Advertisement

އިއްތިހާދުން އިއުލާންކުރީ ސީދާ ފޯޅަވަހި ހޯދަން "ޖިހާދު" ފަށަން

3 ޖޫން 2023 - 11:21 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފޯޅަވަހި އިއްތިހާދުގެ ފުރަތަމަ ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ކާނިވާ ސަރަހައްދަށް އެއްވެފައި؛ ސީދާ ފޯޅަވަހި ހޯދަން ޖިހާދު އިއުލާންކޮށް އިއްތިހާދުގެ ބައިވެރިން ވާހަކަ ދެއްކި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިއްތިހާދުން އިއުލާންކުރީ ސީދާ ފޯޅަވަހި ހޯދަން "ޖިހާދު" ފަށަން

3 ޖޫން 2023 - 11:21 2

ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލަށް ހަމަވާ ކަނޑުގެ ސަރަހައްދުގެ އިތުރަށް، އޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) ވެސް ހޯދަން ޖެހޭ ކަމަށް ބުނެ މިހާރު އޮތް ސަރުކާރުން އެ މައްސަލާގައި ގެންގުޅޭ ސްޓޭންޑާ ދެކޮޅަށް އުފައްދާފައިވާ އިއްތިހާދުގެ ވެރިން ރޭ ވާހަކަ ދައްކައިފި އެވެ.

"ބާނަބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވި ލީޑަރުންގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޕީޕީއެމް/ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ދަ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު ވެސް އެ ކަމަށް ގޮވާލެއްވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ، ޑރ. މުނައްވަރު ވިދާޅުވީ ފޯޅަވައްސަކީ އަދިވެސް ބައިނަލްއަގްވާމީ ގޮތުން ވަކި ބަޔެއްގެ މިލްކެއް ގޮތުގައި ކަނޑައަޅާފައި އޮތް ތަނެއް ނޫން ކަމަށާއި އެ ކަމާ މެދު ވެސް ދިވެހީން ވިސްނާލުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެންގެ ޖަޒީރާތަކާ ގުޅިފައި އޮތް، އެ ޒަމާނުގެ މެޕްތަކުގައި އަޅުގަނޑުމެންގެ ތަނެއްގެ ގޮތުގައި ކަނޑައަޅައި ދައްކާފައި އޮތް ތަނެއް، އަޅުގަނޑުމެންނަށް ލިބެން ޖެހޭ، ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމާއި އެކު އެ ތަން ވެސް ހޯދުމަށް މަސައްކަތް ކުރާން ގޮވާލަން،" މުނައްވަރު ވިދާޅުވި އެވެ.

ފޯޅަވަހި އިއްތިހާދު ޖަލްސާގައި ޑރ. މުހައްމަދު މުނައްވަރު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނުކުމެ ދެން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލަށްވާ ސަރަހައްދުން "ގެއްލުނު" ބައިގެ އިތުރުން ފޯޅަވަހި ހޯދުމަށް ވެސް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

"އެއާއެކީ [މަސްކަނޑު ހޯދުމުގެ އިތުރަށް] މި ފޯޅަވަހީގެ ވާހަކަ ދެކެވޭ އިރުގައި، މި ތަނަކީ ވެސް އަސްކަރީ ގޮތުން މުހިންމު ސަރަހައްދެއް، ދެ ނަޒަރިއްޔާތަކުން ބަލާއިރު ވެސް މި ތަނަކީ އަޅުގަނޑުމެން ހޯދަން ޖެހޭ ތަނެއް،" ދެ ސަރުކާރެއްގައި ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވި ނާޒިމް ވިދާޅުވި އެވެ.

ސިފައިންގޭގައި އެތައް އަހަރަކު މަސައްކަތް ކުރެއްވި ނާޒިމް ވިދާޅުވީ އެކި ޒަމާންތަކުގައި ޖިހާދު ކޮށްފައިވަނީ އެކި ގޮތަށް ކަމަށެވެ. މިއީ ކަނޑިބަޑީގެ ބަދަލުގައި ޝަރުއީ ބަހުސާއި ވަކާލާތުގެ ތެރެއިން ކުރެވޭ ޖިހާދެއް ކަމަށް ވިދާޅުވެ ގޮވާލެއްވީ ދިވެހީންގެ އަތުން ގެއްލުނު ބައި ހޯދަން ޖިހާދަށް ތައްޔާރުވުމަށެވެ.

"އަޅުގަނޑުމެން މިއަދު ޖިހާދަށް ނުކުމެ މި ތިބީ، ދިވެހީންގެ އަތުން ގެއްލުނު ބައި އަތުން ހޯދަން، މިރޭ އަޅުގަނޑުމެން މި ތަނަށް އެއްވެ މި ތިބީ އަޅުގަނޑުމެންގެ އަތުން ގެއްލުނު މުދާތައް ހޯދަން،" ނާޒިމް ވިދާޅުވި އެވެ.

ފޯޅަވަހި އިއްތިހާދުގެ ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޝައުގުގައި ހުންނެވި އުމަރު ވެސް ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫން ކަމަށް މީގެ ކުރިން އޮތް ކޮންމެ ސަރުކާރެއްގައި ވެސް ހިފަހައްޓާފައި އޮތީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

ދެހާސްއަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައިވާ އުމަރު ވިދާޅުވީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށަށް ފޯޅަވަހި ގެންދިޔައިރު، އެއިން ރަށްރަށެއްގައި ދިވެހީން ދިރިއުޅުނު ކަމަށެވެ. އެހެންކަމުން އިސްތިއުމާރު ދޫކޮށްލާއިރު އެ ތަން ދޭން ޖެހޭނީ ދިވެހީންނަށް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ދިވެހީންނަށް ސާފުވެއްޖެ، ފޯޅަވައްސަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ތަނެއްކަން، އަޅުގަނޑު މިރޭ ދޭ ޔަގީންކަމަކީ ﷲގެ ވާގިފުޅާއެކު، ދެން އަންނަ ސަރުކާރަކުން ދައުވާ ކުރާނަން، ފޯޅަވަހި ދިވެހި ދައުލަތުގެ މައްޗަށް ނަގަން،" އުމަރު ވިދާޅުވި އެވެ.

ފޯޅަވަހި އިއްތިހާދުގެ ޖަލްސާގައި ތިބި އާންމުން ކައިރީ އުމަރު ނަސީރު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ވަހީދު ވިދާޅުވީ މުސްލިމުންގެ ބިމާއި ސަރަހައްދުގެ ދިފާއުގައި ތިބުމަކީ، ގައުމީ އަދި ދީނީ ވާޖިބެއް ކަމަށެވެ.

"މަޖިލިހުގައި އަޅުގަނޑުމެން ވާހަކަ ދައްކަން ތިބިއިރު، ހީވީ ދިވެހިރާއްޖޭގެ ދިފާއުގައި ވާހަކަ ދައްކަން ތިބި މެންބަރުންތަކަކާއި، މޮރިޝަސްގެ ދިފާއުގައި ވާހަކަ ދައްކަން ތިބި މެންބަރުންތަކެއް ތިބި ހެން، މިހާ ހިސާބަށް އަޅުގަނޑުމެންގެ ކަންކަން ގޮސްފި،" ވަހީދު ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ކަނޑުގެ މައްސަލައާއި ފޯޅަވަހީގެ މައްސަލައިގެ އިތުރުން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލިކުރަން ވެސް ވާދަވެރިންނަށް އެއްބަސްވެވިފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުލްރަހީމް ވިދާޅުވީ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ ފޯޅަވަހި ހޯދަން މަސައްކަތް ކުރުން ކަމަށެވެ. ފޯޅަވަހި ލިބުމުން ދިވެހީންނަށް ލިބެން ޖެހޭ ކަނޑުގެ ސަރަހައްދު ވެސް ޔަގީންވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން ފޯޅަވަހި ދޫކޮށްލަންވީ، ކުރިން ވާހަކަ ދެއްކި މީހުން ވެސް ފާހަގަ ކުރި ގޮތަށް ތާރީހީ ހެކިތައް އޮތް އިރު، މިއީ ގުދުރަތީ ގޮތުން އެއް ފަށަލައެއްގައި އޮތް ތަނެއް،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ފޯޅަވަހި މައްސަލައިގެ ފަސްފަހަތް

މޮރިޝަސް އިން ޗާގޯސް ގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ ނިމުނީ އެ ގައުމާ އެއް ކޮޅަށެވެ. 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް ވެސް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް, މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ގަރާރެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.

އެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުންނެވެ.

ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ކަމުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިގެން އުޅޭ ކަމަކީ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި ސިޓީއާ ގުޅިގެނެވެ. އެ ސިޓީ ސަރުކާރުން ހާމަކޮށްފައި ނެތް އިރު، އެ ސިޓީ ހާމަކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.