Advertisement

ކިޔެވުން މެދުކެނޑުނު 120 ދަރިވަރަކަށް އަލުން ލޯނު ހަމަޖައްސައިދީފި

2 ޖޫން 2023 - 08:42 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިނިސްޓަރު ވިދާޅުވީ ޕައިލެޓުކަމަށް އެކަނި ވެސް 24 ސްޓޫޑަންޓު ލޯނު ދޫކުރާކަމަށް -- ފޮޓޯ: ރައީސް އޮފީސް


ކިޔެވުން މެދުކެނޑުނު 120 ދަރިވަރަކަށް އަލުން ލޯނު ހަމަޖައްސައިދީފި

2 ޖޫން 2023 - 08:42 0

މަތީ ތައުލީމަށް ކިޔެވުމަށް ކުރިން ލޯނު ނަގާފައި ތިބި 120 ދަރިވަރަކަށް އަލުން ލޯނު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަދަން ވިދާޅުވީ، ކުރިން ލޯނު ނަގާފައިވާ 120 ދަރިވަރަކަށް ޓޮޕް-އަޕް ލޯނުގެ ގޮތުގައި އަލުން ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. ލޯނު ދީފައި ވާނީ މަގުބޫލު އުޒުރެއް އޮވެގެން ކިޔެވުން ހުއްޓުނު ނުވަތަ މެދުކަނޑާލަން ޖެހުނު ދަރިވަރުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިންް ލޯނު ނަގާފައި ވީ ނަމަވެސް ދަރިވަރުންގެ އިހްތިޔާރުން ބޭރުން ދިމާވި ސަބަބުތަކާ ހުރެ އޭނަގެ ކިޔެވުން ނޫނީ ތަމްރީނު ފުރިހަމަވެފައި ނުވާނަމަ އަލުން ޓޮޕްއަޕް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޮޕްއަޕް ލޯނު ދިން ބައެއް ދާއިރާތައް:

  • ޕައިލެޓުކަން ކިޔެވުމަށް 24 ފުރުސަތު
  • 10 ދާއިރާއަކުން ޑިޕްލޮމާ ހެދުމުގެ ފުރުސަތު
  • ބެޗްލާސް ޑިގްރީއަށް ފަސް ފުރުސަތު
  • މާސްޓާސް ފުރިހަމަކުރުމަށް އެއް ފުރުސަތު

ފާއިތުވި ފެބްރުއަރީ މަހު ހުޅުވާލި 720 ސްޓޫޑަންޓު ލޯނު ފުރުސަތަށް އެދި ހުށަހެޅި ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ލޯނަށް އެދި 1507 މީހަކު ފޯމު ހުށަހެޅި އިރު، ޝަރުތު ހަމަވަނީ 1225 ދަރިވަރުންނެވެ.

ސްޓޫޑެންޓު ލޯނު ދިން ގޮތް:

  • ޕައިލެޓުކަން ކިޔެވުމަށް 479 ފުރުސަތު
  • އެމްބީބީއެސް އަށް 133 ފުރުސަތު
  • ޕޯސްޓު ގްރެޖުއޭޓަށް 55 ފުރުސަތު
  • ޑިގްރީއަށް 26 ފުރުސަތު
  • މާސްޓާސްްއަށް ހަތް ފުރުސަތު

ސްޓޫޑެންޓު ލޯނު ލިބޭ ފަރާތްތަކުން ކިޔަވުމަށް 18 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރަން ޖެހެ އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އިތުރަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގެ ވެބްސައިޓުގައި މިކަމާއި ގުޅުންހުރި ހުރިހާ ހިސާބުތަކެއް ޝާއިއުކުރާނެ ކަމަށެވެ. އަދި ސްޓޫޑެންޓު ލޯނާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.