Advertisement

މޯޕާ އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިފި

5 ޖޫން 2023 - 22:24 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކޮކާ ކޯލާ ފައުންޑޭޝަނުން ގާއިމްކުރި މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވުމުގެ ތެރެއިން -- ފޮޓޯ: ކޮކާ ކޯލާ މޯލްޑިވްސް


މޯޕާ އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގެ ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ ހުޅުވައިފި

5 ޖޫން 2023 - 22:24 0

އުކައިލާ ޕްލާސްޓިކް އެއްކޮށް ރިސައިކަލްކޮށް ބަންދުކުރުން ފަދަ އެންމެހާ ކަންތައްތައް ކުރަން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރުއެފް) ހުޅުވައިފި އެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ބުނީ އެ ޖަމިއްޔާއާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ގާއިމްކުރި އެ ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ ބައިވެރިން ގުޅިގެން ހިންގާ މުހިއްމު މަޝްރޫއެއްގެ ފެށުން ކަމަށެވެ.

އެއީ ކުނި މެނޭޖްކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުންކުރެވޭ ތަކެތި ޕްރޮސެސްކޮށް، އާ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ މާއްދާތަކުގެ ގޮތުގައި ވިއްކުމުގައި ވަރަށް މުހިންމު ނިޒާމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. އެއީ ތިމާވެށި ތަގައްޔަރުވުން ހުއްޓުވުމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ވަރަށް ބޭނުންތެރި ފެސިލިޓީއެއް ކަމަށް ވެސް ބުންޏެވެ.

އެ ފެސިލިޓީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ އާ މިންގަނޑެއް ކަނޑައަޅައިދޭ އެ މަސައްކަތުގައި ބައިވެރި ވެވުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ އާ މިންގަނޑެއް ކަނޑައެޅިގެންދާ މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް މި ފެސިލިޓީގެ ސަބަބުން ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ކުޑަކުރުމުގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިގްތިސާދީ އަދި ދިރިއުޅުމުގެ އާ ފުރުސަތުތައް ވެސް ފަހިވެގެންދާނެ." އާތިފް ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރި އެ ފެސިލިޓީގައި ހުރި ވަސީލަތްތަކުގެ ތެރޭގައި ބޭލާ މެޝިނަކާއި، ޕިކަޕަކާއި، ބަރުދަން ބަލާނެ އާލާތްތަކާއި، ފޯކްލިފްޓެއް ހިމެނެ އެވެ.

އެ ފެސިލިޓީ ތަރައްގީކުރަން ކޮކާކޯލާ ފައުންޑޭޝަނުން މޯޕާއަށް 150،000 ޑޮލަރުގެ އެހީ އެއް ދިނެވެ.