8 ޖޫން 2023 - 10:36 0
އިއްޔެ ބޭއްވި ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
8 ޖޫން 2023 - 10:36 0
ޖަރުމަނުގެ ބާލިންގައި މި މަހު 17 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ސްޕެޝިއަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގައި ރާއްޖޭން އެތުލެޓިކްސް އާއި ބެޑްމިންޓަންގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އިން އިއްޔެ ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައިވަނީ ވޯލްޑް ގޭމްސްގައި ވާދަކުރާ އެތުލީޓުންނާއި ރާއްޖޭގެ ޑެލިގޭޝަނުގައި ހިމެނޭ އޮފިޝަލުންނާ ރަސްމީކޮށް ޖޯޒީ ހަވާލުކޮށްފަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެެއްވީ ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހުލޫފް އެވެ.
މި މަހު 25 ގެ ނިޔަލަށް ކުރިއަށްދާ ގޭމްސްގައި ޖުމްލަ ހަ އެތުލީޓުން ރާއްޖެ ތަމްސީލްކުރާ ގޮތަށް ހަމަޖެހިފައިވާއިރު، އެތުލެޓިކްސް އިން ވާދަކުރަނީ ހުސެއިން ސުޖޫދު ނާޝިދު، އިބްރާހިމް ހުމައިދު މުހައްމަދު، އައިޝަތު ލައިކާ ހުސެއިން އަދި ޒާނާ އަލީ ޝަރީފް އެވެ. އެތުލެޓިކްސް ކޯޗުންނަކީ އަހުމަދު ނިޒާމް އާއި އައިޝަތު މައުވާ އެވެ.
ބެޑްމިންޓަނުން ރާއްޖޭން ވާދަކުރަނީ، އައިޝަތު މާނިޔާ އާދަމް އާއި މުހައްމަދު ރާއިފް ޝަރީފް އެވެ. ބެޑްމިންޓަނުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ އަލީ ޝަރްމީލް އާއި އައިޝަތު އަފްނާން ރަޝީދު އެވެ.
ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އިން ވޯލްޑް ގޭމްސް އަށް ކަނޑައެޅި ޑެލިގޭޓްގެ މެޑިކަލް އޮފިޝަލެއްގެ ގޮތުގައި ހިމަނާފައިވަނީ އަބްދުﷲ ޝާހު އެވެ. ހެޑް އޮފް ޑެލިގޭޝަނަކީ ފާތިމަތު ފައިރޫޒާ އާދަމް އެވެ. އަދި އެސިސްޓަންޓް ހެޑް އޮފް ޑެލިގޭޝަން އިބްރާހިމް ރަމީޒު އެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ ކަންކަން ރަސްމީކޮށް އެސޯސިއޭޝަނެއްގެ ސިފައިގައި ރާއްޖޭގައި ފެށިގެންދިޔައީ 2019 ވަނަ އަހަރު އެވެ. އެ ގޮތުން، އެ އަހަރު ރަސްމީ ސިފައެއްގައި ރާއްޖޭން ވަނީ އަބޫ ދާބީގައި ބޭއްވި ސްޕެޝިއަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގައި ވާދަ ކޮށްފަ އެވެ.
އަބޫ ދާބީގައި ކުރިއަށްދިޔަ އެ ފަހަރުގެ ގޭމްސްގެ ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދި އެވެ. އަދި ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހަތަރު ވަނަ ކެޓަގަރީން ރާއްޖޭގެ ވަސްމީ ވަހީދު ރިހި މެޑަލް ހޯދި އެވެ.
Comment