Advertisement

ޗެނަލް-13 ގެ މައްސަލައިން މަޖިލީހުގައި އުފެދުނީ ރައީސުންނަށް ވަނަންކިޔުމުގެ ބަހުސް

29 މޭ 2023 - 11:52 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ޗެނަލް-13 ގެ މައްސަލައިން މަޖިލީހުގައި އުފެދުނީ ރައީސުންނަށް ވަނަންކިޔުމުގެ ބަހުސް

29 މޭ 2023 - 11:52 1

ޗެނަލް-13 އަށް ފިޔަވަޅު އެޅި މައްސަލައިގައި ނޫސްވެރިކަމުގެ މިނިވަންކަމާއި އަބުރާ ބެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ގޮސް ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ވާދަވެރިން ކިޔާ ވަނަންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކަށް ބޮޑު ކަވަރޭޖެއް ދޭ ޗެނަލް-13 އިން ގެނައި ކޮންޓެންޓަކާ ގުޅިގެން ބްރޯޑްކޮމް އިން އެ ޗެނަލަށް ފިޔަވަޅު އެޅުމުން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ނަމަވެސް އެ މައްސަލައާ ހަވާލައި ދެއްވައި ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެހެން ބިލެއްގެ ބަހުސްގައި ސަރުކާރާ ދެކޮޅު ބައެއް މެމްބަރުން ވިދާޅުވީ "ވަނަންތައް" ކިއުން ފަދަ ކަންކަމަކީ ސިޔާސީ މަސައްކަތުގައި ކޮށް އުޅޭ ކަމެއް ކަމަށެވެ. އެގޮތަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަތީފު ހިމެނެ އެވެ.

އެ މެމްބަރުންނަށް ތާއީދުކުރައްވާ މޭރުމަކުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސަށް ނިސްބަތްކޮށް ވަނަމެއް ކީމާ ކަންބޮޑުވުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެގޮތަށް ވާހަކަ ދެއްކެވި މެމްބަރުންނަށް ރައްދު ދެއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ކަަމަށެވެ.

"ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ދޮގު މައުލޫމާތު ފެތުރުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން، މިސްއިންފޮމޭޝަންއާ ޑިސްއިންފޮމޭޝަން [ފަތުރައި] ފިތުނަފަސާދަ އުފެއްދުމަކީ. އިއްޒަތްތެރި ރައީސް ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން މީހުންގެ އަބުރު ކަތިލުމަކީ،" އަސްލަމް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ބްރޯޑްކޮމް އިން ބައެއް ޗެނަލްތަކަށް ފިޔަވަޅު އެޅީ އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑާ ހިލާފުވެގެން ކަމަށާއި އެހެން ނަމަވެސް މީޑިއާގެ މިނިވަންކަން އެބަ އޮތް ކަމަށެވެ. ޑިމޮކްރަސީގައި އާދެވިފައި މިތިބީ ވަރަށް އުޖާލާ ހިސާބަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް ފާހަގަކުރައްވައިފި ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް މައުމޫނާ ދިމާލަށް މިވެނި ގޮތަކަށޭ މުހާތަބުކުރަނީ. އަޅުގަނޑަކީ އެ ސަރުކާރަށް ވަރަށް ގިނައިން ފާޑުކިޔައިގެން ލިއުނު މީހެއް. ދުވަހަކު ވެސް އެ އިބާރާތް ބޭނުމެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ރައީސް މައުމޫނަށް ނިސްބަތްކޮޮށް ކިޔައި އުޅުނު ވަނަމެއް ރައީސް ނަޝީދު މިއަދު ވިދާޅުވުމުން އެކަމަށެވެ. ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ކީ ވަނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވެސް ހަނދާންކޮށްދޭނަން އިއްޒަތްތެރި މެމްބަރުންނަށް، ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާގޮނޑި ރާޖާ، މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި އެކި ގޮތް ގޮތަށް ކިޔާފައި،" ނަޝީދު ވިދާޅުވި އެވެ.

ވަނަންތަކުގެ ލިސްޓު ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން "ޗޯރު އިބުރޭ" ކީމާ ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑުވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

"މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ނަޝީދު ވިދާޅުވި އެވެ.