Advertisement

ރޯމާ ބަލިކޮށް ސެވިއްޔާ އިން ހަތް ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

1 ޖޫން 2023 - 11:27 0


ރޯމާ ބަލިކޮށް ސެވިއްޔާ އިން ހަތް ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

1 ޖޫން 2023 - 11:27 0

ބުޑަޕެސްޓް (ޖޫން 1) - ޔުއޭފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި އިޓަލީގެ އޭއެސް ރޯމާ އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެ، ސެވިއްޔާ އިން ހަތް ވަނަ ފަހަރަށް ޔޫރޮޕާ ލީގުގެ ތަށި އުފުލާލައިފި އެވެ.

މިއީ 2011 ވަނަ އަހަރުގެ ފަހުން ސެވިއްޔާ އިން ޔޫރަޕްގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދި ފަސް ވަނަ ފަހަރެވެ.

ބުޑަޕެސްޓްގައި ކުޅުނު ފައިނަލްގެ ފުރަތަމަ ހާފުގައި ރޯމާ އިން ލީޑު ނެގީ ޕައޮލޯ ޑިބާލާ ޖެހި ލަނޑުންނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޑިބާލާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުރީކޮޅު ރޯމާގެ ޖިއަންލޫކާ މަންޗީނީ އަތުން ބައިކޮޅަށް ވަތް ލަނޑާ އެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި ރޯމާގެ ފޯވާޑް، އަންދްރެއާ ބެލޮއްޓީ ޖެހި ބޯޅަ ސެވިއްޔާ ކީޕަރު ޔާސީން ބޯނޯ މަތަކުރިއިރު، ރޯމާގެ ޑިފެންޑަރު، ކްރިސް ސްމޯލިން ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސެވިއްޔާގެ ބަތަލަކަށްވީ ގޯލްކީޕަރު، ޔަސީން ބޯނޯ އެވެ. ރޯމާގެ ދެ ޕެނަލްޓީއެއް މޮރޮކޯގެ ގައުމީ ޓީމުގެ ކީޕަރު، ބޯނޯ ވަނީ ދިފާއުކޮށްފަ އެވެ. ސެވިއްޔާ އިން ވަނީ އެ ޓީމުގެ ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. ސެވިއްޔާ މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ އާޖެންޓީނާގެ ޑިފެންޑަރު ގޮންޒާލޯ މޮންޓިއެލް އެވެ. މޮންޓިއެލް މި ޕެނަލްޓީ ކާމިޔާބުކުރީ، ދެ ވަނަ ފަހަރު ޖަހަން ލިބުނު ފުރުސަތުގަ އެވެ. މޮންޓިއެލް ފުރަތަމަ ފަހަރަށް ޖެހި ޕެނަލްޓީ ރޯމާ ކީޕަރު، ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، ޕެޓްރީޝިއޯ އެ ބޯޅަ ހުއްޓުވީ ރޮނގަށް ވުރެ ކުރިއަށް ޖެހި ކަަަމަށްވާތީ، އަލުން ޖަހަން ދިނުމުން މޮންޓިއެލް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރީ ވެސް މޮންޓިއެލް ޖެހި ޕެނަލްޓީއަކުންނެވެ.

ސެވިއްޔާ އިން ވަނީ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތް ފައިނަލްވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ އެ ޓީމުން ތަށި ހޯދީ 2006 ވަނަ އަހަރެވެ. މި މޮޅާއެކު ސެވިއްޔާ އަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައެވެ.

މިއީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ބައްޔަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޮރީނިއޯ ނިކުތް ޔޫރަޕްގެ މުބާރާތްތަކުގެ ފަސް ފައިނަލުން ވެސް އޭނާ ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޯމާ ގޮވައިގެން ކުުޅުނު ފަހަރު ވެސް ހިމެނެ އެވެ.