22 އޮގަސްޓު 2023 - 17:39 0
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާާބާ ވިމެންސް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
22 އޮގަސްޓު 2023 - 17:39 0
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށެން ކުޑަ ދުވަސްކޮޅަކަށް ވެއްޖެ އެވެ. މި މަހުގެ 25 ވަނަ ދުވަހު މަޑަގަސްކަރައިގައި ފެށުމަށް ތައްޔާރުވެފައިވާ އައިއޯއައިޖީ އަށް ދާ ދިވެހި ޓީމުތަކުން ވެސް އެންމެފަހުގެ ތައްޔާރީތަށް ކުރިއަށް ގެންގޮސްފައިވާއިރު،، ހުރިހާ އެތުލީޓުންގެވެސް އުންމީދަނީ 2019 ވަނަ އަހަރުގެ މެޑަލް ޓެލީ އިތުރުކޮށް، ގައުމު ހެއްވާލުމެވެ.
ބާސްކެޓް ޓީމުތަކުގެ ވެސް އުންމީދަކީ އެއީ އެވެ. މި ފަހަރުގެ އަންހެން ޓީމާއި ތުރީ އޮން ތުރީ ޓީމުތައް ވެސް އައިއޯއައިޖީން ފެންނާނެ އެވެ. މިއީ، ތުރީ އޮން ތުރީ އަށް މި ގޭމްސްގައި ތާރީހީ ފެށުމެކެވެ.
އެ ތަޖުރިބާ އަށް ފިރިހެން ތުރީ އޮން ތުރީ ބާސްކެޓް ޓީމުގެ ތަރިން ފުރިހަމައަށް ތައްޔާރެވެ. ކުޅުންތެރިންގެ ވިސްނުމުގައި މެޑަލް ނޫން އެހެން އެއްޗެއް ނެތެވެ. އައިއޯއައިޖީގައި ވާދަކުރާ އެހެން ޓީމުތަކުގެ މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ ނަމަވެސް، ތުރީ އޮން ތުރީއަށް ދިވެހި އެތުލީޓުންގެ އުންމީދު ބޮޑެވެ. އެއް ސަބަބަކީ ޓެކްނިކަލީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރެވެ.
"ފައިވް އޮން ފައިވްގައި މިވާގޮތަކީ ހައިޓް ވަރަށް ބޮޑަށް މެޓާ އެބަކުރޭ. އެކަމަކު ދުނިޔޭގެ ހުރިހާ މުބާރާތްތަކަށް ބަލާލިޔަސް ތްރީ އޮން ތްރީގައި ހައިޓަކީ އެއްވެސް އެއްޗެއް ނޫން. ނަގަން ޖެހޭ އަވަސް ޑެސިޝަންތަކާއި ޓެކްޓިކްސް ރަނގަޅު ކުރުމުން ނަތީޖާ ނެރެވޭނެ. ރާއްޖޭގެ ތްރީ އޮން ތްރީ ޓީމުގެ ފެންވަރު ވަރަށް ރަނގަޅަށް ފާހަގަކުރެވެނީ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން އެކަމަށް ތައްޔާރުވަމުން މި އަންނަނީ. ޓީމު އިންޑިއާއަށް ގޮސް ކުރި ތަމްރީނުތަކާވެސް އެކު، ވަރަށް ރަނގަޅަށް މިއޮތީ. ވަރަށް އެކްސައިޓެޑް މުބާރާތަށް ދާން. ފުރަތަމަ ޓާގެޓަކީ ގްރޫޕް ސްޓޭޖު ކަޑައްތުކުރުން. އިރާދަކުރެއްވިއްޔާ މެޑަލްއެއް ހިފައިގެން މިފަހަރު އަންނާނީ،" ގައުމީ ފިރިހެން ތުރީ އޮން ތުރީ ޓީމުގައި ހިމެނޭ އަބްދުﷲ އަމްޒަރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މީޑިއާ އަށް ބުންޏެވެ.
އަމްޒަރުގެ އިތުރުން ޓީމުގައި ހިމެނޭ ހުވައިލިދު އަލީ (ހުވޭ) އާއި ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިޔާ، އިސްމާއިލް ވިލްދާނަށް ވެސް މި ފަހަރު ތުރީ އޮން ތުރީގެ މެޑަލްއެއް ގައުމަށް ގެނެވޭނެ ކަމުގެ އުންމީދު ބޮޑެވެ.
"ތުރީ އޮން ތުރީއަށް ރެޑްބުލް މުބާރާތުގައި އެންމެ ފުރަތަމަ ރަނގަޅު ޗެލެންޖަކަށް ނުކުތީ. އޭރު ޑިވައިޑެޑްކޮށް ކުޅުނު އިރުވެސް، އެއްކޮށް ޕްރެކްޓިސް ކުރަމުން ދިޔައީ. ދެން އިންޑިއާ ތަމްރީނު ކޭމްޕްގައި ރަނގަޅަށް ކުޅެ، އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައި އައީ. ފުދޭވަރަކަށް ބޮންޑް ރަނގަޅަށް އުޅެނީ. އަލަށް އައިއޯއައިޖީގައި ތުރީ އޮން ތުރީ ކުޅެން މިދަނީ. އެންމެ ރަނގަޅުކޮށް ފެންނަ ފެނުމަށް އޮތީ މަޑަގަސްކަރަ. އެކަމަކު އެޓީމު އޮތީ އަނެއް ފަޅީގައި. ރާއްޖެ ފަޅީގައި އޮތީ ސީޝެލްސް އާއި މަޔޮޓް. ރަނގަޅު ފައިޓެއް ދެވޭނެ ކަމަށް އުންމީދު ކުރަނީ. އެންމެ ފުރަތަމަ ޓާގެޓަކީ ގްރޫޕްގެ ޓޮޕް ނެގުން،" ޓީމުގެ ފެންވަރު ރަނގަޅު ވެފައިވާ ކަމަށް ބުނެ، ހުވޭ ފާހަގަކުރިއެވެ.
ވިލްދާން ބުނީ އައިއޯއައިޖީ އަށް އަލަށް ދާ ނަމަވެސް، މެޑަލްއެއް ހިފައިގެން އާދެވެނޭ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށެވެ.
އަންހެން ޓީމުން ވެސް ވޭތުވެދިޔަ މަދު އަހަރުތަކެއްގައި މުހިއްމު ކުރިއެރުންތަކެއް ހޯދާފައިވާ އިރު، ޓީމުގެ ތަރިންގެ ނަޒަރުގައި މިފަހަރުވީ ލޯ މެޑަލް ރަނަށް ބަދަލު ކޮށްލަން ލިބޭނެ ފުރުސަތެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާބާ މުބާރާތުން އަންހެން ޓީމަށް ލޯ މެޑަލް ލިބިފައިވާ އިރު، އެ ލޯ މެޑަލް ރަނަށް ބަދަލުކޮށްލަން ޓީމު ތައްޔާރެވެ.
"މިދިޔަ އަހަރުގެ ސާބާ ނިންމާފައި، ކްލަބު މުބާރާތްތައް ނިމުނު ހިސާބުން އައިއޯއައިޖީއަށް މި ތައްޔާރުވަމުންދަނީ. ޓްރައި އައުޓްސްއަށްފަހު މިހާރު މިއޮތީ ސީދާ 12 ކުޅުންތެރިންގެ ސްކޮޑެއް. ސާބާގައި އަސްލު ބޭނުންވި ނަތީޖާއެއް ނޫން ނެރެވުނީ. އެކަމަކު އެ މެޑަލްއާމެދުވެސް އުފާކުރަން. އޭގެ ފަހުން ކުރިއެރުމަށް ކަންކަން ފަހިވެއްޖެ. އިންޑިއާއަށް ގޮސްވެސް އިސްކޮޅުން ދިގު ކުޅުންތެރިންނާ ދެކޮޅަށް މެޗުތަކެއް ލިބި، ރަނގަޅު ނަތީޖާތަކެއްވެސް ނެރެވުނު. ތިން މެޗު ކުޅުނު އިރު ދެމެޗުން މޮޅުވެ، އަނެއް މެޗުން ބަލިވީ ހަނި ތަފާތަކުން. ވަރަށް ރަނގަޅަށް ޓީމް އޮތީ މިހާރު. ވަރަށް ސީރިއަސްކޮށް ރަން މެޑަލް ނަގަން ވެގެން މިއޮތީ. މީގެ ކުރިން ލިބުނު ދެ ލޯ މެޑަލްއާއެކު މިފަހަރު އިރާދަކުރެއްވިއްޔާ މިދަނީ ރަން މެޑަލްއަށް ޓާގެޓް ކޮށްގެން،" ގައުމީ އަންހެން ބާސްކެޓް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) ބުންޏެވެ.
ޒުވާން ކުޅުންތެރިޔާ ރާއީ ހަމްޒާގެ ނަޒަރުގައިް ވެސް ޓީމަށް އުންމީދު އެބައޮތެވެ. އޭނާ ބުނީ ފަރިތަކުރުންތައް ވަރަށް ވަރުގަދަކޮށް ކުރިއަށް ގެންދިޔަ ކަމަށާއި، އައިއޯއައިޖީއަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ސާބާގެ ލޯ މެޑަލް އަކީ ޓީމަށް އިތުބާރު ލިބުމަށް މަގުފަހިވި މެޑަލް އެއް ކަމަށް ވެސް ރާއީ ފާހަގަކުރިއެވެ.
ގައުމީ ބާސްކެޓް ޓީމަށް ކޯޗު ގުރޭ އިރުޝާދު ދެނީ: މި ފަހަރު ޓީމާ މެދު އުންމީދު ބޮޑު ކަމަށް ބުނެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީތައް ހުއްޓިފައި އޮތީ ލޯ މެޑައްޔާ ހިސާބުގަ އެވެ. އެ ކާމިޔާބީ ތިން ފަހަރެއްގެ މަތިން ހޯދައިފި އެވެ. އެންމެ ފުރަތަމަ 2016 ވަނަ އަހަރު ނޭޕާލްގައި އޮތް ސާބާ މުބާރާތުގަ އެވެ. އޭގެފަހުން، 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގަ އެވެ.
އެންމެ ފަހުން، މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާބާ ޗެމްޕިއަންޝިޕްގަ އެވެ.
ރާއްޖޭގައި އޮތް ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ލޯ މެޑަލް ފަހަނަ އަޅާ ދެވޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވުނެވެ. ލޯ މެޑައްޔާ ހަމައިން ނިންމާލަން ޖެހުނަސް ބޮޑަތި ކުރިއެރުންތަކެއް އެ މުބާރާތުން ފެނުނެވެ.
އެ ކުރިއެރުންތަކުގެ އަލީގައި މުޅި ޓީމް މިހާރު އޮތީ ރަން މެޑެލް ހޯދުމުގެ އަޒުމުގަ އެވެ. އެ ކަމަށް ޓީމު އޮތީ ފައްކާވެފަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އޮތް ސާބާ ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުގެ ފޯކަސް އޮތީ ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާށެވެ. އަދި އެގޭމްސްގެ ފެށުން ރަން މެޑައްޔަކުން ފަށަން ޓީމްގެ ރޫހު ރަނގަޅެވެ.
އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ގުރެއިޝް އަފްރާހު (ގުރޭ) ޤަބޫލުކުރަނީ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެއީ ރީޔޫނިއަން އާއި, ޝީޝެލްސް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓީމުގެ ކުޅުންތެރިންގެ ވިސްނުން ހުރީ ރަން މެޑައްޔަށެވެ. އެކަމަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އިންޑިއާގައި ހޯދި ތަމްރީނުތަކެވެ.
ސީދާ ގޭމްސް އަށް އަމާޒުކޮށް އިންޑިއާގައި ހޯދި ތަމްރީނުތަކުގެ ތެރެއިން ވާދަވެރި މެޗުތަކެއް ކުޅުނެވެ. އޭގެތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވިޔަސް ނަތީޖާ ދިޔައީ ކައިރިންނެވެ. އިދިކޮޅުން ކުޅުނީ އައިއޯއައިޖީގައި ކުޅޭ ގައުމުތަކުގައި ހިމެނޭފަދަ ވަރުގަދަ ކުޅުންތެރިންނެވެ. އެހެންކަމުން، އައިއޯއައިޖީއަށް ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް ކުޅުންތެރިން ގަބޫލުކުރެއެވެ.
ފާތިމަތު ރިޝްމާ ފަދަ ތަޖުރިބާ ބޮޑު މަދު ކުޅުންތެރިންގެ ތެރެއަށް ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން ޓީމް އޮތީ ރަނގަޅަށް ބައްޓަން ކޮށްފައެވެ. ސޯޅަ އަހަރުން ދަށާއި 18 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމް ކުޅުނު މެޗުތަކަށްވެސް ބަލައިގެން ރަނގަޅު ޓީމެއް އެކުލަވާލައިފަ އެވެ.
"އަބަދުވެސް އަންހެން ޓީމް މަސައްކަތްކުރާނީ އެއް މުބާރާތަށްފަހު އަނެއް މުބާރާތެއް ރަނގަޅު ކާމިޔާބީއެއް ހޯދަން, ބައިވަރު ކަންތައްތަކެއް ރަނގަޅުކޮށްގެން. އަލަށް ދާ ގޭމްސްއަކަށް ވިޔަސް އަމާޒަކީ ގްރޫޕްގެ އެއްވަނާގައި ސެމީއަށް ދިއުން. 2019 ގައި ޓީމްތަކުން ކުޅުނު މެޗުތައްވެސް ބަލަމުން މިދަނީ. ލިބިފަހުރި މައުލޫމާތުތަކަށް ބޭސްކޮށް ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރަން. " ޓީމުގެ ކޯޗު ގުރޭ ބުންޏެވެ.
ގުރޭ ގަބޫލުކުރާ ގޮތުގައި މިހާރު ރާއްޖޭގެ ޤައުމީ އަންހެން ޓީމް އޮތީ މި ސަރަހައްދު ނޫނީ މި އަށް ވުރެ ރަނގަޅު ލެވެލްއަކަށް ދެވޭ ހިސާބުގަ އެވެ. މަސައްކަތް ކުރަނީވެސް އެ މިސްރާބަށެވެ. އެމަގަށް ކުރާ މަސައްކަތުގައި ވެސް މި މަހު 25 ވަނަ ދުވަހު މަޑަގަސްކަރާގައި ފަށާ އައިއޯއައިޖީ އަކީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް މުހިއްމު މުބާރާތެކެވެ.
ވޭތުވެދިޔަ މުބާރާތްތަކުގައި ރާއްޖޭގެ ޓީމަށް އިރުޝާދު ދީ, ޓީމު ޓީމެއްގެ ގޮތުގައި އެކުލަވާލީ ސްރީ ލަންކާގެ ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލް އެވެ. އެކަމަކު މިހާރު އޭނާއެއް ނެތެވެ. މިފަހަރު ޓީމް ގޮވައިގެން ރަން މެޑަލް ހޯދުމުގެ އަޒުމުގައި ދަތުރުކުރާނީ ސުޕުންގެ އެހީތެރިކަން ލިބުނު ޒުވާން ދިވެހި ކޯޗުންނެވެ. ހާއްސަކޮށް ސުޕުންއާ ގާތުން މަސައްކަތްކުރި ކޯޗު ގުރޭ އެވެ.
މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.
Comment