Advertisement

ޔުއެފާ ނޭޝަންސް ލީގު: ފްރާންސް އާއި އިޓަލީ އަށް ވެސް މޮޅެއް

10 ސެޕްޓެންބަރު 2024 - 07:46 0


ޔުއެފާ ނޭޝަންސް ލީގު: ފްރާންސް އާއި އިޓަލީ އަށް ވެސް މޮޅެއް

10 ސެޕްޓެންބަރު 2024 - 07:46 0

ޕެރިސް (ސެޕްޓެމްބަރު 10) - ޔުއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ ފްރާންސް އިން ބެލްޖިއަމް އަތުން 2-0 އިން މޮޅުވިއިރު، އިޓަލީން 2-1 އިން އިޒްރޭލް ބަލިކޮށްފި އެވެ.

މި ގްރޫޕްގައި ފުރަަތަމަ ކުޅުނު މެޗުތަކަށް ބަލާއިރު، ފްރާންސް ދަނޑުގައި 70 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓަލީން ވަނީ ރަސްމީ މެޗަކުން މޮޅުވެފަ އެވެ. އަނެއްކޮޅުން ބެލްޖިއަމް އިން ވަނީ އިޒްރޭލް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި ފްރާންސް އިން ބެލްޖިއަމް ބަލިކުރިއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް 29 ވަނަ މިނިޓްގައި ލީޑުނަގައިދިނީ، ރަންޑަން ކޯލޯ މުއާނީ އެވެ. މިއީ އޮސްމާން ޑެމްބެލޭ ތަަނަވަސްކޮށްދިން ފުރުސަތެއްގައި، މުއާނީ ހަމަޖެހިލައިފައި ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި އިތުރު ގޯލު ޖަހަން ވެސް ފްރާންސް އިން ފުރުސަތު ހޯދި އެވެ. އެހެން ނަމަވެސް އޭގެއިން ފުރުސަތެއްގެ ބޭނުންހިފޭ ގޮތެއް ނުވި އެވެ.

ފްރާންސް އިން ދެ ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކީ ޑެމްބެލޭ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި ޑެމްބެލޭ މި ލަނޑު ޖަަހަން ފުރުސަތު ތަނަވަސްކޮށްދިނީ، އެންގޯލޯ ކާންޓޭ އެވެ.

ބެލްޖިއަމުން ވެސް ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއިރު، އޭގެއިން އެއްވެސް އެޓޭކެއް ކާމިޔާބުވާ ގޮތެއްނުވި އެވެ.

އިޒްރޭލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އިޓަލީން ލީޑުނެގީ، 38 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ފެޑެރީކޯ ޑި މާކޯ ދިން ބޯޅައަކުން، ޑަވިޑޭ ފްރަޓޭސީ އެވެ. އިޓަލީގެ ދެ ވަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި، ޖިއަކޯމޯ ރަސްޕަޑޯރީ ދިން ބޯޅައަކުން މޮއިސް ކީން އެވެ. އިޒްރޭލުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި މުހައްމަދު އަބޫ ފާނީ އެވެ.