28 މޭ 2023 - 16:32 0
28 މޭ 2023 - 16:32 0
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަހަރަށް 6.1 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
އިއްޔެ ކުރިއަށްދިޔަ ސީބީއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެސޯސިއޭޝަންގެ މި އަހަރަށް ލަފާކުރާ ބަޖެޓުގެ އިތުރުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓްގެ އިތުރުން އަހަރުގެ ކުޅިވަރު ކަލަންޑަރުވެސް ފާސްކޮށްފަ އެވެ. މި ޖަލްސާގައި ކްރިކެޓު ބޯޑުގެ މެންބަރު 10 ކުލަބަކުން ބައިވެރިވި އެވެ.
ސީބީއެމުން މި އަހަރަށް 6.1 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 5.7 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓަކީ ހަތަރު ލައްކަ ދަރަނި ބަޖެޓެކެވެ.
މި އަހަރު އެސޯސިއޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިންނެވެ. މިގޮތުން 2.6 މިލިއަން ރުފިޔާ ދުނިޔޭގެ ކްރިކެޓު ޖަމިއްޔާއިން ލިބޭނެކަމަށް ބެލެވެ އެވެ. މީގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން 1.19 މިލިއަން ރުފިޔާ އާއި ޔޫތު މިނިސްޓްރީ އިން 1.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަހަރުގެ ބަޖެޓުގެ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭނެކަމަށް ބެލެވެނީ ސީބީއެމްގެ ކޯޗުންނާއި އޮފިޝަލުން އަދި މުވައްޒަފުންގެ މުސާރައަށެވެ. މުސާރަތަކަށް އެކަނިވެސް ބަޖެޓުން ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މީގެ އިތުރުން ހައިޕާފޯމަންސް ތަމްރީން ޕްރޮގްރާމްތަކަށް 1.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު ކްރިކެޓު ވަސީލަތްތައް ގާއިމްކުރުމަށް ނުވަ ލައްކަ ރުފިޔާ ހަރަދުކުރަން ވަނީ ބަޖެޓުކޮށްފަ އެވެ.
ކްރިކެޓު ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ މި އަހަރު ހަތަރު ލައްކަ ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކުރި ކަމުގައިވިޔަސް އެ ބޯޑުގެ އަމާޒަކީ އަންނަ އަހަރަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލެވި ހަރަދުތައް ކުޑަކޮށް އަރަނި ބަޖެޓެއް އަންނަ އަހަރު ފާސްކުރެވޭ ފެންވަރަށް ކްރިކެޓު ބޯޑުގެ މަސައްކަތްތައް ބައްޓަންކުރުމެވެ.
ކްރިކެޓު ބޯޑުގެ އަހަރީ އާންމު ޖަލްސާގައި އެންމެ ބޮޑު ބަހުސެއް ކުރެވުނީ އެއިދާރާގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުންނެވެ. މިގޮތުން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ބައެއް ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެކަންކަން ރަނގަޅުކުރުމަށް ކްރިކެޓު ބޯޑުން ކުރަން ހުރި މަސައްކަތްތައް ދެނެގަނެ އެކަމަށް މަސައްކަތްކުރެވެމުން އަންނަކަމަށް ރައީސް ފައިސަލް ވިދާޅުވި އެވެ.
ކްރިކެޓު ބޯޑުގެ އަހަރީ އާންމު ޖަލްސާ ބޭއްވުން ލަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ފައިސަލް ވިދާޅުވީ އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގައި ލަސްތަކެއް ދިމާވީކަމަށާއި، އެކަން އަންނަ އަހަރަށް ހައްލު ކުރައްވާނެކަމަށެވެ.
Comment