަށް

15 ޖޫން 2023 - 08:42 0

ރޮޓަޑަމް، ނެދަލެންޑްސް (ޖޫން 15) - ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ސެމީ ފައިނަލްގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 4-2 އިން ނެދަލެންޑްސް ބަލިކޮށް ކްރޮއޭޝިއާ އިން މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ހޯދައިފި އެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ނެދަލެންޑްސް އިން 34 ވަނަ މިނިޓްގައި ލީޑުނެގީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ޑޮންޔެލް މާލެން ޖެހި ގޯލުންނެވެ. މެޗުގެ 55 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ އަންްދްރޭ ކްރަމަރިޗް ވަނީ ޕެނަލްޓީ އަކުން ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. ގައުމީ ޓީމަށް ކްރަމަރިޗް ޖަހައިދިން 24 ވަނަ ގޯލު މި ޖެހި ޕެނަލްޓީ ލިބުނީ ނެދަލެންޑްސް އޭރިއާތެރެއިން އެ ޓީމުގެ ކޯޑީ ގަކްޕޯ، ކްރޮއޭޝިއާގެ ލޫކަ މޮޑްރިޗަށް ފައުލުކުރުމުންނެވެ.

ކްރޮއޭޝިއާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ 72 ވަނަ މިނިޓްގައި މާރިއޯ ޕަސާލިޗް ޖެހި ގޯލުންނެވެ. މިއީ ލޫކަ އިވާނޫސެކް ނެގި ހުރަހަކުން ޕަސާލިޗް ޖެހި ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ ވަނަ މިނިޓްގައި ނެދަލެންޑްސް އަށް އެއްވަރުކޮށްދިނީ ކްރޮއޭޝިއާ ޑިފެންސް ތެރެއިން ސަލާމަަތްނުކުރެވިދިޔަ ބޯޅައަކުން ނޯއާ ލަންގް ޖެހި ގޯލުންނެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު ދެ ހާފުގައި ކްރޮއޭޝިއާ އިން ދެ ގޯލު ޖަހައި، ނެދަލެންޑްސް ބަލިކުރި އެވެ. އެ ގޮތުން، ކްރޮއޭޝިއާ އަށް އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން އަށް ވަަނަ މިނިޓްގައި ލީޑުނަގައިދިނީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބްރޫނޯ ޕެޓްކޮވިޗް ޖެހި ގޯލުންނެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ކްރޮއޭޝިއާގެ ފަހު ގޯލު ޖެހީ ޕެނަލްޓީ އަކުން މޮޑްރިޗް އެވެ. ގައުމީ ޓީމަށް ކުޅެދިން 165 ވަނަ މެޗުގައި މޮޑްރިޗް މި ގޯލު ޖެހި ޕެނަލްޓީ ލިބުނީ ޕެޓްކޮވިޗަށް އޭރިއާތެރެއިން ނެދަލެންޑްސްގެ ޑިފެންޑަރު، ލޫޓްޝާރެލް ގީޓްރައުޑާ ކުރި ފައުލަކަށެވެ.

މެޗަށް ފަހު ކްރޮއޭޝިއާ އިން ވަރަށް ބޮޑަށް އުފާފާޅުކުރިއިރު، އެ ޓީމުގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅައިގައި އަނެއްކާ ވެސް ތާރީހީ ދުވަހެއް ކަމަށާއި ނެދަލެންޑްސް ކަހަލަ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމުގެ ސަޕޯޓަރުން ކުރިމަތީގައި މޮޅުވުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.

ފްރާންސް އަތުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ބަލިވި ކްރޮއޭޝިއާ އިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ތަށްޓެއް ހޯދަން ކުރާ މަސައްކަތުގައި މި ފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެން ޖެހޭނީ ސްޕެއިން ނޫނީ އިޓަލީއާ އެވެ. ސްޕެއިނާއި އިޓަލީ ކުޅޭ ސެމީ ފައިނަލް މެޗު މިރޭ އޮންނާނެ އެވެ. ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ.