Advertisement

އޮފީސް މުބާރާތުގެ ސިންގަލްސް ތަށި މި ފަހަރު ވެސް ހޯދީ ދިލް އާއި ދުންޔާޒު

12 ޖޫން 2023 - 06:41 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އޮފީސް މުބާރާތުގެ މެޗެއްގެ ތެރެއިން ދުންޔާޒް ބޯޅަ ފޮނުވާލަނީ...--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)


އޮފީސް މުބާރާތުގެ ސިންގަލްސް ތަށި މި ފަހަރު ވެސް ހޯދީ ދިލް އާއި ދުންޔާޒު

12 ޖޫން 2023 - 06:41 0

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުހައްމަދު ދުންޔާޒު ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އާމިނަތު ހަލީމް (ދިލް) ހޯދައިފި އެވެ.

13 އޮފީހަކުން 18 ޓީމް ވާދަކުރާ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފެށި މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސިންގަލް އިވެންޓުތަކާއިއެކު މުބާރާތް ފެށިއިރު މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓްކަމަށްވާ ޓީމް އިވެންޓުގެ މެޗުތައް ފަށާނީ މާދަމާ އެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދުންޔާޒު ހޯދީ ފައިނަލުގައި އެމްޕީއެލްގެ އަބްދުﷲ އަފީފް 9-5 ފްރޭމުން ބަލިކޮށްގެންނެވެ. ފައިނަލު މެޗު ފެށި ގޮތަށް ފޯމުގައި ކުޅެ ރަނގަޅު ލީޑެއް ނަގާފަ އެވެ. މެޗުގެ މެދުތެރެއިން ދެ ފްރޭމަށް އަފީފު ސްކޯ ކައިރިކުރި ނަމަވެސް ދުންޔާޒްވަނީ ފަހު ދެ ފްރޭމް ހޯދައި މެޗު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ދުންޔާޒު ވަނީ އެމްޕީއެލް ޓީމުގެ ގައުމީ ޓީމް ކުޅުންތެރިޔާ އިސްމާއިލް ޖީހާން 7-5 އިން ބަލިކޮށްފަ އެވެ. އަފީފް ފައިނަލުން ޖާގަ ހޯދީ ސެމީ ގައި އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް 7-4 އިން ބަލިކޮށްގެންނެވެ.

އޮފީސް މުބާރާތުގެ މެޗެއްގެ ތެރެއިން ދިލް ބޯޅަ ފޮނުވާލަނީ...--- ފޮޓޯ: މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)


މުބާރާތުގެ ސިންގަލްސް އިވެންޓުގެ އަންހެން ބައިގެ ޗެމްޕިއަންކަން ދިލް ހޯދީ ފައިނަލުގައި ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް އަތުން 6-1 އިން މޮޅުވެފަ އެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ މިދިޔަ އަހަރުގެ ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދީ ދިލް އާއި ދުންޔާޒު އެވެ. އިންޓަ އޮފީސް މުބާރާތުގައި އަންހެން ސިންގަލްސް އިވެންޓު ތައާރަފްކުރި ފަހުން އަންހެން ސިންގަލްސް ކެޓަގަރީގެ ތަށި ހޯދާފައިވަނީ ދިލް އެވެ.

މިއަހަރުގެ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގައި 13 އޮފީހަކުން ވާދަކުރެ އެވެ. އަންހެން ބައިގައި ވާދަކުރަނީ ފަސް އޮފީހަކުންނެވެ.

ފިރިހެން ބައިގެ ޓީމްތައް ދެ ގްރޫޕަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވިއަން، ޕްރެޒިޑެންޓްސް އޮފީސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ގްރޫޕް ބީގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް، ދިރާގު، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އަންހެން ޑިވިޝަންގައި ތިން ޓީމަކުން ވާދަކުރެ އެވެ. އެއީ ޕްރެޒިޑެންޓްސް އޮފީސް، އެމްއޭސީއެލް، އެމްއެންޑީއެފް، ކަސްޓަމްސް އަދި ދިރާގެވެ. އަންހެން އަދި ފިރިހެން މިކްސްކޮށް ޓީމް އިވެންޓް ކުޅެމުން އައި އިންޓަ އޮފީސް މުބާރާތުގައި އަންހެން ޓީމް އިވެންޓު ވަކި ބައެއްގެ ގޮތުގައި ކުޅެން ފެށީ މިދިޔަ އަހަރު އެވެ.