Advertisement

ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

29 މޭ 2023 - 15:15 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


ނައީމާގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 30 ދުވަސް ޖަހައިފި

29 މޭ 2023 - 15:15 0

ނ. މަނަދޫއިން މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ނައީމާ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުން؛

  1. ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު (23 އ.)
  2. ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އ.)
  3. ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު (21 އ.)

މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މަނަދޫން ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. ތިންވަނަ މީހަކު ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ.

މިހާތަނަށް އެ މީހުން އެ ރަށުތެރޭގައި އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މައްސަލައާ ގުޅުން ހުރި އެހެނިހެން ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ ވަޅުލައި، އަންދާލާފައި ހުއްޓަ އެވެ.

"މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ތަޖުރިބާކާރު، އިންސްޕެކްޓަ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރިކަމާއެކު ފާހަގަކުރަން،" ހަމީދު ވިދާޅުވި އެވެ.