Advertisement

އެމްއެސްއެސްއިން އާ ބޯޓެއް ގެނެސް ދަތުރުތައް ކޫއްޑޫ އާއި އައްޑޫއަށް ފަށަނީ

4 ޖޫން 2023 - 09:37 0

މާލޭގެ ވިޔަފާރި ބަންދަރަށް ބޯޓަކުން މުދާ ބާލަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އެމްއެސްއެސްއިން އާ ބޯޓެއް ގެނެސް ދަތުރުތައް ކޫއްޑޫ އާއި އައްޑޫއަށް ފަށަނީ

4 ޖޫން 2023 - 09:37 0

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އަށް އާ ބޯޓެއް ގެނެސް އޭގެ ދަތުރުތައް ގއ. ކޫއްޑޫ އާއި އައްޑޫ އަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ އާގުބޯޓު ކުންފުނި، އެމްއެސްއެސްއަށް އާ ބޯޓެއް ގެންނަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ، އައްޑޫ ބިން ހިއްކަން ފެށުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

"ކޯވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު، އަލަށް އުފެއްދި ސަރުކާރުގެ އާގުބޯޓު ކުންފުނި ދުއްވައި ގަތް. ސުމަކުން ފެށި ނަމަވެސް، މިއަދު އެ ކުންފުނީގައި އަމިއްލަ ތިން އާގު ބޯޓު އެބައޮތް. އިތުރު ބޯޓެއް، އަންނަ ޖުލައި މަހު އެ ކުންފުންޏަށް އިތުރުވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއީ ސީދާ އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރަށް ދަތުރުކުރާނެ ބޯޓެއް. މި ބަނދަރުތަކުގެ ސޭލާތައް ހިންގުމަށް ބާރުދެނީ، މި ދެންނެވި އާގުބޯޓުފަހަރުގެ ސޯބު، އައްޑޫ ސިޓީ ޕޯޓުގެ ސޯބާ އެކުވެ ހިމުންވުމުން."

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނާޒިމް މި ނޫހަށް ވިދާޅުވީ 15،000 މެޓްރިކް ޓަނުގެ މުދާ އުފުލޭ ޖާގައިގެ އެ ބޯޓު ޖުލައި މަހު މެދެއްހާ ހިސާބު ރާއްޖެ ގެނެވޭނެ ކަމަށެވެ. އެ ބޯޓުގައި މުދާ އުފުލާނީ ކޮންޓެއިނަރުގަ އެވެ.

"ސަތޭކަ ވަރަކަށް ކޮންޓެއިންރު އޭގައި އުފުލޭނެ. އެ ބޯޓުގެ ދަތުރުތައް ކުރާނީ މާލެ، ކޫއްޑޫ، އައްޑޫއާ ދެމެދު،" ނާޒިމް ވިދާޅުވި އެވެ.

އިންޑިއާގައި ދުއްވަމުންދާ އެ ބޯޓު ގަތުމަށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށާއި އެއީ ދުއްވާތާ އަށް އަހަރު ވެފައިވާ ބޯޓެއް ކަމަށް ނާޒިމު ވިދާޅުވި އެވެ. އަދި ބޯޓުގެ ހާލަތު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.