4 ޖޫން 2023 - 10:45 0
ފިނޭންސް މިނިސްޓްރީ: މިއަހަރުގެ އާމްދަނީ އިތުރުވި ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރުމުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
4 ޖޫން 2023 - 10:45 0
ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 2.3 ބިލިޔަން ރުފިޔާ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ މިއަހަރުގެ މިހާތަނަށް ދައުލަތަށް 12.7 ބިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަަތަށް ލިބުނީ 10.4 ބިލިޔަން ރުފިޔާގެ އާމްދަނީ އެކެވެ.
ފިނޭންސްގެ ހިސާބުތަކުން ފެންނަ ގޮތުގައި މިއަހަރު ދައުލަތަށް އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީއަށް އައި އިތުރުވުމަކުންނެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ރޭޓް މަތިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ޓެކްސް ގާނޫނަށް ބަދަލު ގެނެސް ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރީ ޖެނުއަރީ މަހުން ފެށިގެންނެވެ.
އެއާއެކު އެ ދެ ބާވަތުގެ ޓެކުހުން މިއަހަރުގެ މިހައިތަނަށް ލިބުނު އާމްދަނީ ވަނީ 1.3 ބިލިޔަން ރުފިޔާ އިތުރުވެފަ އެވެ. އެއީ ޖީއެސްޓީގެ ގޮތުގައި އިތުރަށް ލިބުނު 465.1 މިލިޔަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ނެތި 844.6 ރުފިޔާ ހިމެނޭ ގޮތުންނެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ދެން އެންމެ ބޮޑު އިތުރުވީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކުހެވެ. އެ ބާވަތުން ޓެކުހުން 673.8 ރުފިޔާ އިތުރުވި އެވެ. ކޯޕަރޭޓް އިންކަމް ޓެކުހުގެ ގޮތުގައި ވެސް މިދިޔަ އަހަރަށް ވުރެ އިތުރަށް 478.8 މިލިޔަން ރުފިޔާ ލިބުނެވެ. އަދި އެއާޕޯޓް ސާވިސްޗާޖާއި ގްރީންޓެކްސް ވެސް މިދިޔަ އަހަރަށް ވުރެ އިތުރުވި އެވެ.
ފިނޭންސްގެ ހިސާބުތަކުން ފެންނަ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުވި އިރު ހަރަދުތައް ވެސް މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 3.5 ބިލިޔަން ރުފިޔާ އިން ވަނީ އިތުރުވެފަ އެވެ.
Comment