Advertisement

ދެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

28 މޭ 2023 - 18:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކަރަންޓާއި ކުނި ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖު އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ސޮއި ކުރެއްވުމަށް ފަހު ސަލާމްކުރައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދެ ބިލު އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

28 މޭ 2023 - 18:37 0

މާލެ ސަރަހައްދުގައި ވެމްކޯއިން ދޭ ކުނީގެ ހިދުމަތާއި ސްޓެލްކޯއިން ދޭ ކަރަންޓުގެ ހިދުމަތަށް ކުރާ ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި އެ ދެ ކުންފުނިން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމާއެކު, ކަރަންޓު މީޓަރު ހަރުކޮށްފައި ހުރި ކޮންމެ ގޭބިސީއަކަށް އަންނަ މަހުން ފެށިގެން ސްޓެލްކޯއިން ފޮނުވާ ބިލުގައި ކުނި ބިލް ހިމަނާނެ އެވެ. އެކަމަށް ގޭބިސީ ރަޖިސްޓްރީ ކުރަން ނުޖެހޭނެ އެވެ.

މާލެ ސަރަހައްދުގައި ކަރަންޓު މީޓަރު ބަހައްޓާފައިވާ ކޮންމެ ގޭބިސީއެއްގެ ކުނި ބިލް ކަރަންޓު ބިލުގައި ހިމެނޭނެ ކަމަށް މިއަދު ގެޒެޓުކުރި ގަވާއިދެއްގައި ބުނެފައިވެ އެވެ. ނަމަވެސް، ކަރަންޓު 34 ޔުނިޓަށްވުރެ މަދުން ބޭނުންކުރާ ނަމަ އެ ގޭބިސީއަކުން ކުނި ނުއުފައްދާ ކަމަށް ބަލައި، ބިލެއް ނުކުރާނެ އެވެ.

ވިޔަފާރިތަކުގެ ކަރަންޓު ބިލުގައި ކުނި ބިލް ހިމަނާނީ ރަޖިސްޓްރީ ކުރުމުންނެވެ.

ދެ ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއިކުރަން ސްޓެލްކޯގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.

މި ފަދަ ހިދުމަތެއްގެ ކުރީކޮޅު މައްސަލަތައް ދިމާވެދާނެ މައްސަލައެއް ހައްލުކުރަން ނުވަތަ ޝަކުވާއެއް އޮތްނަމަ އެކަން އެ ދެ ކުންފުންޏާ މުއާމަލާތްކުރަން އެދޭ ކަމަށްވެސް ވެމްކޯ އަދި ސްޓެލްކޯއިން އެދެ އެވެ.

ކަރަންޓާއި ކުނި ބިލް އެއްކޮށްލުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ދެ ބިލް އެއްކޮށްލުމުގެ ފަސްފަހަތް

ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލައިފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.

އެހެންނަމަވެސް ވެމްކޯގައި ރެޖިސްޓާ ނުކުރާ ގޭބިސީތަކުން އުފައްދާ ކުނި ވެސް އެ ގޭގެއިން މަގުމައްޗަށް ނެރެ އެވެ. މަލޭގެ އާބާދީގެ މަދު ބަޔަކު ފިޔަވައި ގިނަ ގޭބިސީތަކުން މިއަދާ ހަމައަށް ވެސް ކުނި އުކަމުން ދަނީ އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކަރަންޓު ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަރަމަންޓު މިނިސްޓަރު، އާމިނަތު ޝައުނާ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މީގެކުރިން ވެމްކޯއިން ވަނީ އެޕްރީލް މަހު ދެ ބިލް އެއްކޮށްލެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އެއްބަސްވުން ލަސްވުމާއެކު ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލާނީ ޖޫން މަހު ފޮނުވާ ބިލުގަ އެވެ.