Advertisement

ޕްރެޝަރު އިހުސާސް ކުރެވުނަސް ހާލަންޑް އިތުބާރާ އެކު

10 ޖޫން 2023 - 10:08 0


ޕްރެޝަރު އިހުސާސް ކުރެވުނަސް ހާލަންޑް އިތުބާރާ އެކު

10 ޖޫން 2023 - 10:08 0

އިސްތަންބޫލް (ޖޫން 10) - ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނައިރު، ޕްރެޝަރު އިހުސާސް ކުރެވުނަސް، އަމިއްލަ ނަފްސާއި ޓީމާމެދު އިތުބާރު އެބައޮތް ކަމަށް ސިޓީގެ ފޯވަޑް އާލިން ބްރައުޓް ހާލަންޑް ބުނެފި އެވެ.

ތުރުކީގެ އިސްތަންބޫލްގައި މިރޭ ކުޅޭ ޗެމްޕިއަންްސް ލީގުގެ ފައިނަލަށް ސިޓީން ނުކުންނާނީ "ޓްރެބަލް" ހާސިލްކުރުމުގެ އަޒުމުގަ އެވެ. ސިޓީން ވަނީ މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ސިޓީއާ ވާދަވެރި މެންޗެސްޓާ ޔުނައިޓަޑް އިން 1999 ވަނަ އަހަރު "ޓްރެބަލް" ހާސިލްކުރި ފަހުން، އިނގިރޭސި އެހެން ކްލަބަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ.

މި ސީޒަންގައި ސިޓީން މިހާތަނަށް ހޯދި ކާމިޔާބީގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ކުޅުންތެރިޔަކީ ހާލަންޑެވެ. މި ސީޒަންގައި އޭނާ ވަނީ 52 ލަނޑު ޖަހައިފަ އެވެ.

އެހެން ނަމަވެސް، ފައިނަލަށް ނުކުންނައިރު ހާލަންޑް ލަނޑު ޖެހުމުގެ ރޭޓް ވަނީ ކޮންމެވެސް ވަރަކަށް މަޑު ޖެހިފަ އެވެ. އެންމެ ފަހުން ކުޅުނު ހަތަަރު މެޗުގައި ހާލަންޑަށް ލަނޑެއް ނުޖެހެ އެވެ. ހާލަންޑް ،22، ގެ ކެރިއަރުގައި ވެސް މީގެ ކުރިން ލަނޑެއް ނުޖެހި ހަތަރު މެޗެއް ހަމައެއް ނުވެއެވެ. އަދި އެންމެ ފަހުން ކުޅުނުނު ހަތް މެޗުން ހާލަންޑް ޖަހާފައިވަނީ އެންމެ ލަނޑެކެވެ.

ހާލަންޑް ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނައިރު، އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ލަނޑު ޖެހުމުގެ ރެކޯޑާ މެދު އޭނާ ފިކުރުބޮޑުނުވާ ކަމަށެވެ. އަދި ފައިނަލްގެ ކުރިން ޕްރެޝަރު އިހުސާސްކުރެވުނު ނަމަވެސް، އަމިއްލަ ނަފްސާއި ސިޓީގެ ޓީމާ މެދު އިތުބާރު އެބައޮތް ކަމަށެވެ.

"ހަތް މެޗުން އެއް ލަނޑު ކަމަށް ބުނެވިދާނެ. އެކަމަކު، ހަމަ ބުނެވިދާނެ 52 މެޗުން (އަހަރެން) 52 ލަނޑު ޖަހައި، އަށް އެސިސްޓް (ހީވާ ގޮތުން) ހެދި ކަމަށް،" ހާލަންޑް ބުންޏެވެ.

"އަހަރެން ހާހެއްނުވޭ. އަހަރެން ކުރިން ހިޔެއް ނުކުރަން މިހާ ގިނަ ލަނޑު ޖެހޭނެ ކަމަށް. އެކަމަކު، ޖުމްލަކޮށް ބަލާއިރު މިއަށް ވުރެ ގިނައިން ލަނޑު ޖެހުނީސް. ވަރަށް ގިނަ ފުރުސަތުތައް ގެއްލިގެންވެސް ދިޔަ."

ބޮރޫޝިއާ ޑޯޓްމަންޑް އިން މިދިޔަ އަހަރު ސިޓީ އަށް ހާލަންޑް ބަދަލުވުމުގެ ކުރިން ވެސް ސިޓީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގަދަ ބާރެވެ. އެހެން ނަަމަވެސް، އެ ކްލަބުގެ އެންމެ ބޮޑު އަމާޒުކަމަށްވާ ޗެމްޕިއަންސް ލީގު މިހާތަނަށް ކާމިޔާބެއްނުކުރެވެ އެވެ.

ހާލަންޑް ބުނީ އޭނާގެ ފުރަތަމަ ސީޒަންގައި ސިޓީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ، އެއީ ސިޓީ އާއި އޭނާގެ އަމިއްލަ ކެރިއަރަށް ވެސް ލިބޭނެ ބޮޑު ކާމިޔާބެއް ކަމަށެވެ.

"ޕްރެޝަރު އިހުސާސްކުރެވޭ. ޕްރެޝަރެއް ނެތޭ ބުނެފިނަމަ އެ ވާނީ ދޮގަކަށް. މި ނުކުންނަނީ މި ކްލަބަށް ކުރިން ނުވެ އޮތް ކަމެއް ހާސިލްކުރަން. އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެެއް ކުރާނަން (އެކަން ހާސިލްކުރުމަށް،" ހާލަންޑް ބުންޏެވެ.

ސިޓީ އާއި އިންޓަ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.