Advertisement

ވެސްޓް ހޭމުން ކޮންފަރެންސް ލީގު ކާމިޔާބުކޮށް 43 އަހަރުގެ އިންތިޒާރު ނިމުމަކަށް ގެނެސްފި

8 ޖޫން 2023 - 08:23 0


ވެސްޓް ހޭމުން ކޮންފަރެންސް ލީގު ކާމިޔާބުކޮށް 43 އަހަރުގެ އިންތިޒާރު ނިމުމަކަށް ގެނެސްފި

8 ޖޫން 2023 - 08:23 0

ލަންޑަން (ޖޫން 8) - މެޗުގެ އިތުރު ވަގުތުގައި ޖެރޮޑް ބޯވެން ޖެހި ގޯލުން 2-1 އިން ފިއޮރެންޓީނާ ބަލިކޮށް، ވެސްޓް ހޭމް ޔުނައިޓެޑުން ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލައި، 43 އަހަރުގެ އިންތިޒާރަށް ނިމުން ގެނެސްފި އެވެ.

ވެސްޓް ހޭމް އިން އެންމެ ފަހުން ބޮޑު މުބާރާތެއްގެ ތަށި ހޯދީ 1980 ވަނަ އަހަރު އެ ޓީމުން އެފްއޭ ކަޕް ކާމިޔާބުކުރިއިރު އެވެ. އަނެއްކޮޅުން މިއީ 1958 ވަނަ އަހަރު ޔޫރަޕިއަން ކަޕް ވިނާސް ކަޕް ކާމިޔާބު ކުރި ފަހުން ވެސްޓް ހޭމް އިން ޔޫރަޕްގައި ހޯދި ފުރަތަމަ ތަށްޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 14 ވަނައިގައި ނިންމި ވެސްޓް ހޭމް އިން ކޮންފަރެންސް ލީގު ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވެސްޓް ހޭމަކީ ދަށް މަގާމެއްގައި ލީގު ސީޒަނެއް ނިންމާލައި، ހަމަ އެ އަހަރު ޔޫރަޕްގެ ތަށްޓެއް ހޯދި ފުރަތަމަ ޓީމެވެ.

ކޮންފަރެންސް ލީގުގެ ކާމިޔާބީއާ އެކު ވެސްޓް ހޭމަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ލިބިފައިވާއިރު، އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅޭނެ އެވެ.

ރޭގެ ފައިނަލުގައި ވެސްޓް ހޭމަށް ލީޑުނަގައިދިނީ 62 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސައީދު ބެންރާމާ އެެވެ. މިއީ ފިއޮރެންޓީނާގެ ކެޕްޓަން، ކްރިސްޓިއާނޯ ބިރާގީ އަތުން ބޯޅައިގައި ޖެއްސުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ދިން ޕެނަލްޓީ އެކެވެ. އޭގެ ފަސް މިނިޓް ފަހުން، ވެސްޓް ހޭމް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖިއަކޯމޯ ބޮނަވެންޗޫރާ ވަނީ ގޯލުގެ ދުުރު ކަނަށް ބޯޅަ ފޮނުވާލައިގެން، ފިއޮރެންޓީނާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ވެސްޓް ހޭމް މޮޅުވީ މެޗުގެ ފަހު މިނިޓްގައި ބޮވެން ޖެހި ގޯލުންނެވެ. ލޫކަސް ޕަކޭޓާ ހުސްކޮށްލާފައި ފިއޮރެންޓީނާ ޑިފެންސް ފަހަތަށް ޖައްސާލި ބޯޅަ ހޯދައި، ބޮވެން ވަނީ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ޔުއެފާ އިން މިދިޔަ ސީޒަނުގައި މުޅިން އަލަށް ފެށި އެ ފެޑެރޭޝަނުގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ފުރަތަމަ ޗެމްޕިއަނަކީ ރޯމާ އެވެ. ދެ ވަނަ އަށް މި ތަށި އުފުލައިލީ ވެސްޓް ހޭމް އިންނެވެ.