14 ޖޫން 2023 - 16:02 0
14 ޖޫން 2023 - 16:02 0
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ލައިފް ސަޕޯޓުގެ މުވައްޒަފުން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކޮށްފި އެވެ.
ލައިފް ސަޕޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލައިފް ސަޕޯޓުން އިސްނަގައިގެން އެފަދަ ހަރަކާތެއް ކުރިއަށް ގެންދިޔައީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމުގެ ސަބަބުން ކަމަށެވެ.
"ލޭ ހަދިޔާ ކުރަން ކުޑަކުޑަ ވަގުތުކޮޅެއް ނެގި ނަމަވެސް، އެ ލޭފޮދުގެ ސަބަބުން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ، ލެއަކީ އަގު ނުކުރެވޭ ވަރުގެ އެއްޗެއް،" ލައިފް ސަޕޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ލައިފް ސަޕޯޓުގެ މުވައްޒަފުން މިއަދު ލޭ ހަދިޔާ ކުރީ ތެލެސީމިއާ ސެންޓަރަށެވެ. އެ ހަރަކާތުގައި އެ ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެލެއްވި އެވެ.
މީގެ 19 އަހަރު ކުރިން ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަންފެށީ ލޭ ހަދިޔާ ކުރާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުންނާއި ރައްކާތެރިކަމާ އެކު ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާ މެދު މީހުން ހޭލުންތެރި ކުރުމުގެ މަގުސަދު ގައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން، 14 ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގަ އެވެ. މިއަަހަރުގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ޝިއާރަކީ "ގިވް ބްލަޑް ގިވް ޕްލާޒްމާ ޝެއާ ލައިފް ޝެއާ އޮފަން" އެވެ.
ދިވެހި ރާއްޖޭގައި ވެސް ތަފާތު އެކި ސަބަބުތަކަށްޓަކައި ލޭ އަޅަންޖެހޭ މީހުން ހިސާބަކަށް އުޅޭއިރު، ލޭ ހޯދުމުގައި ގިނަ ބަޔަކު އަދިވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ބުނެ އެވެ.
Comment