11 ޖޫން 2023 - 22:19 0
ޖޮކޮވިޗް ފްރެންޗް އޯޕަން ތަށި އުފުލާލަނީ.--- ފޮޓޯ: އޭއެފްޕީ
11 ޖޫން 2023 - 22:19 0
ޕެރިސް (ޖޫން 11) - ފްރެންޗް އޯޕަން ފައިނަލުގައި މިރޭ ނޯވޭގެ ކެސްޕާ ރޫޑް އަތުން މޮޅުވެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް، ސާބިއާގެ ނޯވަކް ޖޮކޮވިޗް މުގުރާލައިފި އެވެ.
ޖޮކޮވިޗް، 36، ތިން ވަނަ ފްރެންޗް އޯޕަން ތަށްޓާ އެކު، ޖުމްލަ އެކު، އޭނާ މި ވަނީ ޓެނިސް ގްރޭންޑް ސްލޭމް ހަތަރު މުބާރާތްތަކުން ޖުމްލަ އެކު، 23 ތަށި ހަމަކޮށްފަ އެވެ. ޖޮކޮވިޗްގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ތަފްސީލަށް ބަލާއިރު، އޭނާ ވަނީ 10 ފަހަރު އޮސްޓްރޭލިއަން އޯޕަން، ވިމްބަލްޑަން ހަތް ފަހަރު، ޔޫއެސް އޯޕަން ތިން ފަހަރު އަދި ފްރެންޗް އޯޕަންގެ ތިން ތަށްޓެވެ. މި ފަހަރުގެ ކުރިން ފްރެންޗް އޯޕަން ކާމިޔާބުކުރީ 2016 އާއި 2021 ވަނަ އަހަރު އެވެ.
ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ މި ރެކޯޑް ކުރިން އޮތީ ޖޮކޮވިޗް އާއި ސްޕެއިންގެ ރަފައެލް ނަޑާލް އަތުގަ އެވެ. ނަޑާލް އަނިޔާގައި ހުރިއިރު، ޖޮކޮވިޗް މި ވަނީ ރެކޯޑް މުގުރާލައިފަ އެވެ. ނަޑާލް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޖޮކޮވިޗްގެ ކާމިޔާބަށް މަރުހަބާ ކިޔައިފަ އެވެ.
އަނެއްކޮޅުން، ޖޮކޮވިޗް އަކީ ގްރޭންޑް ސްލޭމް ޓެނިސް ހަތަރު މުބާރާތުގެ ތެރެއިން ކޮންމެ މުބާރާތެއްގެ ތަށި މަދުވެގެން ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ. އެހެންވެ، މި ކާމިޔާބީ އިތުރަށް ހާއްސަވެ އެވެ.
ރޫޑް ބަލިކުރުމަށް ފަހު ޖޮކޮވިޗް ފްރެންޗް އޯޕަން ތަށްޓަށް ބޮސްދެނީ: މިއީ ޖޮކޮވިޗްގެ ކެރިއަރުގައި ވެސް ހާއްސަ ކާމިޔާބެއް.-
ކެރިއަރުގައި ތިން ވަނަ ގްރޭންޑް ސްލޭމް ފައިނަލުގައި ކުޅުނު ރޫޑް އަތުން ޖޮކޮވިޗް މޮޅުވި މި މެޗުގެ ސެޓުތައް ދިޔައީ 7-6 (7-1) 6-3 7-5 އިންނެވެ. ރޫޑްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޖޮކޮވިޗް ކުޅެމުން ދިޔަ ފޯމަށް ބަލާއިރު، އޭނާ ހުއްޓުވުން ވެގެންދިޔައީ ވަރަށް ބޮޑު ޗެލެންޖް އަކަށެވެ.
ޖޮކޮވިޗްގެ މި ކާމިޔާބީއާ އެކު، އޭނާ އަށް އަލުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރޭނެ އެވެ. ކުރިން ރޭންކިން އެއް ވަނައިގައި އޮތް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން ސެމީ ފައިނަލުން ޖޮކޮވިޗް އަތުން ބަލިވެފަ އެވެ.
އޭޓީޕީ ލެވަލްގެ މެޗުތަކުން މޮޅުވުމުގެ ރެކޯޑް އޮތީ 109 މޮޅާ އެކު ކުރީގެ ކުޅުންތެރިޔާ ޖިމީ ކޮނާސް އަތުގަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މޮޅު ހޯދާފައިވަނީ 103 މޮޅު ހޯދާފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އެވެ. ތިން ވަނައިގައި އޮތީ ޖޮކޮވިޗާއި އިވާން ލެޑްލް އެވެ. އެއީ 94 މޮޅު ހޯދައިގެންނެވެ. ދެން މި ލިސްޓުގައި އޮތް ނަޑާލަށް ވަނީ 92 މޮޅު ލިބިފަ އެވެ.
ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް ތަށި ހޯދީ ޕޮލެންޑްގެ އީގާ ސްވިއަޓެކް އެވެ. މިއީ ހަތަރު އަހަރު ތެރޭގައި ސްވިއަޓެކަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ތިން ވަނަ ފަހަރެވެ. މި ފަހަރު ފައިނަލުގައި ސްވިއަޓެކް ވަނީ ޗެކް ރިޕަބްލިކްގެ ކެރޮލީނާ މުޗޯވާގެ މައްޗަށް 6-2 5-7 6-4 އިން ކުރިހޯދައިފަ އެވެ.
Comment