12 ޖޫން 2023 - 14:43 0
މުހައްމަދު އުޝާމް
އަބްދުﷲ ޒިޔަތު މީގެ ކުރިން ޝަރީއަތަށް ހެކިބަސް ދެނީ؛ ޒިޔަތަށް ރައީސް އަބްދުﷲ ޔާމީން ގިނަ ސުވާލުތަކެއް ކުރައްވައިފި
12 ޖޫން 2023 - 14:43 0
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގި ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލާދީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހިއްސާކުރައްވާ ވާހަކަތައް އިތުރަށް ޔަގީން ނުކުރައްވާ ކަމަށް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ޒިޔަތުގެ ހެކިބަސް ނެގުމެވެ. ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ކްރިކް ރިޒާއާ ބައްދަލުކޮށް އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ފުއްގިރި ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އަދީބުގެ އެންގެވުމަކަށް ކަމަށެވެ.
"އެމްއެމްޕީއާރުސީންނެއް ނޫން އިިންވެސްޓަރާ ވާހަކަ ދައްކަމުން ވެސް އައީއެއް، މިނިސްޓްރީގެ ފަރާތުން ބަޔަކަށް ޕްރޮޕޯޒްކުރީ، މިނިސްޓަރު [އަދީބު] އެންގެވީ މިއީ ރައީސް [ޔާމީން] ގެ އިންވޯލްވްމަންޓް އޮތް ކަމެކޭ،" ޒިޔަތު ވިދާޅުވި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. އެ ކުންފުންޏަށް ފުއްގިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ.
ޒިޔަތު ވިދާޅުވީ އެ ކުންފުންޏަށް ރަށް ދޫކުރުމުގެ މުއާމަލާތްތަކުގައި ބައިވެރިވީ ކްރިކް ރިޒާ ކަމަށެވެ. ފުރަތަމަ އެމްއެމްޕީއާރުސީން 2.5 މިލިއަން ޑޮލަރަށް ހުށަހެޅި ނަމަވެސް ރިޒާ އެދުނީ ހަތަރު ލައްކަ ޑޮލަރަށް ދޫކުރުމަށެވެ. ފަހުން އަދީބު އަންގަވައިގެން 1.55 މިލިއަން ޑޮލަރަށް ދޫކުރީ ކަމަށެވެ.
އޭގެ އިތުރަށް ކްރިކް ރިޒާ އެދިގެން ކުއްޔަށް ރަށް ދޫކުރުމުގެ އެއްބަސްވުން ސޮއިނުކޮށް ލަސް ވެސް ކުރި ކަމަށް ޒިޔަތު ވިދާޅުވި އެވެ. އެއީ ރިޒާއަށް ލިބޭ ޕޭމަންޓެއް ލަސްވެގެން އަދި އެ ޕޭމަންޓްގެ ތެރޭގައި ޔާމީނަށް ލިބޭ ކޮމިޝަނެއް ވެސް ހިމެނޭތީ ކަމަށް އަދީބާ ހަވާލާދީ، ޒިޔަތު ވިދާޅުވި އެވެ.
ރަށް ދިނުން އަވަސް ކޮށްދިނުމަށް އެދިވަޑައިގެން ޔާމީން މެސެޖެއް ވެސް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ވަކީލުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގެ ތެރެއިން ސީދާ ޔާމީން ފުރުސަތަކަށް އެދުނެވެ. އެ ފުރުސަތުގައި ޔާމީން ޒިޔަތަށް އަމާޒުކުރެއްވި މައިގަނޑު ގޮތެއްގައި ކުރެއްވި ސުވާލަކީ އަދީބާއި ޒިޔަތާ ދެމެދު އޮތް ގުޅުމާއި، އަދީބު ދައްކަވާ ވާހަކަތައް ޒިޔަތު ޔަގީންކުރައްވަނީ ކިހާވަރަކަށްތޯ އެވެ.
އޭގެ ޖަވާބުގައި ޒިޔަތު ވިދާޅުވި ގޮތުގައި އަދީބާ ދެމެދު އެކުވެރި ގުޅުމެއް އޮތްތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ދުވަސްވެއްޖެ އެވެ. އަދި, ދުވަހަކު ވެސް އަދީބު ހިއްސާކުރައްވާ ވާހަކަތައް އިތުރަށް ޔަގީން ކުރައްވަން ކަމެއް ނުކުރައްވާއިރު، ޔާމީނާ ހަވާލާދީ ދައްކަވާ ވާހަކަ ވެސް ޔަގީން ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޔާމީންއާ އާންމުކޮށް މެސެޖު ނުކުރައްވާ ކަމަށް ޒިޔަތު ވިދާޅުވުމުން، ޔާމީންގެ ނަންބަރުގައި ކުރެއްވި މެސެޖަކީ ސީދާ އެމަނިކުފާނު ކުރެއްވި މެސެޖެއްކަން ޔަގީންތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ. ނުވަތަ ކޮމްޕިއުޓަރައިޒް މެސެޖަކަށް ވުމަކީ އެކަށޭނަ ކަމެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
އޭގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ޔާމީންގެ ނަންބަރު އަދި ޒިޔަތު ފޯނުގައި ޔާމީންގެ ނަންބަރު ސޭވްކޮށްފައި އޮތް ގޮތެއް އެނގޭ މީހަކަށް އެ ކަން ކުރުމުގެ ފުރުސަތެއް އޮވެދާނެ ކަމަށެވެ.
ޒިޔަތާއި ދައުލަތާއެކު ވެފައިވާ ކުށުގެ އިއުތިރާފު އެއްބަސްވުމާއި ޒިޔަތުގެ މައްޗަށް ކޯޓުން އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމް ގޭބަންދުގައި ތަންފީޒުކުރަމުންދާތީ ވެސް ސުވާލުކޮށްފައިވެ އެވެ. ޒިޔަތު ވިދާޅުވި ގޮތުގައި އޭނާ ގޭބަންދުގައި ހުންނެވީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށެވެ. ޒާތީ މައުލޫމާތަކަށް ވުމުން ސިއްހީ ސަބަބުތަކުގެ ސުވާލު ކުރުމަށް ފުރުސަތެއް ނުދިނެވެ.
ޒިޔަތުގެ ހެކިބަސް ނިމިގެން، އަދީބުގެ ހެކިބަސް ނެގުމަށް ވެސް މިއަދު ތާވަލުކޮށްފައިވެ އެވެ. ޒިޔަތަށް ގިނަ އަދަދެއްގެ ސުވާލުތައް ދިފާއުން ކުރަމުން ދާތީ އަދި އޭނާގެ ހެކިބަސް ނެގުން ނުނިމެ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ފުއްގިރި ކުއްޔަށް ދޫކުރީ ބިޑަކާ ނުލާ ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއާ އެވެ. އެ ކުންފުންޏަށް ފުއްދިރި ދިނީ 1.55 މިލިއަން ޑޮލަރަށެވެ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ކަންތައްގަނޑެއް ހިންގާފައިވާއިރު, ޕެންޑޯރާ ޕޭޕާސްގައި ހާމަވި ގޮތުގައި އޭގެ ފަހަތުގައި ތިބީ އިންޑިއާގެ ނުޒޫފުގަދަ ވިޔަފާރިވެރިންތަކެވެ.
އެގޮތުން, ލީކްކޮށްލާފައިވާ ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ލިޔުންތަކުން ދައްކާ ގޮތުގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ކުންފުންޏަކީ އިންޑިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ މަސްލަހަތު އޮންނަ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި ނުފޫޒުގަދަ އިންޑިއާ މީހެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕް ކުންފުންޏެކެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަން އަރުވާފައިވާ ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.
Comment