Advertisement

އާޓެޓާ ބުނަނީ އާސެނަލުން ހެދުނު ގޯސްތައް ހޯދައި އެކަން ރަނގަޅު ކުރާނެ ކަމަށް

27 މޭ 2023 - 11:09 0


އާޓެޓާ ބުނަނީ އާސެނަލުން ހެދުނު ގޯސްތައް ހޯދައި އެކަން ރަނގަޅު ކުރާނެ ކަމަށް

27 މޭ 2023 - 11:09 0

ލަންޑަން (މެއި 27) - އިނގިރޭސި ޕްރިމިއާ ލީގު މި ސީޒަންގައި އާސެނަލަށް ނުލިބުނީ ގޯސްތަކެއް ހެދިގެންކަމަށް ގަބޫލުކުރާ ކަމަށާއި، އެކަންކަން ހޯދައި އަންނަ ސީޒަންގައި އެކަން ރަނގަޅު ކުރާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު 10 މެޗާ ހަމައަށް ދިޔައިރު އާސެނަލް އޮތީ އިނގިރޭސި ޕްރިމިއާ ލީގު ކާިމޔާބުކުރުމުގެ ރޭހުގެ ކުރީގަ އެވެ. އެ ޓީމާއި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އޭރު އޮތެވެ. ނަމަވެސް ޖެހިޖެހިގެން ދެ މެޗުން އެއްވަރުގެ ހަތަރު ޕޮއިންޓް ގެއްލުވާލައި، އާސެނަލަށް ލީގުގެ އެއް ވަނަ ގެއްލުނެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި 248 ދުވަހު އޮތުމަށް ފަހު ލީގު ގެއްލުމާ ގުޅޭގޮތުން އާޓެޓާ ބުނީ ފުރަތަމަ ކަމަކީ ގޯސްތަކެއް ހެދުނު ކަމަށް ގަބޫލުކުރުން ކަމަށާއި، އަމިއްލަ އަށްވެސް އެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އާޓެޓާ ބުނީ އޭނާގެ ޒިންމާ އަކީ 24 ކުޅުންތެރިން ބޭނުންކޮށްގެން ނަތީޖާތައް ނެރުންކަމަށާއި، ބައެއް ކުޅުންތެރިންނަށް އަނިޔާވި ދަނޑިވަޅުގައި ދެން ތިބި ކުޅުންތެރިންނަށް އެކަން ފޫބެއްދޭ ފެންވަރަށް ޓީމު ތައްޔާރުވެފައި އޮންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން، ހުރިހާ ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތުދީ ފިޓުކޮށް ބެހެއްޓުމާއި، ގިނަ މެޗުތައް ކުޅޭ ކުޅުންތެރިން ވަރުބަލިވިޔަ ނުދީ ޓީމު ބެލެންސް ކުރުން މުހިންމު ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

އާޓެޓާ ވަނީ ސީޒަންގެ ފަހުކޮޅަށް ދިޔައިރު ބޭނުންވި ނަތީޖާތައް ނެރުމުގައި އުނދަގޫތަކެއް ދިމާވީ އޭނާ އަށް ވެސް ގޯސް ނިންމުންތަކެއް ނިންމިގެންކަން ގަބޫލުކުރާކަމަށެވެ.

ކުރިން މެންޗެސްޓާ ސިޓީގެ އެސިސްޓަންޓަކަށް ހުރެ ލީގު ކާމިޔާބުކުރި އާޓެޓާ ބުނީ މި ސީޒަންގައި ދިމާވިކަންކަން ދިރާސާކޮށް ކުރިއަށް އޮތް ތާނގައި މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރާނެ ކަމަށެވެ. އަދި އޭނާގެ ޒިންމާ އަކީ ޓީމު އަންނަ ސީޒަންގައި މި އަހަރަށް ވުރެ ރަނގަޅު، ވަރުގަދަ ޓީމެއްގެ ގޮތުގައި ނެރުން ކަމަށް ވެސް އާޓެޓާ ބުންޏެވެ.

ލީގުގެ ތަށި ނުލިބި ދެ ވަނައިގައި ނިންމާލަން ޖެހުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން އާޓެޓާ ބުނީ ސީޒަން ފެށި އިރު ގިނަ މީހުން ބުނީ އާސެނަލަށް ލިބޭނީ ލީގުގެ ހަ ވަނަ ކަމަށާއި، އާސެނަލަށް ދެ ވަނަ ލިބުމަކީ ދަށް ނަތީޖާ އެކޭ އެ މީހުން މިހާރު ބުނުމަކީ ޖޯކެއް ކަމަށެވެ.

ލީގުގައި އާސެނަލް ކުޅޭ ފަހު މެޗުގައި މާދަމާރޭ އެ ޓީމު ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.