Advertisement

ފައިވް ނޭޝަންސް ކަޕަށް ތައްޔާރުވާން ފިރިހެން ބާސްކެޓް ޓީމް އިންޑިއާ އަށް

31 މޭ 2023 - 13:13 2

2021 ވަނަ އަހަރު ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ފައިވް ނޭޝަންސް ކަޕަށް ތައްޔާރުވާން ފިރިހެން ބާސްކެޓް ޓީމް އިންޑިއާ އަށް

31 މޭ 2023 - 13:13 2

އަންނަ މަހު މާލޭގައި އޮންނަ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމް އިންޑިއާ އަށް ފުރައިފި އެވެ.

ޖޫން މަހުގެ 14-22 އަށް މާލޭގައި އޮންނަ ފައިވް ނޭޝަންސް ކަޕްގައި ރާއްޖޭގެ އިތުރުން ސަރަހައްދީ ހަތަރު ގައުމަކުން ވާދަކުރާނެ އެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލް އެވެ.

ފައިވް ނޭޝަންސް ކަޕަށް އިންޑިއާއަށް ފުރި ގައުމީ ޓީމްގައި ހިމެނެނީ 18 ކުޅުންތެރިންނެެވެ. އެ ގޮތުން، 14 ދުވަހުގެ ތަމްރީން ކޭމްޕަށްފަހު ޓީމުން ހަ ކުޅުންތެރިން ބާކީކޮށް 12 ކުޅުންތެރިން ފައިނަލް ކުރާނެ އެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް)، "އަދަދު" އަށް ވިދާޅުވީ އިންޑިއާ އަށް ދިޔަ ގައުމީ ސްކޮޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށާއި، މިއީ ގައުމީ ޓީމްގެ ކުރިމަގަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.

ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ތަމްރީންތައް އިންޑިއާގައި ކުރިއަށްދާނީ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި އެވެ. މި ތަމްރީންތަކުގައި ޕްރެކްޓިސް ފަސް މެޗެއް ކުޅޭނެ އެވެ. ގައުމީ ޓީމްގެ ފައިނަލް ސްކޮޑު ނެގުމުގައި މި ފަސް މެޗުގައި ކުޅުންތެރިން ދައްކާ ޕާފޯމަންސަށް ބަލާނެ އެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް ވާހަކަދައްކަވަނީ.


ގައުމީ ބާސްކެޓްބޯޅަ ޓީމަށް އިރުޝާދުދޭނީ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަދި ކިންގްސް ބީސީގެ މިހާރުގެ ކޯޗު މުހައްމަދު ޒިލާލް އެވެ. އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާނީ ޓީރެކްސްގެ ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) އެވެ.

ގައުމީ ޓީމްގައި މިފަހަރު ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ފުރަތަމަ ޑިވިޝަންގައި ހިމެނޭ ގަދަ ހަތަރު ކުލަބުގެ ކުޅުންތެރިންވެސް ހިމެނެ އެވެ.

ގައުމީ ޓީމް ތަމްރީން ކޭމްޕަށް އިންޑިއާއަށް ފުރުމުގެ ކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ ގައުމީ ޓީމާ ބައްދަލުކުރައްވާ އެޓީމަށް ހިތްވަރު ދެއްވާފަ އެވެ. މިގޮތުން އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި ރަން ވަނައެއް ހޯދުމަށް ހުރިހާ ކުޅުންތެރިންވެސް ހިތްވަރާ އެކު މަސައްކަތްކުރުމަށް އޭނާ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.