Advertisement

ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަން ފޯރިއާ އެކު ކުރިއަށް

2 ޖޫން 2023 - 13:42 0

ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަން ފޯރިއާ އެކު ކުރިއަށް

2 ޖޫން 2023 - 13:42 0

ދެ ވަނަ ޑިވިޝަންގެ މެޗުތަކާ އެކު ގައުމީ ނެޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި އެވެ.

ފަސް ޓީމާ އެކު ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ކުޅުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ކުލަބު މެޓްރިކްސް، އެމްވީ ނެޓާސް، ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބު، ޒެނިތު ސްޕޯޓްސް ކުލަބު އަދި ސްޕޯޓްސް ކުލަބު ސްކައިލާކް އެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު އެވެ.

އެކުވެނި އައުޓްޑޯގެ ނެޓްބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު އެމްވީ ނެޓާސް ވަނީ އެޓީމް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ މެޗުގައި އެޓީމް ނިކުތީ ކުލަބު މެޓްރިކްސްއާ ދެކޮޅަށެވެ. މި މެޗު އެމްވީ ނެޓާސް އިން ކާމިޔާބުކުރީ 31-33 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްވީ ނެޓާސްގެ ގޯލް އެޓޭކް އައިޝަތު ނޫމީ އެވެ.

އެމްވީ ނެޓާސްގެ ދެވަނަ މެޗުގައި އޭޓީމް ވަނީ ސްޕޯޓްސް ކުލަބު ސްކައިލާކް އަތުން 45-20 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ނެޓާސްގެ ގޯލް ޑިފެންސް އަމްނާ އަސްވަދު އެވެ.

ނެޓާސް އަތުން ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް މެޓްރިކްސް އިން ވަނީ ޖެހިގެން އައި ދެ މެޗު ކާމިޔާބުކޮށް ފައިނަލުގެ އުއްމީދު ދަމަހައްޓާފަ އެވެ. ޒެނިތު ސްޕޯޓްސް ކުލަބް އަތުން 38-21 އިން މޮޅުވިއިރު، ޔުނައިޓެޑް ޔުނިިޓީ އަތުންވެސް ވަނީ ފަސޭހަ މޮޅެއް ހޯދާފަ އެވެ.

ޒެތިނުވެސް ވަނީ ލީގު ބުރުގައި ކުޅުނު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމު ބަލިވީ މެޓްރިކްސް އަތުންނެވެ. ޔުނައިޓެޑް ޔުނިޓީ އާއި ސްޕޯޓްސް ކުލަބު ސްކައިލާކް އަތުން ޒެނިތު މޮޅުވެ ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.

މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ސްކައިލާކް އާއި ޔުނައިޓެޑް ޔުނިޓީ ވާދަކުރާއިރު، ޒެނިތު ނިކުންނާނީ އެމްވީ ނެޓާސްއާ ދެކޮޅަށެވެ. މިމެޗުން ނެޓާސް މޮޅުވެއްޖެ ނަމަ އެޓީމަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.