Advertisement

ފްރާންސްގެ ބަދަލުގައި ސްޕެއިން އިހުތިޔާރުކުރި ނޯމަންޑް ހިތާމައެއްނުކުރޭ

12 ޖޫން 2023 - 07:27 0


ފްރާންސްގެ ބަދަލުގައި ސްޕެއިން އިހުތިޔާރުކުރި ނޯމަންޑް ހިތާމައެއްނުކުރޭ

12 ޖޫން 2023 - 07:27 0

މެޑްރިޑް (ޖޫން 12) - ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުންދާ ފްރާންސަށް އުފަން ޑިފެންޑަރު ރޮބިން ލެ ނޯމަންޑް، ސްޕެއިން ގައުމީ ޓީމަށް ކުޅެން ނިންމުނީތީވެ، އެ ކަމާ ހިތާމަނުކުރާ ކަމަށް ބުނެފި އެވެ.

އުމުރުން 19 އަހަރުގައި ނޯމާންޑް ސޮސިއެޑާޑްއާ ގުޅުނީ 2016 ވަނަ އަހަރެވެ. އާންމު އުސޫލުން ބަލާއިރު، ނޯމަންޑް، 26، އަށް ސްޕެއިންގެ ރައްޔިތަކަށް ވެވޭނީ އަދި 10 އަހަރު ފަހުންނެވެ. އެހެން ނަމަވެސް، ސްޕެއިންގެ ހަޔާ ސްޕޯޓްސް ކައުންސިލް އިން އެދިގެން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނޯމަންޑް އަށް ސްޕެއިން ރަށްވެހިކަން ލިބި އޭނާ ވަނީ ސްޕެއިން ގައުމީ ސްކޮޑަށް ވެސް ނަގައިފަ އެވެ.

އެ ގޮތުން މި ހަފްތާގައި ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލާއި ފައިނަލް މެޗަށް ނެގި ސްކޮޑަށް ސްޕެއިންގެ ކޯޗު ލުއީސް ޑެ ލަ ފުއެންޓޭ ވަނީ ނޯމަންޑް ނަގައިފަ އެވެ.

ފްރާންސްގެ ޓީމު ބްރެސްޓް އަށް ކުޅުނު ނޯމަންޑް ބުނީ އޭނާ އަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ފޯން ކޯލެއް އައި ކަމަށެވެ. އަދި ޑެޝޯމްޕްސް ވަނީ ފްރާންސް ޓީމުން އޭނާ އަށް ފުރުސަތު އެބައޮތް ކަމަށް ވެސް ބުނެފައި ކަމަށާއި އެހެން ނަމަވެސް ސްޕެއިނަށް ކުޅެން ނިންމި ނިންމުން ބަދަލުކުރަން ބޭނުންނުވި ކަމަށް ނޯމަންޑް ވަނީ ބުނެފަ އެވެ.

"ސްޕެއިންގެ ފެޑެރޭޝަނުގައި ތިބި މީހުންނާއި ކުޅުންތެރިންނާއި ހެޔޮ އެދޭ މީހުންގެ މޫނުމަތިން އަހަންނަށް ފެނުނު، ސްޕެއިނަށް ކުޅެން ނިންމުމަކީ އަހަރެންގެ ނެގި ރަނގަޅު ޑިޒިޝަނެއްކަން. އެހެންވެ، ޝައްކެއް ކުރާނެ ޖާގައެއް ނެތް، އަހަރެން މި ހުރީ އުފަލުން،" ނޯމަންޑް ބުންޏެވެ.

"އަހަރެން ސްޕެއިނުގައި މިވީ އަށް އަހަރު، ވަރަށް އުފަލުން މި ހިތުގައި މި ހުރީ،"

ނޯމަންޑް އަކީ ފަހަކަށް އައިސް ފްރާންސް ދޫކޮށް ސްޕެއިނަށް ކުޅެން ނިންމި ދެ ވަނަ ޑިފެންޑަރެވެ. ފްރާންސަށް ނިސްބަތްވާ ޑިފެންޑަރު އައިމެރިކް ލަޕޯޓް ވެސް ވަނީ 2021 ވަނަ އަހަރު ސްޕެއިންގެ ރަށްވެހިކަން ހޯދައި އެ ޓީމަށް ކުޅެން ފަށައިފަ އެވެ.

ނޭޝަންސް ލީގުގެ "ފައިނަލް ފޯ" ގައި ބައްދަލުކުރަނީ އެއް ސެމީ ފައިނަލްގައި ނެދަލެންޑްސް އާއި ކްރޮއޭޝިއާ އަދި އަނެއް ސެމީ ފައިނަލްގައި ސްޕެއިން އާއި އިޓަލީ އެވެ.