27 އޮގަސްޓު 2023 - 20:43 0
ރާއްޖޭގެ ބާސްކެޓްބޯޅައިގެ ތުރީ އޮން ތުރީ އަންހެން ޓީމު މިއަދުގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
27 އޮގަސްޓު 2023 - 20:43 0
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުތަކަށް ބަލާއިރު، އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.
އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ސީޝެލްސް އަތުން 14-07 އިން މޮޅުވެފަ އެވެ. މި މެޗުގައި ރާއްޖޭގެ ޒުހާ އާއި އިފާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސީޝެލްސް ކުޅުންތެރިންނަށް އެ ދެ ކުޅުންތެރިން ހުއްޓުވުން ވީ އުނދަގޫ ކަމަކަށެވެ. އެ ކުޅުންތެރިން އެއްކުރި ޕޮއިންޓްތަކާ އެކު، ހަމަޖެހިލައިގެން ކޮންފިޑެންސާ އެކު ކުޅެލަން ފުރުސަތު ލިބިގެންދިޔަ އެވެ.
ދެ ވަނަ މެޗުގައި އަންހެން ޓީމު ނުކުތީ މަޔޯޓްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ، 13-10 އިންނެވެ. ރާއްޖެ ޓީމުގެ ކައިލީންގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފަށައިގެން ރާއްޖޭން ރަނގަޅު ލީޑެއް ނެގި އެވެ. އަދި ޕްރެޝަރު ވަގުތުތަކުގައި ވެސް ލީޑު ހިފަހައްޓަން ކުރި ރަނގަޅު މަސައްކަތާ އެކު، މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކުރީ އެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ތުރީ އޮން ތުރީ ޓީމު ވެސް ވާދަކުރެ އެވެ. ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.
ފިރިހެން ޓީމުން ފުރަަތަމަ މެޗުގައި ސީޝެލްސްއާ ވާދަކޮށް މޮޅުވެފައިވަނީ 15-12 އިންނެވެ. މި މެޗުގައި ރާއްޖެ ޓީމުގެ ޒަކިއްޓެގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ލީޑުގައި އޮތުމުގައި އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ރާއްޖެ އަށް ރަނގަޅު ޕޮއިންޓްތަކެއް އެއްކޮށްދިނެވެ. މެޗުގެ ފަހު ކޮޅުގައި ޓީމުގެ ލީޑު ހިފަަހައްޓައިދޭން އަމްޒަރު ވެސް ރަނގަޅަށް ކުޅުނެވެ.
ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެ ވަނަ މެޗުން ވަނީ މަޔޯޓް އަތުން 16-21 އިން ބަލިވެފަ އެެވެ. މަޔޯޓް އިން މެޗުގެ ކުރީކޮޅުގައި ނެގި ލީޑާ އެކު، މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅުގައި ވަނީ ބާއްވައިފަ އެެވެ.
އަންހެން ސެމީ ފައިނަލާއި ފިރިހެން ކުއާޓާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.
Comment