13 ޖޫން 2023 - 20:41 0
ހަސަން މުހައްމަދު
ރައީސް އާއި ބައެއް ވަޒީރުން ކެބިނެޓު ބައްދަލުވުމުގައި: ސަރުކާރުން ބުނީ ފައިސާ އިތުރު ކުރާ ގޮތުގެ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
13 ޖޫން 2023 - 20:41 0
ނުކުޅަދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދޭ 2000ރ. އެލަވަންސްގެ އިތުރުން އެހެން ފައިސާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ލިބޭ ފައިސާގެ އިނާޔަތުގެ އިތުރުން އެހެން އެލަވަންސެއް ދޭން ރައީސް ސޯލިހު ނިންމެވީ އެމަނިކުފާނުގެ ވަޒީރުންގެ ކެބިނެޓުގެ ލަފާގެ މަތިން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖައަކުރެއްވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްއިން ހުށަހެޅުއްވި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅުގެމަތިން،" އެ ބަޔާނުގައިވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިންތިކޮށް އެލަވަންސް ދޭ އުސޫލަށް ބަދަލުތަކެއް ގެންނަން މިދިޔަ އަހަރު އޮތީ ނިންމައިފަ އެވެ. އެކަން ސަރުކާރުން ހާމަ ކުރީ މިއަހަރުގެ ބަޖެޓު ހުށަހެޅި އިރު ރައްޔިތުންގެ މަޖިލީހުގަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ އިނާޔަތްތައް އިތުރު ކުރަން ސަރުކާރުން ނިންމިއިރު، މިހާރު ދެމުން އަންނަ 2000ރ. ގެ ބަދަލުގައި 5000ރ. ދިނުމަށް އެދި، ހއ. އިހަވަންދޫގެ ހާއްސަ އެހީއަށް ބޭނުންވާ ތިން ޒުވާނެއް ކަމަށްވާ މުހައްމަދު އިރުފާނާއި އަލީ ޖުއައިދު އަދި އަލީ ފަޔާޒްގެ ފަރާތުން ނޮވެމްބަރު، 2021 ގައި އޮތީ ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ގާނޫނަށް އިސްލާހު ގެނެސްގެން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ބޮޑު ކުރަން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖުލައި، 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް ވެރިކަން ހިންގާ ޕާޓީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ އިސްލާހު ބަލައިގަނެފައެއްނުވެ އެވެ.
ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފައިސާ ބޮޑު ކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނިއިރު، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ ފައިސާގެ އަދަދު ވެސް ބޮޑު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ މިމަހުގެ ތެރޭގައި ވިދާޅުވެފަ އެވެ. އުމުރުން 65 އަހަރުވުމުން ސަރުކާރުން ކޮންމެ މަހަކު 5000ރ. ދެ އެވެ.
"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދެމުން އަންނަ އެލަވަންސަށް ހެޔޮ ބަދަލު [ގެނައުން]. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަން ޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަަށް އޮތްް ތަނުގައި އެ ބަދަލު އަންނާނެ،" މިދިޔަ ހަފުތާގައި ރައީސް ވިދާޅުވެފައިވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެލަވަންސެއް ސަރުކާރުން ތައާރަފު ކުރީ މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment