Advertisement

ޕޮޓާ ވަކިކޮށް ވެސްޓް ހޭމްގެ ކޯޗަކަށް ނޫނޯ

27 ސެޕްޓެންބަރު 2025 - 17:52 0


ޕޮޓާ ވަކިކޮށް ވެސްޓް ހޭމްގެ ކޯޗަކަށް ނޫނޯ

27 ސެޕްޓެންބަރު 2025 - 17:52 0

ލަންޑަން (ސެޕްޓެމްބަރު 27) - ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗަކަށް ހުރި ގްރަަހަމް ޕޮޓާ ވަކިކޮށް، އެ މަގާމަށް ދާދި ފަހުން، ނޮޓިންހަމް ފޮރެސްޓުން ދޫކޮށްލި، ޕޯޗުގީސް ކޯޗު، ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަމަޖައްސަން ނިންމައިފި އެވެ.

ކުރިން، ބްރައިޓަން އާއި ޗެލްސީގެ ކޯޗަކަށް ހުރި ޕޮޓާ އަށް ވެސްޓް ހޭމްގެ ވަޒީފާ މި ގެއްލުނީ މަގާމުގައި ނުވަ މަސް ދުވަހަށް ފަހު އެވެ. ވެސްޓް ހޭމް އިން މި ހަފްތާގައި ކުޅޭ މެޗަށް މީޑިއާ ބައްދަލުވުމަށް އައިސް، ޕޮޓާ ވަނީ، އެ ކްލަބްގެ ވެރިންނާ އެކު ބޭއްވުނު ވާހަކަތައް ރަނގަޅު ކަމަށާއި މަގާމުގައި ހުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިއްޔެ ބުނެފަ އެވެ. އެކަމަކު، މިއަދު، ވެސްޓް ހޭމް އިން ނިންމީ ޕޮޓާ ވަކިކުރުމަށެވެ.

ވެސްޓް ހޭމް އިން އެ ގޮތަށް ނިންމީ، މި ފަހަރު ލީގުގައި ކުޅުނު ފަސް މެޗުން އެ ޓީމަށް ތިން ޕޮއިންޓް ލިބުނުއިރު، މި ވަގުތު ފުލުން ދެ ވަނައިގައި އޮތުމުން، ސީޒަން ސަލާމަތްކުރަން އަވަސް ނިންމުމެއް އަންނަން ޖެހޭތީ ކަމަށް ކްލަބްގެ ބޯޑަށް ފެނުމުންނެވެ.

ވެސްޓް ހޭމްގެ ކޯޗަކަށް ގެންނަން ނިންމާފައިވާ، ނޫނޯ ވަނީ ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ނޮޓިންހަމް ފޮރެސްޓަށް ކޯޗުކޮށްދީފަ އެވެ. އޭނާ އަށް ފޮރެސްޓްގެ ކޯޗުކަން ގެއްލުނީ، މި ފަހަރުގެ ލީގުގެ ތިން މެޗަށް ފަހު އެވެ. ފޮރެސްޓްގެ ކޯޗަކަށް ނޫނޯ ހުރެ، އެ ޓީމަށް އަލުން ޔޫރަޕްގެ މުބާރާތްތަކުން ޖާގަ ހޯދައިދިނެވެ. އޭނާ އަށް ފޮރެސްޓްގެ ކޯޗުކަން ގެއްލުނީ މަގާމުގައި 21 މަސް ހޭދަކުރި ފަހުން، އެ ކްލަބްގެ ވެރިޔާ، އަންޖެލޯ މަރިނާކިސްއާ މައްސަލަތަކެއް ޖެހިގެންނެވެ.

ނޫނޯގެ ކޯޗުކަމުގައި ވެސްޓް ހޭމް އިން ކުޅޭ ފުރަތަމަ މެޗަކީ ހޯމަ ދުވަހުގެރޭ އެވަޓަންއާ ބައްދަލުކުރާ މެޗު ވުމުގެ ފުރުސަތު ބޮޑެވެ.