Advertisement

އިންޓަނެޓްގައި ހުރީ ހަގީގަތެއް ނޫން: ބެންޒެމާ

2 ޖޫން 2023 - 14:01 0


އިންޓަނެޓްގައި ހުރީ ހަގީގަތެއް ނޫން: ބެންޒެމާ

2 ޖޫން 2023 - 14:01 0

މެޑްރިޑް (ޖޫން 2) - އޭނާގެ މުސްތަގުބަލާ ގުޅުވައިގެން އިންޓަނެޓްގައި ލިޔެފައިވާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން، ކަރީމް ބެންޒެމާ ބުނެފި އެވެ.

ބެންޒެމާ، 35، އަށް ސައުދީ އަރަބިއްޔާގެ ކްލަަަބަކުން 400 މިލިއަން ޑޮލަރުގެ އޮފާއެއް ހުށަަހަޅާފައިވާއިރު، އޭނާ އަންނަނީ އެ އޮފާއާ މެދު މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ ސައުދީ އަރަބިއްޔާ އިން ހުށަހަޅާފައިވާ އޮފާ އަކީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި 400 މިލިއަން ޑޮލަރުގެ މުސާރަ އަކަށް ކުޅުމަށެވެ.

އޭގެ އިތުރުން، ސައުދީ އަރަބިއްޔާގެ ރަށްވެހިކަން ބެންޒެމާ އަށް ހަމަޖައްސައިދިނުމާއި 2030 ގެ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަން ސައުދީ އަރަބިއްޔާ އިން ކުރާ މަސައްކަތުގައި އެމްބަސަޑަރެއްގެ ރޯލުގެ އޮފާ އެކެވެ.

ސްޕެއިންގެ މާކާ އިން ބޭއްވި އިވެންޓެއްގެ ތެރެއިން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެމުން ބެންޒެމާ ވަނީ މުސްތަގުބަލާ ގުޅޭގޮތުން ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.

"އަހަރެން ކީއްވެ މެޑްރިޑްގައި ހުރެފައި އަހަރެންގެ މުސްތަގުބަލާ ގުޅޭ ވާހަކަތަކެއް ދައްކަންވީ، މި ވަގުތު އިންޓަނެޓްގައި އެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން،" ބެންޒެމާ ބުންޏެވެ.

ސައުދީން ލިބިފައިވާ ހުށަހެޅުމާ ގުޅޭގޮތުން އިތުރަށް ކުރި ސުވާލުތަކަށް ބެންޒެމާ، ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.

ބެންޒެމާ ބުނީ ރެއާލްގެ ކަންކަމުގައި އަދިވެސް އޭނާ އުޅެނީ ކުރިއެކޭ އެއްގޮތަށް ވަރަށް ބޮޑަށް ބައިވެރިވެގެން ކަަމަށާއި ޓްރެއިނިންތަކަށް ދަނީ ވެސް ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ފުޓްބޯޅައިން ހިތްހަމަޖެހުން ހޯދަނީ "ކުދަކުދިން ވެސް ފުޓްބޯޅަ ކުޅެގެން އެކަން ކުރާ ގޮތަށް" ކަމަށެވެ.

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ފޯވާޑް، ބެންޒެމާ ރެއާލަށް ބަދަލުވީ 2009 ވަނަ އަހަރު އެވެ. ބެންޒެމާގެ ސޮއި ހޯދަން ރެއާލުން އެ ފަހަރު ވަނީ 33 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ. ރެއާލްގައި ހޭދަކުރި 14 ވަރަކަށް އަހަރު ތެރޭ ބެންޒެމާ ވަނީ އެ ޓީމަށް ކުޅެދިން 647 މެޗުން 353 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 25 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.