27 މޭ 2023 - 10:30 2
ނައީމާ މަރައިލިކަމަށް ތުހުމަތުވާ މީހުން ދުއްވި ކާރެއް ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. އަދަދު/ފައިލް ފޮޓޯ
27 މޭ 2023 - 10:30 2
އެޕްރީލް 7, ގައި ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރައިލިކަމުގެ ތުހުމަތުވާ މީހުން، އެ ޖަރީމާ ހިންގަން ބޭންކުރި ކަމަށް ބެލެވޭ ހަތިޔާރާއި އެހެން ބައެއް މުހިންމު ހެކިތައް ފުލުހުން ހޯދައިފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާާޅުވި ގޮތުގައި ނައީމާ މޫސާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ތަކެތި ހޯދީ ވަޅުލައި، އަންދާލާފައި ހުއްޓަ އެވެ.
ހަތިޔާރާއި އަންނައުނުގެ އިތުރުން، ގާތިލުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ރަތް ކުލައިގެ ކާރެއް ދެނެގަނެ، އެ ކާރު ވެސް ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނައީމާގެ މަރަށް މިއަދު 50 ދުވަސް ފުރުނު އިރު ހަތިޔާރާއި އެހެން ހެކިތައް ފުލުހުން ހޯދީ، ބެލެވޭ ގޮތުގައި އެ މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކުރުމުން އެމީހުން ކިޔައިދިން ވާހަކަތަކުގެ އަލީގަ އެވެ.
ނައީމާގެ މަރުގެ ތުހުމަތަށް މަނަދޫން ހައްޔަރުކުރި ދެމީހުން ފުރަތަމަ ހައްޔަރުކޮށް ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު ޖެހީ މަސްްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އެހެން ނަމަވެސް ފަހުން ވަނީ މަރުގެ ތުހުމަތާ ގުޅޭ ބަންދު އަމުރު ވެސް ކޯޓުން ހޯދައިފަ އެވެ.
ނައީމާ މަރައިލި މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
Comment