Advertisement

ރެލިގޭޓްވުމުން ލީޑްސް ވިއްކާލަނީ

1 ޖޫން 2023 - 11:53 0

ލީޑްސްގެ ވެރިޔާ ރަޑްރިޒާނީ: އޭނާ އަންނަނީ ލީޑްސް ވިއްކާލުމަށް ފަހު އިޓަލީގެ ކްލަބެއް ގަންނަން މަސައްކަތްް ކުރަމުން،


ރެލިގޭޓްވުމުން ލީޑްސް ވިއްކާލަނީ

1 ޖޫން 2023 - 11:53 0

ލީޑްސް (ޖޫން 1) - މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ތިން ޓީމުގެ ތެރޭގައި ހިމެނި، ލީޑްސް ޔުނައިޓެޑް ރެލިގޭޓްވެފައިވާއިރު، ލިބުނު މާލީ ގެއްލުމުގެ ސަބަބުން ލީޑްސް ހިންގަމުން އަންނަ ވިޔަފާރިވެރިޔާ، އިޓަލީގެ އަންދްރެއާ ރަޑްރިޒާނީ އެ ޓީމު ވިއްކާލަން ނިންމައިފި އެވެ.

މިލްކިއްޔާތުގައި 600 މިލިއަން ޑޮލަރު ހުރި އިޓަލީގެ ވިޔަފާރިވެރިޔާ، ރަޑްރިޒާނީ 2017 ވަނަ އަހަރު އޮކްޓޫބަރު މަހު ލީޑްސްގެ މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު، ދެން އެ ކްލަބްގެ ހިއްސާދާރެއްގެ ގޮތުގައި އޮތް، 49އާސް އެންޓަޕްރައިޒަސް އަށް 44 ޕަސެންޓް ވިއްކާލައިފަ އެވެ.

މި ސީޒަނުގެ ނަތީޖާ އަށް ފަހު، ލީޑްސް އަށް ޕްރިމިއާ ލީގުގެ ޖާގައެއް އަންނަ ސީޒަނުގައި ގެއްލުމާ އެކު، އެ ކްލަބް މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓޭނެ ކަމަށް ރަޑްރިޒާނީ ވަނީ އިޓަލީ މީޑިއާގައި ބުނެފަ އެވެ. އެހެންވެ، ކްލަބާ އެކު، ކުރިއަށްދިއުމުގައި ވަކި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރަޑްރިޒާނީ ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

ފުޓްބޯލް ފައިނޭންސް އެކްސްޕާޓް، ކިއެރަން މެގުއާ، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ރަޑްރިޒާނީ އަންނަނީ ލީޑްސްގެ މެޖޯރިޓީ ހިއްސާ 49އާސް އެންޓަޕްރައިޒަސް އަށް ވިއްކާލުމަށް ފަހު، އިޓަލީގެ ކްލަބް، ސަމްޑޯރިއާ ގަންނަން މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގެ މަޝްވަރާތައް ހިނގާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށް ކިއެރަން މެގުއާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ދެހާހުގެ ކުރީކޮޅުގައި އޮތް ލީޑްސް އިން 16 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ 2020 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން، އަނެއްކާ ވެސް މި ވަނީ އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިފަ އެވެ.