6 ޖޫން 2023 - 20:37 1
މުހައްމަދު އުޝާމް
ރައީސް މުހައްމަދު ނަޝީދު (ކ) އަދި އެޓާނީ ޖެނެރަލް ރިފްއަތު (ވ)؛ ރިފްއަތުގެ އިތުބާރު ނެތް މައްސަލާގައި އެމްޑީޕީ މެންބަރުންނަށް ނަޝީދު ތުހުމަތުތަކެއް ކުރައްވައިފި
6 ޖޫން 2023 - 20:37 1
އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ވޯޓަށް އަހަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަނީ ރިފްއަތު "ބަލިކަށިކުރަން" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
އެ މައްސަލާގައި ވޯޓަށް ނާހައި، މައްސަލަ މަޑުޖައްސާލަން، ރިޔާސަތުގައި އިންނަވާ ނަޝީދު މަސައްކަތްކުރައްވާތީ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތު ކުރިމަތީ ކޮޅަށް ތިއްބަވައިގެން އިހުތިޖާޖު ވެސް ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނިކޮށް، އެމްޑީޕީގެ ގްރޫޕްތަކަށް އެމަނިކުފާނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނު ލަފާކޮށްގެން ހުންނެވީ އެމްޑީޕީން އޭޖީ ސަލާމަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
"ވޯޓެއް ނަގައިފިނަމަ މޮޅުވީ ނަމަވެސް ހަނި މެޖޯރިޓީއަކުން ހުންނަވާ އޭޖީއަކަށް ވުރެ ވޯޓު ނުނަގާ އޭޖީއެއް ރަނގަޅު ވާނެ ކަމަށް އާންމު މީހަކު ދެކޭނީ،" ނަޝީދު ފޮނުވި ޓެކްސްޓްގައިވެ އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ދެން ލިޔުއްވާފައިވަނީ "..އެހެން ނަމަވެސް އެމްޑީޕީ ބޭނުންވެފައި މި އޮތީ ވީހާވެސް އަވަހަކަށް މި ވޯޓު ނަގައި އޭޖީ ބަލިކަށިކުރުން،" ކަމަށެވެ.
ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.
މި މައްސަލާގައި އޭޖީ އެންމެ ފުރަތަމަ ޖަވާބުދާރީވެވަޑައިގެންނެވީ ލިޔުމުންނެވެ. އެހެން އޮއްވައި، ރިފްއަތު އިއްޔެ ހާޒިރުވެ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މެމްބަރުން ވަނީ އިންތިހާއަށް ނިޒާމީ ނުކުތާ ނަގައި ވާހަކަ މެދުކަނޑާލައިފަ އެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ގިނަ ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވި އެވެ.
އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާ ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ ރިފްއަތުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނުނިންމައި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ވަކާލާތު ކުރި އެވެ. އޭގެ މައްސަލައެއް އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހަޅާފައިވެ އެވެ.
ރިޔާސަތުގައި އިންނަވައި ނަޝީދު ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.
އޭގެ އިތުރުން ވެސް, މަޖިލީހަށް އިދކޮޅުން ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތައް އެޖެންޑާގެ ކުރިއަށް ޖައްސަައި ސަރުކާރުން ހުށަހަޅާ ބިލުތައް ލަސްކުރާ ކަމަށް ބުނެ އެމްޑީޕީގެ ނުރުހުން ނަޝީދަށް އޮތީ އަމާޒުވެފަ އެވެ.
އަދި, އެމްޑީޕީން ވަކިވި މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ވައްދާފަ އެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ޖޫން 11, އަށެވެ.
ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވި ފަހުން އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
ނަޝީދު އެމްޑީޕީގައި މަޑުކޮށްގެން ހުންނެވި ނަމަވެސް، އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. "ދަ ޑިމޮކްރެޓްސް" ނަމުގައި އުފައްދާ ޕާޓީއަށް، ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެސް ވަނީ ގުޅިވަޑައިގެންފަ އެވެ.
Comment