Advertisement

ނާގަލްސްމަންއާ އެކު ޕީއެސްޖީ އަށް ދާން އޮންރީ ދެކޮޅު

9 ޖޫން 2023 - 10:22 0


ނާގަލްސްމަންއާ އެކު ޕީއެސްޖީ އަށް ދާން އޮންރީ ދެކޮޅު

9 ޖޫން 2023 - 10:22 0

ޕެރިސް (ޖޫން 9) - ހުސްވެފައިވާ ޕީއެސްޖީގެ ކޯޗުގެ މަގާމާ ޖަރުމަނުގެ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ހަވާލުވާއިރު، އޭނާގެ އެސިސްޓަންޓް ކޯޗަކަށް ދާން ލިބުނު ފުރުސަތުގެ ބޭނުންހިފަން ކުރީގެ އެއް ވަނަ ފޯވާޑް، ތިއަރީ އޮންރީ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީއެސްޖީން މި ސީޒަނުގައި ފްރެންޗް ލީގުގެ ތަށި 11 ވަނަ ފަހަރު ހޯދައި، ރެކޯޑެއް ގާއިމްކުރި ނަމަވެސް އެ ކާމިޔާބު ހޯދިއިރު، ހުރި ކޯޗު ކްރިސްޓޮފް ގަލްޓިއޭ މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ވަނީ ނިިމިފަ އެވެ. އާ ކޯޗެއް ހަމަޖެހިގެންދިއުމާ އެކު، ގަލްޓިއޭ މަގާމުން ދުރުކުރިކަން ޕީއެސްޖީން ރަސްމީ ސިފައެއްގައި ހާމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ސީޒަނުގައި ބަޔާން މިއުނިކްގެ ކޯޗުކަމުން ވަކިކުރި ނާގަލްސްމަން އަކީ ޕީއެސްޖީގެ ބޯޑުން އެ ކްލަބަށް ދެން ގެންނަން ބޭނުންވާ ކޯޗެވެ. އެހެންވެ، ޕީއެސްޖީގެ އިސް ވެރިން ވަނީ ދާދި ފަހުން ގަތަރުގައި ނާގަލްސްމަންއާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނާގަލްސްމަންއާ އެކު މަސައްކަތްކުރާނެ އެސިސްޓަންޓް ކޯޗެއްގެ ވާހަކަތައް ދެެކެވުނެވެ. ނާގަލްސްމަން ބޭނުންވަނީ ޕީއެސްޖީގެ ބޯޑުގެ މެޖޯރިޓީގެ ތާއީދު ވެސް ލިބުނު އޮންރީ ގެންނާށެވެ. އެހެންވެ، ނާގަލްސްމަން ވަނީ އެސިސްޓަންޓަކަށް އަންނަން އޮންރީ އަށް އޮފާ ވެސް ކޮށްފަ އެވެ.

ފްރާންސްގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އޮންރީ ވަނީ މިހާރު ނާގަލްސްމަންގެ އެ އޮފާ އަށް ފުރަގަސްދީފަ އެވެ. އޭގެ އެންމެ ބޮޑު ސަބަަބަކީ އޮންރީ މި ވަގުތު ވިސްނައިގެން ހުރީ ކޯޗެއްގެ އެސިސްޓަންޓަކަށް ވުމުގެ ބަދަލުގައި، ހެޑް ކޯޗެއްގެ ރޯލުގައި އަނެއްކާ ވެސް ކުރިއަށް ދިއުމަށެވެ.

އޮންރީ، ކޯޗިން ކެރިއަރު ރަސްމީކޮށް ފެށިއިރު، މަސައްކަތް ކުރީ 2016-2018 އަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން، ފްރާންސްގެ މޮނާކޯ އާއި ކެނަޑާގެ ޓީމު މޮންޓްރެއާލް އިމްޕެކްޓްގެ ހެޑް ކޯޗަކަށް ހުއްޓެވެ. އެންމެ ފަހުން، އޮންރީ ހުރީ މިދިޔަ އަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް އަނެއްކާ ވެސް ބެލްޖިއަމް ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ.