3 ސެޕްޓެންބަރު 2023 - 06:47 0
އިސްމާއީލް އަޒްމީން
މަޔޯޓްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖެ ޓީމުގެ ޝައިލާން (ކ) ބޯޅަ ހިފައިގެން.--- ފޮޓޯ: ރާއިފް ޔޫސުފް/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
3 ސެޕްޓެންބަރު 2023 - 06:47 0
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުުން ތިން ވަނަ ހޮވި މެޗުގައި ރަނގަޅު ވާދައެއްކޮށްފި އެވެ.
މެޑަލްއަކަށް އުއްމީދުކޮށްގެން މުބާރާތަށް ތައްޔާރުވި ބާސްކެޓްބޯޅަ އަންހެން ޓީމުން ތިން ވަނަ ހޮވި މެޗުގައި ނުކުތީ މަތޮޓްއާ ދެކޮޅަށެވެ. މި މެޗުން ރާއްޖޭގެ ޓީމް ބަލިވީ 72-56 އިންނެވެ.
މުޅި މެޗުގައިވެސް އެއްކޮށް ލީޑުގައި އޮވެ ކުޅުނީ މަޔޮޓް އެވެ. ފިޒިކަލީ ވަރުގަދަ ގޭމެއް ފެނުނު މި މެޗުގެ ކުރީކޮޅު މަޔޮޓުން ހަތް ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް، ރާއްޖެއިން ވަރުގަދަ ވާދައެއް ކުރި އެވެ. މި ކުއާޓާ ނިމުނުއިރު 16-12 އިން މަޔޮޓް އޮތީ ކުރީގަ އެވެ.
ދެ ވަނަ ކުއާޓާ ފަށައިގެން ރާއްޖެއިން އަވަސް ގޭމެއް ކުޅެ މަޔޮޓް ހާސްކޮށްލި އެވެ. ނަތީޖާއެއްގެ ގޮތުން ސްކޯ 22-21 އަށް ކައިރިވެސް ކުރި އެވެ. ނަމަވެސް މަޔޮޓުގެ ކުޅުންތެރިންގެ ވަރުގަދަ އަދިކުޅުމާއިއެކު ދިވެހި ކުޅުންތެރިންނަށް އުނދަގޫތައް ކުރިމަތިވި އެވެ. ދިވެހި ކުޅުންތެރިންނަށް އަނިޔާވާވަރަށް ބޮޑެތި ފައުލްތައްކޮށް މަޔޮޓުން ލީޑު ފުޅާކުރި އެވެ. ދެވަނަ ކުއާޓާ ނިމުނީ 38-23 އިންނެވެ.
ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު: މިއީ ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު އައިއޯއައިޖީގައި ފެނުނު ފުރަތަމަ ފަހަރު.-- ފޮޓޯ: ރާއިފް ޔޫސުފް/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހި ގިނަ ކުޅުންތެރިންނަށް އަނިޔާވި މި މެޗުގައި ރާއްޖޭގެ އެންމެ ސްޕީޑްބާރު ހަލުވި ކުޅުންތެރިޔާ ޝައިލާން އަފްޒަލްގެ މޫނުމަތި ފަޅައިގެންދިޔަ އެވެ. ނަމަވެސް ބޮލުގައި ބެންޑޭޖް އަޅައިގެން ޝައިލާން މެޗު ފުރިހަމަކުރި އެވެ. ތިން ވަނަ ކުއާޓާ ނިމުނީ 25 ޕޮއިންޓްގެ ލީޑަކާ އެކު މަޔޮޓް ކުރީގައި އޮވެގެންނެވެ.
ފަހު ކުއާޓާގައި ރާއްޖެއިން ރަނގަޅު ތުރީ ޕޮއިންޓްތަކެއް ސްކޯކޮށް ލީޑު ހަނިކުރަން މަސައްކަތްކުރި ނަމަވެސް މަޔޮޓް އަތުލެވޭ ގޮތެއް ނުވި އެވެ.
މި މެޗުގައި ރާއްޖޭގެ ކެޕްޓަން ފާތިމަތި ރިޝްމާ 16 ޕޮއިންޓް ސްކޯކޮށްދިނެވެ. މުޅި މެޗުގައި އެންމެ ގިނައިން މަޔޮޓު ކުޅުންތެރިން ފައުލްކުރި ކުޅުންތެރިއަކީވެސް ރިޝްމާ އެވެ. ރާއްޖޭގެ އެހެން ކުޅުންތެރިންނަށް ބަލާއިރު އައިޝަތު އިނާޝާ 13 ޕޮއިންޓް އަދި އާމިނަތު އިސްރާއު 10 ޕޮއިންޓް ސްކޯކޮށްދިނެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭ ވާދަކުރަން ޖެހުނީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުން ބަލިވުމުންނެވެ. ސެމީ ފައިނަލުގައި މަޑަގަސްކަރަ އަތުން ބަލިވީ 94-39 ޕޮއިންޓުންނެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ލައްވާލީ ރިޔޫނިއަން އާއި ސީޝެލްސްއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުގައި ރިޔޫނިއަން އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ރާއްޖެއިން ބޮޑު ތަފާތަކުން ސީޝެލްސް ބަލިކުރި އެވެ.
Comment