ފުޓުބޯޅައިގެ އެންމެ ފޯރިގަދަ ލީގުތައް ނިމުމަކާ ގާތްވެފައިވާއިރު، މިރެއަކީ އެ ކުޅިވަރަށް މަރުދޭ މީހުންނަށް ވަރަށް ހާއްސަ ރެއެކެވެ. ބޮޑެތި ލީގުތަކުގެ ނަތީޖާ ނެރޭ އެންމެ ފޯރިގަދަ މެޗުތައް މިރޭ ކުޅޭނެ އެވެ. އެ ހުރިހާ މެޗުތަކެއް ވެސް މީޑިއާނެޓުން ވަގުތުން ގެނެސްދޭނެ އެވެ.
މިރޭ ކުޅޭ ފޯރިގަދަ މެޗުތަކުގެ ތެރެއިން އެންމެ ގިނަ ދިވެހީން ބަލާ އެއް ލީގު، އިނގިރޭސް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކަށަވަރުކޮށްފައިވާއިރު، ދެވަނަ މަގާމު ޔަގީންކޮށްފައި ވަނީ އާސެނަލުންނެވެ.
އެހެންކަމުން މިރޭ މެންޗެސްޓާ ޔުނައިޑެޓާ ފުލަމްއާ މެޗާއި ނިއުކާސަލް ޔުނައިޓެޑާ ޗެލްސީ ކުޅޭ މެޗުތަކުން މުބާރާތުގެ ތިން ވަނައާއި ހަތަރު ވަނަ ކަށަވަރުވެގެންދާނެ އެވެ. އެ މެޗުތައް ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.
މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތް ނިއުކާސަލާ ދެކޮޅަށް ނުކުންނަ ޗެލްސީއަށް މި ސީޒަނުގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ވަރުގަދަ މެޗަކަށް މިރޭ ނިއުކާސަލާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް ވަނީ ގަދަ ހަތަރެއްގެ ޖާގަ ގެއްލިފަ އެވެ.
ތާވަލުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިރޭ ނުކުންނަ ފުލަމް އިން ވަނީ ގަދަ ދިހައެއްގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. އެ މަގާމު ދިފާއު ކުރުމަށް މިރޭގެ މެޗަކީ ފުލަމްއަށް ވެސް މުހިންމު މެޗަކަށް ވާނެ އެވެ.
އެ މެޗުތަކުގެ އިތުރުން ޕްރިމިއާ ލީގުގައި މިރޭ ދެން ކުޅޭ ފާހަގަކޮށްލެވޭ މެޗުތަގައި ވާދަ ކުރާނީ ފަސް ވަނައިގައި އޮތް ލިވަޕޫލް އާއި ރެލިގޭޓް ވެފައިވާ ސައުތެމްޕްޓަން އަދި އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންދާ ބްރެންޓްފާޑްއާ އެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް މި ގަޑީގައި ކުޅޭނެއެވެ.
މިރޭގެ މެޗުތަކުން ޔަގީންވާނެ އަނެއް ކަމަކީ އިނގިރޭސި ޕްރިމިއާ ލީގުން އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅޭނެ ޓީމުތަކެވެ.
ދެން އޮތީ ސްޕެނިޝް ލަލީގާގެ މެޗުތަކެވެ. އެ ލީގުގެ ޗެމްޕިއަންކަން ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާއިން ހޯދައިފައި ވީނަމަވެސް ތާވަލުގެ ދެވަނައިން ފެށިގެން ފަސްވަނައާ ހިސާބަށް ވާދަވެރިކަން ބޮޑެވެ. ދެވަނައިގައި އޮތް ރިއާލް މެޑްރިޑާއި ތިން ވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. އަދި ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ރިއަލް ސޮސިއެޑާޑްއާއި ވިލަރެއާލްއާ ދެމެދު ވެސް އޮތީ އެންމެ ފަސް ޕޮއިންޓުގެ ތަފާތެވެ.
މިރޭގެ މެޗުތަކުގެ ތެރެއިން ސްޕެނިޝް ލީގުގައި އެންމެ ފޯރިގަދަ ވާނީ ގަދަ ހަތަރަކަށް ހަނގުރާމަ ކުރަމުންދާ އެޓްލެޓިކޯ މެޑްރިޑް އަދި ރިއަލް ސޮސިއަޑާޑް ބައްދަލުކުރާ މެޗެވެ. މިއީ މިވަގުތު ލީގުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ.
ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ މިރޭ ބައްދަލު ކުރާނީ ޓޭބަލްގެ ބާރަ ވަނައިގައި އޮތް މަޔޯކާއާ އެވެ. ސްޕެނިޝް ފުޓުބޯޅައިގެ ގަދަ ދެ ބާރު ކަމުގައިވާ ރިއާލް މެޑްރިޑް އަދި ސެވިއްޔާ ވެސް މިރޭ ބައްދަލު ކުރާނެ އެވެ.
ސްޕެނިޝް ލަލީގާގެ މެޗުތައް ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ. މި މެޗުތަކުގެ އިތުރުން މި ލީގުގެ އެހެން މެޗުތައްވެސް އެ ގަޑީގައި ކުޅޭނެ އެވެ.
ދުނިޔޭގައި މިވަގުތު ތިބި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ، މެސީ އެ ޓީމަކަށް ކުޅެމުން އަންނަ ޕީއެސްޖީން ވަނީ މި އަހަރު ވެސް ފްރެންޗު ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ޖުމުލަ 84 ޕޮއިންޓު ހޯދައިގެން އެ މަގާމު ހޯދިއިރު، ގިނަ ބަޔަކު ހައިރާންވީ ގަދަ ހަތަރެއްގައި ލެންސް ހިމެނުމުންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ލެންސްއާ ތިން ވަނައިގައި އޮތް މާސޭއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ތަފާތެކެވެ. ހަތަރު ވަނައިގައި އޮތް މޮނާކޯއާ ފަސް ވަނައިގައި އޮތް ލިލްގެ ފަރަގަކީ އެންމެ ދެ ޕޮއިންޓެވެ.
ޗެމްޕިއަން ޕީއެސްޖީން މިރޭ ސްޓްރަސްބޯއާ ދެކޮޅަށް ނުކުންނައިރު، ތާވަލުގެ ހަތަރު ވަނައިގައި އޮތް މޮނާކޯއާ ހަ ވަނައިގައި އޮތް ރެނޭ ބައްދަލު ކުރާ މެޗު ފޯރިގަދަ ވާނެ އެވެ.
ފްރެންޗު ލީގުގެ މެޗުތައް ފަށާނީ މިރޭ ރާއްޖެ ގަޑިން 12:00 ގަ އެވެ. މިރޭގެ ހުރިހާ މެޗުތަކެއް ވެސް ވަރަށް ފޯރިގަދަ ވާނެ އެވެ.
އިޓާލިއަން ލީގުގައި 33 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވަރުގަދަ އޭސީ މިލާނާއި އިންޓަ މިލާން އަދި ޔުވެންޓަސް ފަހަތަށް ޖައްސާލުމަށްފަހު ނަޕޯލީން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ލީގުގެ ދެ ވަނައިގައި ލާޒިއޯ އޮތް ނަމަވެސް ދެ ވަނައިން ފެށިގެން ހަ ވަނައާ ހިސާބަށް އޮތް ޕޮއިންޓު ފަރަގު ކުޑަވުމުން މިރޭގެ މެޗުތަކުގައި ގަދަ 4 އަކަށް ކުރާ ހަނގުރާމައިގެ ފޯރި ގަދަވާނެ އެވެ.
މިރޭ އިރުއޮއްސި 6:00 ގައި ފެށޭ މެޗުތަކުގައި ޗެމްޕިއަން ނަޕޯލީ ނުކުންނާނީ ލީގުގެ ނުވަ ވަނައިގައި އޮތް ބޮލޯނާ އާއި ދެކޮޅަށެވެ. މިރޭ އެންމެ ފޯރިގަދަވާނެ މެޗެއް ކަމުގައި ބެލެވެނީ އިޓަލީ ފުޓުބޯޅައިގެ ގަދަ ދެ ބާރު، ޔުވެންޓަސް އަދި އޭސީ މިލާނުގެ ކުރިމަތިލުމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 11:45 ގައެވެ.
Comment