Advertisement

ވައިގެ ތެރޭގައި އޮއްވާ ފްލައިޓްގެ ދޮރު ހުޅުވީ އަވަހަށް ނިކުންނަން ކަމަށް ބުނެފި

ފްލައިޓްގެ ދޮރު ހުޅުވި މީހާ ފުލުހުންގެ ކާރު ތެރޭގައި.


ވައިގެ ތެރޭގައި އޮއްވާ ފްލައިޓްގެ ދޮރު ހުޅުވީ އަވަހަށް ނިކުންނަން ކަމަށް ބުނެފި

ސޯލް، ދެކުނު ކޮރެއާ (މޭ 27) - އޭޝިއާނާ އެއާލަންސްގެ ފްލައިޓެއް ވައިގެ ތެރޭގައި އޮއްވާ ދޮރު ހުޅުވާލީ ނޭވާ ހާސްވާތީ އަވަހަށް ނިކުންނަން ވެގެން ކަމަށް، ފްލައިޓްގެ އެމެޖެންސީ އެގްޒިޓް ހުޅުވި މީހާ ބުނެފި އެވެ.

އެ މައްސަލައިގައި ހުކުރު ދުވަހު ދެކުނު ކޮރެއާގެ ފުލުހުން ވަނީ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި އިރު ފްލައިޓުގައި ގާތްގަނޑަކަށް 200 އެއްހާ ޕަސެންޖަރުން ތިއްބެވެ. ދޮރު ހުޅުވާލީ ދައެގޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއަަށް ތިރިކުރަމުން ދަނިކޮށެވެ.

ފުލުހުން ތުހުމަަތު ކުރާ ގޮތުގައި އުމުރުން 30 އަހަރުން މަތީގެ ފިރިހެން މީހާ ފްލައިޓްގެ ދޮރު ހުޅުވާލީ 200 މީޓަރު މަތިން ފްލައިޓް ދަތުރު ކުރަނިކޮށެވެ.

ހައްޔަރު ކުރުމަށް ފަހު ސުވާލު ކުރުމުން އެ ފިރިހެން މީހާ ބުނީ ވަޒީފާ ގެއްލުމުން ވަރަށް ބޮޑަށް ސްޓްރެސްވެފައި ހުރި ކަމަށާއި ދޮރު ހުޅުވާލީ ހާސްވެގެން އަވަހަށް ނިކުންނަން ވެގެން ކަމަށެވެ.

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ ގާނޫނާ ހިލާފަށް އަމަލު ކުރުމުން، އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އެ ހާދިސާ ހިނގި ވަގުތު ފްލައިޓް ތެރެއިން ނަގާފައިވާ ވީޑިއޯއެއްގައި ފެންނަނީ ދޮރު ހުޅުވާލުމާ އެކު ފްލައިޓްގެ ތެރެއަށް ކުއްލިއަކަށް ބާރު ސްޕީޑުގައި ވައި ވަދެ، މީހުން ހަޅޭއްލަވާ މަންޒަރެވެ.

ފްލައިޓްގައި ތިބި ބައެއް މީހުން ނޭވާލާން އުނދަގޫވެ، ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ.