1 ޖޫން 2023 - 13:38 3
ހަސަން މުހައްމަދު
ޕީޕީއެމްގެ ޕްރައިމަރީން ފެނިދާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުން. ޔާމީނަށް އޮތް ޖަލު ހުކުމާ އެކު އެމަނިކުފާނަށް ވާދަ ނުކުރެވިދާނެ ކަމަށް ބެލެވޭ --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު
1 ޖޫން 2023 - 13:38 3
ރިޔާސީ އިންތިހާބު ބާއްވަން ބަރާބަރު 100 ދުވަހަށް ވެފައިވާއިރު ސަރުކާރު ހިންގާ ޕާޓީ ދެބައިވެ، ސަރުކާރު ކޯލިޝަނުން ދެ ބޭފުޅަކު އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނުކޮށްފައި އޮތުމުން، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ފަހިވެފައި ވަނީ ބޮޑު ފުރުސަތެކެވެ.
އެކަމަކު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަން މާފުށީ ޖަލުގަ އެވެ. ސިޔާސީ ގޮތުން ޕީޕީއެމްއަށް ލިބިފައި މި އޮތް ފުރުސަތު އެމަނިކުފާނަށް ހިއްޕެވޭނެ ގާނޫނީ މަގެއް އަދި ނުފެނެ އެވެ. އެކަމަކު، ޕާޓީގެ އުއްމީދަކީ އަދިވެސް އެއީ އެވެ.
"ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދާނެ ދެން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއްތޯ. އޭރުވެސް މިހާރުވެސް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ،" ޕީޕީއެމްގެ ސިސްޓާ ޕާޓީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމަށް ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް ކޮށްފައި އޮތް 11 އަހަރުގެ ހުކުމް އިސްތިއުނާފު މަރުހަލާތަކުގައި އޮތް އިރު އެފަދަ އެހެން މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް އެބަ ދައުވާ ކުރެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު 3، ގެ ނިޔަލަށް ހަމަވާއިރު، ޔާމީންގެ އާރަށް މައްސަލައިގައި ހައި ކޯޓުން އެ މައްސަލަ ނިންމައި، ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ފައިސަލާ ކުރަނިވި ހުކުމެއް އެންމެ 63 ދުވަހުގެ ކުރެވޭނެ ކަމަކަށް ނުބެލެ އެވެ. އަދި އެ މައްސަލަ ނިމުނު ކަމުގައިވި ނަމަވެސް ފުއްގިރި މައްސަލަ އޮތީ އަދި ދަށު ކޯޓުގެ މަރުހަލާގަ އެވެ.
ޕީޕީއެމްގެ ލީޑަރުން މިވަގުތު ވިސްނުން ހުރި ގޮތަކީ، ރިޔާސީ އިންތިހާބަށް ވާދަ ނުކުރެއްވެންދެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ އެވެ. މިވަގުތު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެހެންކަމުން ޖުލައި 23، ވަނަ ދުވަހު ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ޔާމީންގެ ނަމުގައި ފުރާފައި އޮތް ފޯމު ސެޓެއް އެ ޕާާޓިން ހުށަހަޅާނެ އެވެ. އަދި، ފޯމު ބަލައިގަތުމަށްފަހު ނަމަވެސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާނެކަން ޔަގީނެވެ.
ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުވެވަޑައިގަތުމަށް ފަހު ކަރެކްޝަންސްގެ ލޯންޗަކަށް ޔާމީން އަރާވަޑައިގަންނަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނަނީ "އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް" ސާބިތުވެފައިވާ މީހަކު ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ޝަރުތު ހަމަނުވާނެ ކަމަށެވެ. އަދި އެ ނޫން ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް، ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 12 މަސް ދުވަސް ފާއިތުވާންޖެހެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ ދައުލަތުން ކުރި ރިޝްވަތު ނެންގެވުމާއި އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. އެއީ މަކަރާއި ހީލަތް، ޓެކުން އަދި ހިޔާނާތުގެ ކުށުގެ ތެރޭގައި ހިމެނޭނެކަން ކަނޑައަޅާނީ ގާނޫނީ މާހިރުންނެވެ. އެކަމަކު، ޔާމީންގެ މައްޗަށް ޑިސެމްބަރު 25، 2022 ގައި ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނުނިމޭކަން އެންމެނަށް ވެސް ސާފެވެ.
ޔާމީންގެ ކެންޑިޑެސީއާމެދު އިލެކްޝަންސް ކޮމިޝަނުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ކަނޑައެޅުމުން އެ މައްސަލަ ކޯޓަށް ވެއްދުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އެ ހައްގުގެ ބޭނުން ހިއްޕަވާނެ އެވެ. އެހެންކަމަށްވާ ނަމަ އިލެކްޝަންސް އިން ކެންޑިޑެސީއާމެދު ގޮތެއް ކަނޑައަޅާތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅަންޖެހެ އެވެ. އަދި ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަަލައެއް ނިންމަންޖެހެ އެވެ.
އެ ހުރިހާ މަރުހަލާއެއް ކަޑައްތުކޮށްގެން ވެސް ކޯޓުން ނިންމާނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެކަން އެއިރުން ޕީޕއެމްގެ ލީޑާޝިޕަށް ވެސް އޮންނާނީ ގަބޫލުރަންޖެހިފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީގެ ރިޔާސީ ޓިކެޓު ލިބޭނެ ގޮތް ވަރަށް ސާފުކޮށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި އޮތީ ބަޔާންކޮށްފަ އެވެ. ކުރީގެ ރައީސް ޔާމީނަށް އޯގަސްޓު 19، 2022 ގައި ރިޔާސީ ޓިކެޓު ހަވާލު ކުރީ ވެސް އަސާސީ ގަވާއިދުވާ ގޮތުގެ މަތިންނެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ޗެޕްޓަރު ހައެއްގައި ބުނެފައިވާ ގޮތުން، އެ ޕާޓީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ފަސް އަހަރުގެ ދައުރެއް އަދާކޮށްފައިވާ ނަމަ، އެ މީހަކަށް ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ ސެނެޓަށް ނިންމިދާނެ އެވެ. އެގޮތަށް ރިޔާސީ ޓިކެޓު ދޭ ނަމަ ފާސް ކުރަންޖެހެނީ 130 މެމްބަރުން ހިމެނޭ އެ ޕާޓީގެ ސެނެޓުގެ ތިން ބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުންނެވެ.
އެގޮތަށް ސެނެޓަރުން ފާސްކޮށްގެން ރިޔާސީ ޓިކެޓު ދިނުމަށް ޕީޕީއެމްގެ ތެރެއިން ހަމައެކަނި ޝަރުތު ހަމަވަނީ ރައީސް ޔާމީން އެވެ. އަސާސީ ގަވާއިދު ބުނާ ގޮތުން، ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކަށް ސެނެޓަރުން ޓިކެޓު އެރުވުން ފިޔަވައި، އިތުރު ގޮތަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ލިބޭނީ ޕްރައިމަރީއެއް ބާއްވައި އެއިން މޮޅުވާ ކެންޑިޑޭޓަކަށެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ޗެޕްޓަރު ހައެއްގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ "ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ، ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބޭއްވޭ ޕްރައިމަރީގައި ނެގޭ ސިއްރު ވޯޓު" އަކުންނެވެ. އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީގެ ދަފުތަރަށް ބަލާއިރު ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދާ މީހަކު މަދުވެގެން 38،704 މީހުންގެ އަގުލަބިއްޔަތު ހޯދަންޖެހެ އެވެ.
އިދިކޮޅު ޕީޕީއެމްއަކީ ލީޑަރުން މަދު ޕާޓީއެއް ނޫނެވެ. ރައީސް ޔާމީންއަކީ ޕީޕީއެމްގެ "ބޮޑު ލީޑަރު" ނަމަވެސް އެމަނިކުފާނުގެ އިތުރުން ވެސް ރައްޔިތުން ބަލައިގަނެފައިވާ ލީޑަރުން އެބަ ތިއްބެވެ. ވެރިކަން ހިންގާ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނަކީ، އެބޭފުޅުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ އަޑު ފެތުރިފައިވާ ބޭފުޅުންނެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން އަރިހުގައި އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން. އިދިކޮޅުން ކެނޑިޑޭޓަކު ނުނެރެވިދާނެ ކަމުގެ ބިރު އެބައޮތް --- ފޮޓޯ: އަދަދު ފައިލް
އަދާލަތު ޕާޓީގައި މަސައްކަތް ކުރައްވަމުން ސިޔާސީ މައިދާނަށް ނިކުންނެވި މުއިއްޒު ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތް ކުރައްވާކަމުގެ އަޑުތައް ވަނީ އިންތިހާއަށް ގަދަވެފަ އެވެ. އެހެން އެކަން އޮއްވައި، ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އަޅުއްވަން ރޭވުމެއްގެ ދަށުން މަސައްކަތް ކުރައްވާ ކަމަށް ބުނެ އެ ޕާޓީގެ މެމްބަރު އަދި މާލޭ ކައުންސިލް މެމްބަރު އާދަމް ރަމީޒު އޮތީ ވަކިކޮށްފަ އެވެ.
ސިޓީ ކައުންސިލުގައި މުއިއްޒާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ރަމީޒު އުޅުނީ މުއިއްޒަށް ތާއީދު ހޯއްދަވަން ކަމަށް ވަރަށް ބޮޑަށްް އޮތީ އަޑުފެތުރިފަ އެވެ.
މުއިއްޒަކީ ޕީޕީއެމްގެ ނައިބު ރައީސްއެކެވެ.
ޝިޔާމަކީ ޕީޕީއެމްގެ ތެރެއަށް ފަހުން މަޝްހޫރުވި ސިޔާސީ ޒުވާން ލީޑަރެކެވެ. ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު އަމިއްލަ ގޮތުން ވާދަ ކުރައްވައިގެނެވެ. އޭގެ ފަހުން ޕީޕީއެމް އަދި ރައީސް ޔާމީންގެ އަރިހުގައ ކެމްޕެއިން ކުރައްވާ ޕާޓީގެ އެތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
ޝިޔާމް ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސީ ގިބްލައަކީ ކުރީގެ ރައީސް ޔާމީން ކަމަށެވެ. އެކަމަކު ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި އަމަލު ކުރައްވާނެ ގޮތެއް މިހާތަނަށް ވިދާޅުވެފައެއްނުވެ އެވެ.
ޝިޔާމްއަކީ ޕީޕީއެމްގެ ނައިބު ރައީސްއެކެވެ.
ޣައްސާން މައުމޫނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންގެ ތެރެއިން އެންމެ ހަގު ބޭފުޅާ އެވެ. ސިޔާސީ މައިދާނަށް ވެންނެވީ ބައްޕާފުޅުގެ ވެރިކަން ނިމުނު ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް 2009 ވަނަ އަހަރު ވާދަ ކުރައްވައިގެނެވެ.
އެ ފަހަރު ތިމަރަފުށީގެ ގޮނޑި ކާމިޔާބު ނުކުރެއްވުނު ނަމަވެސް ފަހުން ވާދަ ކުރެއްވ އިންތިހާބުތަކުގައި ވަނީ ކާމިޔާބު ހޯއްދަވައިފަ އެވެ. އެންމެ ބޮޑަށް ޣައްސާން އާންމުންނަށް ފާހަގަވީ ބައްޕާފުޅު މައުމޫންއާ ވަކިން ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.
އަދު މި ދެކޭ ހާލަތު އިންތިހާއަށް އަދި ވަރަށް އަވަހަށް ބަދަލުވެގެން ނޫނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭ ތަނެއް ނުފެނެ އެވެ. އެމަނިކުފާނުގެ ފޯމު ހުށަހަޅުއްވައިގެން އެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ޕްރައިމަރީ ބާއްވަން އޮންނާނީ މާ ލަސްވެފަ އެވެ. ޕީޕީއެމްގައި ލީޑަރުން އެބަ ތިއްބެވެ. އެހެން ކެންޑިޑޭޓަކު ނެރެންޖެހޭ ވަގުތަކީ މިއީ އެވެ.
Comment