1 ޖޫން 2023 - 12:25 2
އާމިނަތު ނިއުޝާ
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން. މަތީ ތައުލީމު ހާސިލްކުރާ 1225 ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު، 479 ލޯނު ދޫކުރަނީ ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް -- ފޮޓޯ: ރައީސް އޮފީސް
1 ޖޫން 2023 - 12:25 2
ޕައިލެޓުކަން ކިޔަވާ 479 ދަރިވަރަކަށް ސްޓޫޑެންޓު ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް މި އަހަރު ލޯނު ދޭން ނިންމާފައިވާކަން ރޭ ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް ވަނީ އިއުލާނުކުރައްވާފަ އެވެ.
މިކަމުގެ އިތުރު ތަފްސީލު ހާމަކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމްް ހަސަން ވިދާޅުވީ ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. އޭގެ ތެރޭގައި މީގެ ކުރިން ސްޓޫޑެންޓު ލޯނު ނަގާފައިވާ 24 ދަރިވަރަކަށް ޓޮޕްއަޕް ލޯނުގެ ގޮތުގައި މިބުރުގައި ސްޓޫޑަންޓު ލޯނު ދޫކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ރެކޯޑު އަދަދެއް. ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާހިލާފު ހެޔޮ ބަދަލެއް ރައީސުލްޖުމްހޫރިއްޔާގެ މި ނިންމުމުގެ ސަބަބުން އަންނާނެ. މީގެ ފައިދާ އާންމު ރައްޔިތުންނަށް އެތަކެއް ގޮތަކުން ލިބިގެން ދާނެ" މިނިސްޓަރު ޑރ. އިބްރާހިމްް ހަސަން ވިދާޅުވި އެވެ.
ސްޓޫޑެންޓު ލޯނު ސްކީމުގެ ދަށުން އޭވިއޭޝަންގެ ހަތް ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.
"މި ސަރުކާރުން މީހުން ބިނާކުރުމުގެ ފުރުސަތު ދިނުމުގެ އެއް ސިއްރަކީ މާދަމާގެ މުސްތަގުބަލު ރަނގަޅުކުރުން. މިއަދުގެ މުސްތަގުބަލު ރަނގަޅުވުމެއް ނޫން. އެހެންވެ އަޅުގަނޑުމެން އެހާގިނައިން މީހުން ބިނާކުރުމުގެ އެކިއެކި ފުރުސަތު މިދެނީ. މި ޕައިލެޓުންތައް ޓެރެއިނިން ވެގެން އައިސް އޭވިއޭޝަން ދާއިރާއިން އެކިއެކި ހެޔޮ ބަދަލުތައް ތިބޭފުޅުންނަށް ފެންނާނީ މިއަދަކު ނޫން، މާދަމާ" މިނިސްޓަރު ވިދާޅުވިއެވެ.
މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ފާއިތުވި ފެބްރުއަރީ މަހުގެ 15 ގައެވެ. މި ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާޗު މަހު ހަމަވި އިރު 1,507 ދަރިވަރަކު ލޯނަށް އެދި ހުށަހަޅާފައި ވެއެވެ. އޭރު ހުޅުވާލީ 720 ފުރުސަތަށް ނަމަވެސް ޝަރުތު ހަމަވާ 1225 ދަރިވަރުންނަށް ލޯނު ދޭނެކަން ރައީސް ސޯލިހު ރޭ އިއުލާނުކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment