Advertisement

ޓްރީ ޓޮޕްގެ މިލިއަން ޑޮލަރުގެ އިންވެސްޓްމެން: އައިވީއެފް ފަރުވާ ދިވެހިންނާ ހަމައަށް

15 ޖޫން 2023 - 09:18 0

ނިމާ ހަސަން

ނިމާ ހަސަން

ރަށެއްގެ މަގުމަތިން އަންހެނަކު ކުއްޖަކު އުރާލައިގެން ދަނީ; ރާއްޖޭގައި ވަނީ އައިވީއެފްގެ ހިދުމަތް ތައާރަފުކޮށްފައި -- ފައިލް ފޮޓޯ: އަދަދު


ޓްރީ ޓޮޕްގެ މިލިއަން ޑޮލަރުގެ އިންވެސްޓްމެން: އައިވީއެފް ފަރުވާ ދިވެހިންނާ ހަމައަށް

15 ޖޫން 2023 - 09:18 0

ރާއްޖޭގައި މިހާރު ވަރަށް އާންމު ބައްޔެއް ކަމަށްވާ ޕީސީއޯއެސް ހުންނަކަން އޭނާ ވަރަށް ކުޑައިރު ޝަޒްނާއަށް (އަސްލު ނަމެއް ނޫން) އެނގިއްޖެ އެވެ. ޕީސީއޯއެސްގެ ތުރާތަކާއެކުމެ ޑޮކްޓަރުން ޝަޒްނާއަށް ދެމުންދިޔަ އެއް ނަސޭހަތަކީ އަވަހަށް ޒަވާޖީ ހަޔާތެއް ފަށާ, ދަރިއަކު ހޯދަން މަސައްކަތް ކުރަން ފެށުމަށެވެ. ނަމަވެސް, ދަރިއަކު ހޯދުމަކީ އެހާ ގޮންޖެހުން ބޮޑު, ދިގު ރާސްތާއަކަށް ވެދާނެ ކަމަށް ޝަޒްނާއަށް އޭރަކު ނުވިސްނެ އެވެ.

ދަރިއަކު ހޯދުމަށް ހަތް އަހަރު ކުރި އިންތިޒާރާއި މަސައްކަތަކީ ހިތްދަތިކަމާއި ވޭނުން ފުރިގެންވާ, ދަތި އަދި އެހާމެ އަގުބޮޑު ކަމެކެވެ. އާއިލާއާ ދުރުގައި ގިނަ ދުވަސް ހޭދަކުރަން ޖެހުމާއި ވަޒީފާއިން ޗުއްޓީ ހޯދުމާއި ނޯ ޕޭ ލީވް ނެގުން އަދި ރާއްޖެއިން ބޭރަށް ދިއުމާއި ހުރުމަށް ކުރަންޖެހުނު ހޭދަތަކުގެ އިތުރުން ޑޮލަރު ހޯދުމުގައި ދިމާވި ދަތިތައް ވެސް އިންތިހާ އެވެ.

ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އެތައް ސަތޭކަ ދިވެހިންނެއް މިއަދު ރާއްޖޭގައި އެބަތިއްބެވެ. ރާއްޖެއިން ބޭރަށް ގޮސް, އައިވީއެފްގެ ހިދުމަތް ހޯދޭނެ ގާބިލުކަން ނެތް އެތައް ސަތޭކަ މީހުންނެވެ. އެ މީހުންނަށް އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުން އައިވީއެފްގެ ހިދުމަތް ދިނުމަށްޓަކައި ހުޅުވި ފާޓިލިޓީ ސެންޓަރާއެކު އެވެ.

މި ސެންޓަރުން ގެނެސްދެނީ ރާއްޖެއިން ބޭރަށް ގޮސް ފާޓިލިޓީ ހިދުމަތް ހޯދުމަށް އުފުލަން ޖެހުނު ބުރަ ތަކުލީފުތަކަށް ލުޔެކެވެ. ތަނަވަސްކޮށްދިނީ އާއިލާ ކައިރީ ހުރެގެން ހިދުމަތް ހޯދޭނެ މަގެވެ. ކުރިން ކުރަން ޖެހުނު ހޭދަ ބޮޑުތަނުން ކުޑަވެގެން ދިއުމުގެ ފުރުސަތެވެ.

މީގެ ކުރިން އައިވީއެފް ހެދި ޝަޒްނާމެން ފަދަ މީހުން އެ ހިދުމަތް ހޯދުމަށް ދިޔައީ ބޮޑު ދަރަނި ބޮލުގައި އަޅުވައިގެންނެވެ. ނަފްސާނީ ގޮތުން އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނީ އާއިލާއާ ދުރުގަ އެވެ.

"މާލޭގައި ކުއްޔަށް އުޅެމުން, ހަމައެކަނި އާމްދަނީ ލިބެނީ މުސާރައިން ކަމަށް ވެފައި, ކުލި ދައްކަމުން އެހާ ބޮޑު ހަރަދެއް ކުރަން ޖެހުނީމަ ވަރަށް ދަތި. ފިރިމީހާއާ ދެމީހުން ލޯނުތައް ނަގައިގެން އައިވީއެފް ހަދަން ދިޔައީ. މެންޓަލީ ވެސް ވަރަށް ޑްރެއިނިން އާއިލާއާ ދުރުގައި އެހާ ދުވަހު ހުންނަން." ޝަޒްނާ ކިޔައިދިނެވެ.

އުނދަގޫ ރާސްތާއަކަށްފަހު އަލަތު ދަރިފުޅާއެކު ދުވަސްތައް ހޭދަކުރަމުންދާ ޝަޒްނާއަށް މިއަދު އިހުސާސް ކުރެވެނީ އުފާވެރިކަމެވެ. އެކި ސަބަބުތަކާހުރެ އައިވީއެފަށް ނުދެވި ތިބި އެތައް ބަޔަކަށް, އޭނާ ގިރާކުރި އޮޅިތައް ގިރާނުކޮށް މި ހިދުމަތް ލިބޭނެ މަގު ފަހިވުމުންނެވެ.

އައިވީއެފް, އައިޔޫއައި އަދި އިކްސީގެ ހިދުމަތާއެކު, ޓްރީޓޮޕުގައި ހުޅުވި ސެންޓަރުގައި ދުވާލަކަށް 6-7 މީހުންނަށް ފަރުވާ ދެވޭނެ އެވެ. އައިވީއެފްގެ ބުރެއް 46,000ރ. އަށް ނަގައިދޭއިރު, މިވަގުތު އެ ހިދުމަތް ފަށަނީ އާސަންދައިގެ ކަވަރޭޖާ ނުލަ އެވެ.

އެ ސެންޓަރުގައި އިސްވެ މަސައްކަތް ކުރައްވާ ރީޕްރޮޑަކްޓިވް މެޑިސިން ސްޕެޝަލިސްޓް ޑރ. ޒާކިޔާ އަހުމަދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ފެށި ނަމަވެސް, ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން ކުރާ ފަދައިން ސަކްސެސް ރޭޓު މަތި ކުރަން ދީނުން ހުއްދަ ނުކުރާ ފަދަ ޕްރޮސީޖާއެއް ނަހަދާނެ އެވެ. އެގޮތުން, ޑޯނަރުން ބޭނުންކޮށްގެން ދަރިން ހޯދުމާއި ސަރޮގަސީފަދަ ކަންކަމެއް ނުކުރާނެ އެވެ.

ޑަބްލިއުއެޗްއޯ, ސީޑީސީ ފަދަ ތަންތަނުގެ މިންގަނޑުން އިންފާޓިލިޓީއަށް ޑައިގްނޯޒް ކުރަނީ ދެމަފިރިއަކު 12 މަސް ވަންދެން ދަރިއަކު ހޯދަން މަސައްކަތް ކުރުމަށްފަހު ނުލިބުމުންނެވެ. ނަމަވެސް އިންފާޓިލިޓީއަށް ޑައިގްނޯޒްވާ ކޮންމެ މީހަކު އަިއވީއެފް ހަދަން ޖެހޭ މީހަކަށް ނުވެދާނެ އެވެ.

"ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހާ އިންފާޓިލިޓީއަށް ޑައިގްނޯޒްވިޔަސް ވަގުތުން އައިވީއެފަކަށް ނުދާނެ. ޓެސްޓުތަކުން ބިހުގެ އަދަދާއި ދަރިފަނީގެ ކުއަންޓިޓީފަދަ ކަންތައް ރަނގަޅިއްޔާމު އައިވީއެފާ ހަމައަށް ދިއުމުގެ ކުރިން ބަލާނީ ސިމްޕަލް ޓްރީޓްމަންޓަށް،" ޑރ. ޒާކިޔާ ވިދާޅުވި އެވެ.

އައިވީއެފްގެ މި ހިދުމަތް ރާއްޖޭގައި ގާއިމުކުރީ އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެންނެވެ. އެހެނަސް, މިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް މިފަދަ އެތައް މިލިއަން ޑޮލަރެއް ރައްކާކުރެވޭނެ އެވެ.

އައިވީއެފް ފަރުވާ ހޯދާ މީހަކަށް އެހީވާނީ ކިހިނެއް؟

އައިވީއެފްގެ ހިދުމަތް ދިވެހިންނާ ހަމައަށް ފޯރި ނަމަވެސް އަހަރުމެންގެ މުޖްތަމައުގައި ދަރިން ނުލިބޭ މީހުން ގިނަ އެވެ. އެފަދަ މީހަކު އައިވީއެފްގެ ފަރުވާ ހޯދާއިރު ވެސް އެތައް ހިތާމައަކާ ކުރިމަތިލާންޖެހިދާނެ އެވެ. އެހެންކަމުން، ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިން އެފަދަ މީހަކަށް އެހީވެވޭނެ ގޮތްތައް އެނގުން މުހިންމެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިދިޔަ މަހު ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި, ދަރިމައިވުމުގެ މައްސަލަތަކާ ނުވަތަ އިންފާޓިލިޓީއާ ކޮންމެ ހަ މީހަކުން އެކަކު ކުރިމަތިލާން ޖެހެ އެވެ. އިންފާޓައިލް ކަމަށް މާނަކުރަނީ ހުރަހަކާ ނުލާ ޖިންސީ ގުޅުން ހިންގާތާ އެއް އަހަރުވާއިރު ވެސް މާބަނޑު ނުވުމުންނެވެ.

"އަޅުގަނޑުމެންގެ ތަހުލީލުގައި މުޅި ދުނިޔޭގައި އުމުރު ދުވަހު ދަރިމައިނުވުމުގެ ނިސްބަތް ވަނީ 17.5 ޕަސަންޓަށް އަރާފައި, އޭގެ މާނައަކީ ކޮންމެ ހަ މީހުންގެ ތެރެއިން އެކަކީ މިކަން ތަޖުރިބާކުރާ މީހެއް،" ޑަބްލިއުއެޗްއޯގެ ދަރިމައިވުމުގެ ދިރާސާތައް ހަދާ ސައިންސްވެރިއެއް ކަމަށްވާ ޑރ. ގިޓައު މްބޫރޫ ވިދާޅުވި އެވެ.

އެމެރިކަން ސައިކޭޓްރިކް އެސޯސިއޭޝަނުން ބުނާ ގޮތުގައި ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ އަންހެނުންގެ ތެރެއިން 40 ޕަސަންޓު މީހުން ޑިޕްރެޝަން އަދި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވެ އެވެ. ސައިކޮލޮޖިސްޓުން ސިފަކުރާ ގޮތުގައި ދަރިމައިވިުމުގެ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ސްޓްރެސް އިހުސާސް ކުރެވެނީ ދާއިމީ ބަލިތައް ހުންނަ މީހުންނާ އެއް ވަރަކަށެވެ.

"ދަރިމައިނުވުމުގެ ސަބަބުން ކުރިމަތިވާ މީހުންގެ ޑިސްޓްރެސް ލެވެލް އަކީ ހިތުގެ ބަލި، ކެންސަރު އަދި އެޗްއައިވީއާ އެއްވަރެއް،" މިކަމުގައި ހެދިފައިވާ ދިރާސާތަކަށް އަލިއަޅުވާލަމުން ވެއިލް މެޑިކަލް ކޮލެޖް އޮފް ކޯނެލް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. އެލިޒަބެތް ގްރިލް ވިދާޅުވި އެވެ.

ދަރިމައިވުމުގެ މައްސަލަތަކާ ކުރިމަތިވުމަކީ މި ރާއްޖޭގައި ވެސް އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. އާއިލާ މީހެއް, ރައްޓެއްސެއް ނުވަތަ ދަންނަ ކޮންމެވެސް މީހަކު މިކަމާ ކުރިމަތިލަ އެވެ. މުޖުތަމައުގައި ކިތަންމެ އާންމު ކަމަކަސް, މިކަމުގައި ގާތް މީހުންނަށް އެހީތެރިވެދޭން ކުރާނީ ކީތް ކަމެއް ނޭނގެ އެވެ.

އަންހެނަކު ބަނޑުގައި އަތް އަޅައިގެން އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯއެއް; ދަރިމައިވުމުގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް މިހާރު އާންމު މައްސަލައެއް


ނަސޭހަތް ދިނުން ހުއްޓާލާފަ އަޑުއަހާ

ދިވެހިންގެ ތެރޭގައި އަށަގެންފައިވާ އެއް އާދައަކީ, އަނެކާއަށް ދިމާވެފައިވާ ކަމަކީ ތިމާއަށް މާބޮޑެތި މައުލޫމާތުތަކެއް ލިބިފައިވާ ކަމަކަށް ނުވިޔަސް, އުނދަގުލެއް, ތުރާލެއް ވާހަކަ ދައްކައިފިނަމަ ތިމާއަށް އެނގޭ މިންވަރަކުން އޭނާއަށް އެހީތެރިވެ ދިނުމަށް މަސައްކަތް ކުރުމެވެ.

ނަމަވެސް އެއީ ހުރިހާ ފަހަރަކު ރަނގަޅު ފާލަކަށް ނުވެދާނެ އެވެ. އެހީތެރިވުމުގެ ނިޔަތުގައި ބުނެވޭ އެއްޗަކުން ނުވަތަ ދެވޭ ނަސޭހަތަކުން އަނެއްކާއަށް އިތުރު ހިތްނުތަނަވަސް ކަމެއް ވެސް ލިބިދާނެ އެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ތިމާގެ ގާތް މީހަކު ތިމާއާ ވާހަކަތައް ހިއްސާކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ފޭސްބުކުން ފެނުނު ހައްލު ނުދީ އިހަށް މަޑުކޮށްލުމެވެ.

އެ ވާހަކަތައް ހިއްސާ ކުރަނީ ވަރަށް ހިތްވަރާއެކުކަން ދަތުން ވަރަށް މުހިންމެވެ. އޭނާ ދައްކާ ވާހަކައެއް އަޑުއަހަން މަޑުމަޑުން ކައިރީގައި އިނުމަކީ އެވަގުތު އޭނާއަށް ދެވޭނެ އެންމެ ބޮޑު ހިތްވަރެވެ.

ރަހުމަތްތެރިޔާ ވެސް ކަންކަމުގައި ބައިވެރި ކުރޭ

ދަރިމައިވުމުގެ މައްސަލަތަކަކީ އޭގެ ސަބަބުން ނަފްސާނީ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަކަށްވާއިރު, އެފަދަ ކަމަކާ ކުރިމަތިލާ މީހަކަށް އަނެކާގެ އުފާވެރި ހަބަރާމެދު އުފާވުމަކީ ބައެއް ފަހަރު އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެންކަމުން, އެމީހުންނަށް އެ އިހުސާސްތަކާ ކުރިމަތިލުމަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެފަދަ ކަމަކާ ކުރިމަތިލާ ރައްޓެއްސަކު ދެރަވެދާނެތީ އޭނާއަށް ދައުވަތު ނުދީ އެކުވެރިންގެ ގްރޫޕުގައި ހިމެނޭ އެހެން ރައްޓެއްސެއްގެ ބޭބީ ޝަވާއެއް ބޭއްވުމެއް ނޫނެވެ. އެހެން ކަން ކޮށްފި ނަމަ އޭނާ އިތުރަށް ދެރަވެ, މާޔޫސްވުމުގެ ފުރުސަތު ބޮޑެވެ. ދައުވަތު ދީ, އޭނާވެސް އެކަމުގައި ޝާމިލުކުރަން މަސައްކަތް ކުރާށެވެ.

ނަމަވެސް އޭނާ އެ ދައުވަތު ގަބޫލު ނުކޮށްފިނަމަ އެއީ ކީއްވެގެންކަން އަމިއްލައަށް އަންޑަސްޓޭންޑް ވާށެވެ. ހިތްބުރަކަމެއް ނުބާއްވާ, އޭނާއަށް ވަގުތު ދޭށެވެ.

ކުޑަކުޑަ ކަންކަމުން ހިތްވަރުދީ

މިފަދަ ކަމަކާ ކުރިމަތިލާ މީހަކަށް އެންމެ ބޮޑަށް އެހީތެރިވެ, ހިތްވަރު ދެވޭނީ ކުޑަކުޑަ ކަންކަމުންނެވެ. އޭނާއަށް ކުދި ހަދިޔާ ފޮނުވުމާއި އެކުގައި ޑޮކްޓަރަށް ދައްކަން ނުވަތަ ޓެސްޓް ހައްދަން ދިޔުމުންނެވެ. އޭނާގެ އަމިއްލަ އިހުސާސްތަކަށް ވަގުތު ދިނުމަށްފަހު ދޭތެރެ ދޭތެރެއިން ގުޅާ ނުވަތަ މެސެޖެއް ކޮށްގެން ހާލު ބަލާލުންފަދަ ކުދި ކުދި ކަންކަމުންނެވެ.

"އެމީހުންދެކެ ލޯބިވާކަން އެމީހުންނަށް އެނގޭނެ ގޮތް ހަދާށެވެ. ނަސޭހަތް ދިނުމަށްވުރެ ބޮޑަށް އަޑުއަހައި، ހިތްވަރުދީ، ތިމާއަށް އިތުބާރު [ކުރެވޭނެކަން] ދައްކަން ދަސްކުރާށެވެ. އެންމެ މުހިންމު ކަމަކީ އެމީހުންގެ ތަޖުރިބާ ގަބޫލުކޮށް, ނުތަނަވަސްކަމުގައި އެމީހުންނާއެކު ހުންނަން ދަސްކުރުން،" ޑރ. އެލިޒަބެތް ގްރިލް ވިދާޅުވި އެވެ.

ސުވާލު ނުކުރޭ, ބައެއްފަހަރު ހިއްސާކުރާން ބޭނުން ނުވެދާނެ

ދަރިމައިނުވުން ފަދަކަންކަމުގައި އެންމެ ހިތްދަތިވާ އެއް ވަގުތަކީ އެކަމާ ބެހޭގޮތުން މީހުން މާގިނައިން ސުވާލު ކުރުމެވެ. ދަރިން ހޯދަނީ ކޮން އިރަކުންތޯ އެހުމާއި ޒުވާން އުމުރުގައި ދަރިން ހޯދަން ނޫޅެއްޖެ ނަމަ ފަހުން ނަތީޖާ ހިތިވާނެ ކަމަށް ބުނުން ފަދަ ކުދި ކުދި ބަސްތަކުން ހީނުކުރާހާ ހިތްދަތިކަން އަނެކާއަށް ލިބިދާނެ އެވެ.

ކިތަންމެ އެނގެން ބޭނުންވިޔަސް އަނެކާގެ މިފަދަ އަމިއްލަ ކަންކަމާ ގުޅޭގޮތުން ސުވާލު ނުކުރާށެވެ. އެތައް މަސައްކަތެއް ކޮށްގެން ވެސް ދަރިއަކު ނުލިބި ހުރެދާނެ އެވެ. އެހެންކަމުން ތިމާގެ ސުވާލުތަކުން އަނެކާއަށް އިތުރު ހިތްދަތިކަން ނުދީވޭތޯ ބަލާށެވެ.

ގާތް މީހުން މިފަދަ ވާހަކަތައް ހިއްސާކުރުމަށްފަހު ފަހުން ނުކޮށް ވެސް ހުރެދާނެ އެވެ. އެއީ އެ ވާހަކަތައް ހިއްސާކުރުމަކީ ވޭންދެނިވި ކަމަކަށް ވެދާނެ އެވެ. އެހެންކަމުން މި ހާލަތުގައި ވެސް އިތުރު ސުވާލު ނުކުރުމަކީ ރަނގަޅު ގޮތެވެ. އަމިއްލައަށް ނަފްސާނީ ގޮތުން އެފަދަ ވާހަކަތައް ދައްކަން ތައްޔާރުވެގެން އަންނަން ދެން މަޑުކޮށްލާށެވެ.

ވިލިނގިލީގައި މީހަކު ކުއްޖަކު ގޮބައިގެން މޫދު ކައިރީގައި; ގިނަ މައުލޫމާތުތަކެއް ނޭނގުނަސް ދަރިމައިވުމުގައި ދަތިތަކާ ކުރިމަތިވާ ގާތް މީހުންނަށް އެހީވެވޭނެ -- ފޮޓޯ: -- އަދަދު


ދަރިމައިވުމުގެ މައްސަލައަކާ ކުރިމަތިވެފައިވާ ގާތް މީހަކު ހުރިނަމަ އޭނާއަށް ހިތްވަރު ދިނުމުގައި މިކަންކަން ހަނދާނުގައި ބަހައްޓާށެވެ. މިއީ ތިމާއަށް މާބޮޑު އެހީތެރިކަމެއް ވެވޭނެ ކަމެއް ނޫންކަން ދަނެ, އިތުރު ތުރާލެއް ކުރިމަތި ނުކުރާށެވެ. ގިނަ މައުލޫމާތުތަކެއް ނޭނގުނަސް ގާތް މީހަކަށް އެހީތެރިވެވިދާނެ އެވެ.