Advertisement

ފާޓިލިޓީ ސެންޓަރާ އެކު ޓްރީޓޮޕުން އައިވީއެފްގެ ހިދުމަތް ފަށައިފި

29 މޭ 2023 - 13:43 0

ނިމާ ހަސަން

ނިމާ ހަސަން

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވުން; މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދޭ ފުރަތަމަ ފަހަރު -- ފޮޓޯ; އަދަދު


ފާޓިލިޓީ ސެންޓަރާ އެކު ޓްރީޓޮޕުން އައިވީއެފްގެ ހިދުމަތް ފަށައިފި

29 މޭ 2023 - 13:43 0

ޓްރީޓޮޕް ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ހުޅުވައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ތައާރަފުކުރި މި ހިދުމަތަކީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ނަމަވެސް ރާއްޖެއިން މީގެ ކުރިން ނުލިބޭ ހިދުމަތެކެވެ. މި ސެންޓަރުން އައިވީއެފް, އައިޔޫ އައި އަދި އިކްސީގެ ހިދުމަތް ދޭއިރު, ދުވާލަހަށް އެވްރެޖްކޮށް 6-7 މީހުންނަށް ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

ފާޓިލިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ މިއަދު ހުޅުވާ ފާޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ދިވެހިންނަށް ހުޅުވޭ ވަރަށް ބޮޑު ދޮރެއް އަދި ލުއި ފަސޭހައެއް ކަމަށެވެ. އަދި މީގެ ސަބަބުން އަމިއްލަ ގައުމުގައި އާއިލާ ކައިރީގައި ތިބެގެން ފަރުވާ ހޯދުމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސެންޓަރުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި, ދަރިމައިވުމުގެ މައްސަލަތަކުގެ ހާއްސަ ޑޮކްޓަރުންނާއި, ނަރުހުންނާއި އެމްބްރޮލޮޔޮޖިސްޓުންނެވެ.

އާދިލް ވިދާޅުވީ މި ސެންޓަރު ގާއިމުކުރުމަކީ އެ ހޮސްޕިޓަލުން ކުރި ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިފަދަ ބޮޑު އިންވެސްޓްމަންޓަކަށް ދިއުމަށް އެ ހޮސްޕިޓަލުގެ ބޯޑުން ނިންމީ, އެތައް ދިވެހިންގެ ހަޔާތުގެ އެންމެ ބޮޑު އުއްމީދު ހާސިލު ކުރުމަށް ވެވެން އޮތް އެހީތެރިކަމެއް ވާންޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ފާޓިލިޓީ ސެންޓަރު ގާއިމުކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހަރަދު ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވިދާޅުވީ މި ސެންޓަރާއެކި ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ދާ މީހުންގެ އަދަދު މަދުވެ, އެކަމަށް ހޭދަވާ ބޭރު ފައިސާގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަޒީރު ވަނީ މި ސެންޓަރު ގާއިމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު ހުޅުވާ ފާޓިލިޓީ ސެންޓަރުގެ ސަބަބުން, ޓްރީޓޮޕް ހޮސްޕިޓަލުގެ މަގުބޫލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށެވެ. މި ފަރުވާއަކީ ރާއްޖޭގައި ވަރަށް ބޭނުންޖެހިފައިވާ ހިދުމަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ, މި ފަރުވާ ހޯދާ މީހުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައި, ބޮޑު ހޭދައެއް ކޮށް, ބޮޑު ގުރުބާނީއެއްވާ ކަމަށެވެ.

"މި މަރުކަޒާއެކު، އެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ. އަދި އެތައް ފައިސާއެއް ސަލާމަތްވެސް ކުރެވޭނެ. އަދި އާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއްވެސް ގެނެސްދޭނެ" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދުމަށް ތިން ހަތަރު ލައްކަ ރުފިޔާ ހަރަދު ކުރަން ޖެހޭއިރު, ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ހޯދުމަށް ހަރަދު ކުރަން ޖެހޭނީ ގާތްގަނޑަކަށް 46,000 ރުިފޔާ އެވެ.