Advertisement

ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އިޒްރޭލުން ބްރެޒިލް ކަޓުވާލައިފި

4 ޖޫން 2023 - 11:45 0

ބްރެޒިލް ކޮޅަށް ގޯލު ޖެހުމަށް ފަހު އިޒްރޭލް ކުޅުންތެރިން އުފާފާޅުކުރަނީ،.


ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް: އިޒްރޭލުން ބްރެޒިލް ކަޓުވާލައިފި

4 ޖޫން 2023 - 11:45 0

ސެން ޖުއާން، އާޖެންޓީނާ (ޖޫން 4) - އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިތުރު ވަގުތު ކުޅެގެން އިޒްރޭލް އަތުން 3-2 އިން ބަލިވެ، ބްރެޒިލް މުބާރާތުން ކަޓައިފި އެވެ.

ސެމީ ފައިނަލުގައި އިޒްރޭލް ކުޅޭނީ ކުއާޓާ ފައިނަލުގައި އުރުގުއޭ އާއި އެމެރިކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އިޒްރޭލްގެ އިތުރުން ދެން ސެމީން ފުރުސަތު ހޯދީ އިޓަލީ އެވެ. ސެމީގައި އިޓަލީ ކުޅެން ޖެހޭނީ ދެކުނު ކޮރެއާ އާއި ނައިޖީރިއާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި މި ފަހަރުގެ ހޯސްޓް، އާޖެންޓީނާ މުބާރާތުން ކެޓީ ގަދަ 16 ބުރުގައި ނައިިޖީރިއާ އަތުން ބަލިވުމުންނެވެ.

ކުއާޓާ ފައިނަލުގައި ބްރެޒިލުން ރޭ ވަނީ ފުރަތަމަ ވެސް ލީޑުނަގައިފަ އެވެ. އެ ގޮތުން މެޗުގެ 56 ވަނަ މިނިޓްގައި ބްރެޒިލަށް މި ލަނޑު ޖަހައިދިނީ މާކޯސް ލެއޮނާޑޯ އެވެ. އެކަމަކު، ބްރެޒިލަށް ލީޑުހިފަހައްޓައިލެވުނީ ހަތަރު މިނިޓެވެ. މެޗުގެ 60 ވަނަ މިނިޓްގައި، އަނާން ހަލައިލީ ވަނީ އިޒްރޭލަށް އެއްވަރުކޮށްދީފަ އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނުއިރު، މަތިއުސް ނަސިމެންޓޯގެ ގޯލުން ބްރެޒިލުން ލީޑުނެގިތާ ދެ މިނިޓް ފަހުން، އިޒްރޭލްގެ ހަމްޒާ ޝިބްލީ ވަނީ އެއްވަރުކޮށްދީފަ އެވެ.

މެޗުގައި އިޒްރޭލުން ފުރަތަމަ ފަހަރަށް ލީޑުނެގީ، އިތުރު ވަގުތުގެ ފުރަަތަމަ ހާފުގެ ވެސް އިތުރަށް ކުޅުނު ވަގުތުގައި ޑާވިޑް ޓުރްގްމާން ޖެހި ގޯލުންނެވެ. އިތުރުު ވަގުތުގެ ދެ ވަނަ ހާފުގައި ބްރެޒިލުން އެއްވަރުކުރެވޭތޯ ގިނަ އެޓޭކްތަކެއްކުރި ނަމަވެސް ގޯލެއް ނުޖެހި ބަލިވެގެން މުބާރާތުން ކެޓީ އެވެ.

ވިހި އަހަރުން ދަށުގެ ވޯލްޑް ކަޕް މި ފަހަރު ބާއްވަން އެންމެ ފުރަތަމަ ނިންމީ އިންޑޮނީޝިއާގަ އެވެ. އެކަމަކު، އިންޑޮނީޝިއާގެ ސަރުކާރުން އިޒްރޭލް ބައިވެރިވެގެން މުބާރާތް ހޯސްޓްކުރަން ދެކޮޅު ހެދުމާ އެކު، ފީފާ އިން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ އާޖެންޓީނާ އަށެވެ.

އާޖެންޓީނާގައި މި ފަހަރު ހޯސްޓް ކުރާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕަކީ އިޒްރޭލުން މި އުމުރުފުރާގެ ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރެެވެ. އިޒްރޭލަކީ، 2015 ވަނަ އަހަރު ސެނެގާލް ޓީމަށް ފަހު، މި މުބާރާތުގައި ފުރަަތަމަ ފަހަރަށް ކުޅެމުން ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމެވެ.